ބޮލީވުޑް އެކްޓްރެސް ރާނީ މުކާޖީއާއި އެކްޓަރު އަބީޝެކް ބައްޗަން ވަނީ އެތަކެއް ފިލްމުތަކަކުން ދެމީހުން އެކުގައި ފެނި، އެތައް ބައެއް ލޯބި ހޯދާފައެވެ. އެ ދެމީހުންގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ކަބީ އަލްވިދާ ނާ ކެހްނާ"، "ޔުވާ" އަދި "ބަންޓީ އައުރް ބަބްލީ" ފަދަ ފިލްމުތައް ހިމެނެއެވެ.

2005 ވަނަ އަހަރު ނިކުތް "ބަންޓީ އައުރް ބަބްލީ" ގެ ސީކުލްއަކުން މިހާރު އަނެއްކާ، ރާނީއާއި އަބީޝެކް ބެލުންތެރިންނަށް ފެނިލުމަށް ދަނީ ތައްޔާރުވަމުން ކަމަށް ފަހުގެ ރިޕޯޓްތައް މިވަނީ ބުނެފައެވެ.

ކުރިން ނުކުތް "ބަންޓީ އައުރް ބަބްލީ" ޑައިރެކްޓްކޮށްފައިވަނީ ޝާދް އަލީ އެވެ. އެކްޓަރު އަމީތާބު ބައްޗަން ވެސް ފެނިގެންދާ މި ފިލްމް ޕްރޮޑިއުސްކޮށްފައިވަނީ ޔަޝް ރާޖް ޕްރޮޑަކްޝަންއިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕްރޮޑަކްޝަން ހައުސްއާއި ގާތް ފަރާތަކުން ބުނެފައިވަނީ "ބަންޓީ އައުރް ބަބްލީ" ގެ ސީކުއަލް އެއް ހެދުމަށް މީގެ ކުރިން ނިންމާފައިވީނަމަވެސް، މަސައްކަތްތައް ކުރިއަށް ގެންދެވިފައި ނުވީ ސްކްރިޕްޓް ތައްޔާރު ނުވެގެންކަމަށެވެ. އަދި މި ފިލްމުގެ ވެސް ލީޑް ރޯލުން ފެނިގެންދާނީ ރާނީއާއި އަބީޝެކް ކަމަށާއި އެ ދެ ފަންނާނުންވެސް މިހާރު ފިލްމަށް އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ރާނީއާއި އަބީޝެކް ޑިކޭޑަކަށްފަހު އަނެއްކާވެސް އެކުގައި ފިލްމަކުން ފެނިގެންދާން އެއުޅެނީ. މި ފިލްމަށް ވަގުތުން ދެ ތަރިންވެސް ގަބޫލުވެއްޖެ. ކުރީ ފިލްމާ އަޅާބަލާފައި މާ ބޮޑު ތަފާތެއް މި ފިލްމަކު ނީންނާނެ. އެކަމަކު މި ފަހަރު ފިލްމު ޑައިރެކްޓް ކުރާނީ ޝާދް އެއް ނޫން. ޑައިރެކްޓަރެއް އަދި ފައިނަލްއެއް ނުވޭ. އެކަމަކު އެހެނިހެން ހުރިހާ ބޭސިކް ކަންތައްތައް ހުރީ ފައިނަލް ވެފަ. އެހެންވީމާ، ޝެޑިއުލާ އެއްގޮތަށް ކަންކަން ކުރިއަށް ގޮއްސިއްޔާ، މި ފިލްމު މިއަހަރު ތެރޭގައި ބެލުންތެރިންނާއި ހަމައަށް ފެނިގެންދާނެ" ޕްރޮޑަކްޝަން ހައުސްއިން މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

"ބަންޓީ އައުރް ބަބްލީ" އަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. އާންމުންގެ އެހާ ބޮޑު ތަރުހީބެއް މި ފިލްމަށް ލިބިގެން ދިޔައީވެސް، މި ފިލްމުގައި ހިމެނޭ މިއުޒިކްގެ މޮޅު ކަމުންކަމަށް ގިނަބަޔަކު ދެކެއެވެ.