މަޝްހޫރު ބޮލީވުޑް ފިލްމީ ތަރި ރަންބީރް ކަޕޫރާއި ބަތަލާ ރަޝްމިކާ މަންޑަނާ ލީޑް ރޯލްތައް ކުޅެމުންދާ ފިލްމު "އެނިމަލް" ގައި 35 ލަވަ ހިމެނޭނެ ކަމުގެ ވާހަކަތައް ފެތުރެން ފަށައިފިއެވެ.

އޮގަސްޓް މަހަށް މި ފިލްމު ނުނެރެވޭނީ ފިލްމުގައި ހިމަނަން ބޭނުންވާ 35 ލަވައިގެ މަސައްކަތް ފުރިހަމަ ނުކުރެވިގެން ކަމަށް ފިލްމުގެ ޑައިރެކްޓަރ ބުނެފައިވެއެވެ. މި ފިލްމުގައި ހިމަނަން އޮރިޖިނަލް ހިންދީ 7 ލަވަ އުފައްދާފައިވާއިރު، އެ ހުރިހާ ލަވަތައް 5 ބަހުރުވައަކަށް ޑަބް ކުރަން ޖެހެއެވެ. ސަބަބަކީ އެ ފިލްމު ހިންދީ ބަހުގެ އިތުރަށް ޓެމިލް ފަދަ އެހެން ބަހުރުވައަށް ޑަބް ކުރަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނިންމާފައިވާތީއެވެ.

ހިންދީ ފިލްމު ޑައިރެކްޓަރު ސަންދީޕް ރެޑީ ވެންގާގެ މި ފިލްމުގައި ފެނިގެންދާނީ ގޭންގްސްޓާރުންތަކެއްގެ އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެވެ. ފިލްމުގައި 'ގޯޑްފާދަރ'ގެ ބައިން ފެނިގެންދާނީ އަނިލް ކަޕޫރެވެ. އަދި ފިލްމުގެ އިސް ރޯލް ކުޅެމުންދާ ރަންބީރްއަކީ މި ފިލްމުގައި އޭނާގެ ދަރިފުޅެވެ. ރަންބީރް ފެނިގެންދާނީ ސައިކޯޕޭތު މީހެއްގެ ސިފައިގައެވެ.

ހިންދީ ފިލްމު އިންޑަސްޓްރީގައި އާންމުކޮށް ހެއްވާ މަޖާ ފިލްމުތަކުގައި ކޮމެޑީ ޝަހްސެއްގެ ބައިން ފެނިގެންދިޔަ ޝަކްތީ ވެސް މި ފިލްމުގައި ތަމްސީލުކުރާނީ އުމުރުން ދުވަސްވީ ގޭންގްސްޓާރެއްގެ ޝަހްސެކެވެ.

އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، މިހާރު މި ފިލްމުގެ ބޮޑު ބައެއްގެ މަންޒަރު ވަނީ ނަގާ ނިންމައިފައެވެ. އެންމެ ފަހުގެ ޝޫޓިން ފުރިހަމަ ކުރުމަށްޓަކައި 12 ދުވަހުގެ ޝެޑިއުލްއެއް ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުން ހާމަކޮށްފައިވާ ގޮތުގައި ފިލްމުގައި އިސްވެ ބަޔާންކުރެވުނު ތަރިންގެ އިތުރަށްވެސް އެހެނިހެން ބައިވަރު މަގްބޫލު ފަންނާނުންވެސް ހަރަކާތްތެރިވެއެވެ. އެހެންކަމުން، "ބްރަހްމަސްތްރާ" އަދި "ތޫ ޖޫޓީ މޭ މައްކާރް" ގެ ކާމިޔާބީއަށްފަހު، "އެނިމަލް" ވެސް ވެގެންދާނީ ރަންބީރަށް ކާމިޔާބު ފިލްމަކަށް ކަމުގައި ގިނަ ބަޔަކު އުންމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު