ބޮލީވުޑްގެ މަޝްހޫރު ބަތަލާ މޯނީ ރޯއީ މުމްބާއި ސިޓީގެ ރެސްޓޯރެންޓެއް ހުޅުވާފިއެވެ.

"ބްރަހްމަސްތްރާ: ޕާޓް ވަން، ޝިވާ" ފިލްމުގެ ކާމިޔާބީއަށްފަހު، އުމުރުން 37 އަހަރުގެ މޯނީ ހުޅުވި ރެސްޓޯރެންޓްގެ ނަމަކަށް ކިޔަނީ ބަދްމާޝްއެވެ.

އޭނާގެ އިންޓަގްރާމްގައި ރެސްޓޯރެންޓްގެ ފޮޓޯއެއް ހިއްސާކުރުމުން، އޭނާއާއިއެކު މަސައްކަތްކުރާ ބައިވަރު ފަންނާނުން ވަނީ މޯނީއަށް މަރުހަބާ ކިޔައިފަވެ. މޯނީ މި ޚަބަރު ހިއްސާކޮށްފައިވަނީ "ބްރަހްމަސްތްރާ: ޕާޓް ވަން، ޝިވާ" ގައި އޭނާ ކުޅުނު ރޯލްއަށް ބޮލީވުޑްގައި ހައިބަތު ހުރި އައިފާ އެވޯޑް ހަފްލާގައި އެވޯޑެއް ލިބިފައިވަނިކޮށެވެ.

މި އެވޯޑް މޯނީގެ އަތަށް އެރުމާއިއެކު، އޭނާ ވަނީ އޭނާ ފަދައިން ކުޑަ އަވަށްތަކަށް ނިސްބަތްވާ އަންހެނުންނަށް ޚާއްސަ މެސެޖެއް ރައްދުކޮށްފައެވެ.

"ކުޑަ އަވަށްތަކުގެ އަންހެން ކުދިންނަށް ބުނެލަން ބޭނުންވަނީ އަވަށަށްވުރެ ބޮޑެތި ހުވަފެންތައް ބަލައި، އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރޭ. 16 އަހަރު ވަންދެން އަހަރެން މި އިންޑަސްޓްރީގައި މަސަައްކަތް ކުރިން. އަހަރެން ބުނެލަން ބޭނުންވަނީ ބުރަ މަސައްކަތް ކޮށްފިއްޔާ، އެއްވެސް ކަމަކީ ނުވާނެ ކަމެއް ނޫން ކަން" ލިބުނު އެވޯޑަށްޓަކައި އައިފާއަށް އަދި އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަމުން، މޯނީ ބުނެފައިވެއެވެ. އެ ފުރުޞަތުގައި މޯނީ ވަނީ އޭނާގެ ފިރިމީހާ ސޫރަޖް ނަމްބިއަރް އޭނާއަށް ހުރިހާ ވަގުތެއްގައިވެސް ދިން ހިތްވަރު ފާހަގަކޮށްފައެވެ.

އެންމެ ފަހު ފިލްމުުން ލިބުނު މަޤްބޫލުކަމަށްފަހު، ހިންދީ ޓީވީ ސީރީޒްތަކުން ތައާރަފްވެގެންދިޔަ މޯނީއަށް ވަނީ މި އަހަރުގައި ބޭއްވުނު ކެންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބިފައެވެ.