ނޯޓް: މިއީ ދިވެއްސަކަށް ދިމާވި ހަޤީޤީ ހާދިސާއެކެވެ. މި ވާހަކަ ގެނެސްދީފައިވަނީ އޭނާގެ ގާތް ރަހުމަތްތެރިއަކު "ވަގުތު" އާއި ހިއްސާކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ. ނަމަވެސް ސަބަބުތަކަށްޓަކައި ވާހަކައިގެ ބައެއް ބައިތަކަށް އުނި އިތުރުތައް ގެނެވިފައިވާނެއެވެ.

ކުޑައިރުއްސުރެ އަޑުއަހަމުން އައި އެއްވާހަކައަކީ، ދުނިޔެ ތޮށަލިދުޅައަށް ހިނގާ ވާހަކައެވެ. އެހެނަސް އެއީ ހަމަ ތެދެއް ބާވައެވެ. މާޒީ އެއީ ނުލާހިކު ހެއްވާ އެއްޗެކެވެ. ދެރަކަމެއް ނަމަ އަބަދުމެ އެކަމެއް ހިތުތެރޭގައި ވާނެއެވެ. ހަނދާންތައް ސިކުނޑީގައި އެނބުރި އެނބުރި ހުންނާނެއެވެ.

ދެރައެއް ލިބުމުން ބޭނުންކުރަން ބޭހެއް އުފައްދާފައިވާނަމައެވެ. އެހެންނަމަހީ އަހަރެން ހުންނާނީ މިހާލުން އަރައިގަނެ ހިތްހަމަޖެހިލައިގެންނެވެ. ފިރިހެނަކަށްވެ ހުރެ، ހަޔާތް ދައްކަމުންދާ މަންޒިލަށް ކަޅު ބަނަ ވިލާގަނޑެއްގެ ހިޔަނިއެޅި ސުންނާފަތިވެގެންގޮސް، ދާނޭ ދިމާލެއް ނެތި އަހަރެން ހުންނާން ޖެހުން އެއީ ބައެއް މީހުން އަހަރެންނަށް ކުރާ މަލާމާތަށް ވެދާނެއެވެ. އެކަމަކު އެފަދަ ސަމާސާ މަލާތްމަތްތަކަށް ފަސް އެނބުރި ބަލާލާނެ ހިއްވަރެއް އަހަރެންގެ ގައިގައި ނެތެވެ. އިސްއުފުލާ ބަލާލާނެ ހިތްވަރުވެސް ނެތިއެވެ. ގައިބާރު ދޫ ވެފައިވާ ނިކަމެއްޗެއް ފަދައިން އާ މަންޒިލެއްގެ އަލިކަން ފެނޭތޯ މަސައްކަތް ކުރަނީ އޭގެން އެއްވެސް އަޑެއް ނީވޭކަމަށް ހަދައިގެން އެފަދަ މީހުންނަށް ބީރު ކަންފަތެއް ދީގެންނެވެ.

ވީރާނަވެފައިވާ އަހަރެންގެ މި ހަޔާތުގެ ވާހަކަތައް ކިޔައިދިނުމުގެ ކުރިން މީގެ ހަތަރުވަރަކަށް އަހަރު ކުރިއަށް ޖެހިލާނަމެވެ. އޭރު އަހަރެން މިއީ މުޅިން ތަފާތު މީހެކެވެ. މިހާރާއި ޚިލާފަށް އަބަދާއި އަބަދު އުފަލުން ފޮޅިފައި ހުންނަ އުފާވެރިޔަކީމެވެ.

އަހަރެންނަށް ހަންމި ދެކެ ލޯބިވެވުނީ ކޮންދުވަހަކު ކިހިނެއް ނުވަތަ ކީއްވެގެން ކަމެއް އަދިވެސް ނޭނގެއެވެ. ބުނަން އެނގޭހައި ވެސް އެއްޗަކީ އޮފީހުން ފުރަތަމަ އޭނާ ފެނުނު ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުން އޭނާއަށް ޚާއްސަ ދަރަޖައެއް ދެވުނުކަމެވެ. އެހެން އަންހެން ކުދިންނާއި މެދު ނުވިސްނޭ ނަޒަރަކުން ވިސްނި، ބައެއް ރޭރޭ ނިދުމަށްވެސް ނުކުޅަދާނަވާ ހަނދާން އެބަހުއްޓެވެ.

އޭގެ ދެތިން މަސް ފަހުން އަހަރެންނަށް ހަންމި ދެކެ ލޯބިވެވުނު ކަމުގެ އިހްސާސް ކުރެވި، އަހަރެންގެ މިލްކަކަށް ހަންމި ހެދުމަށް އަތުކުރި އޮޅާލާ މަސައްކަތް ފެށީމެވެ. އަހަރެންނަކީ ފިރިހެންވަންތަ ސިފައެއްގެ ވެރިއެއްކަމަށް އޮފީހުގައިވެސް އަޑުފެތުރިފައިވާ ކަން އެނގޭތީ ނިކަން ފަޚުރުވެރިކަމާއެކުއެވެ. އެކަމަކު ހަންމި އަހަރެންގެ ލޯތްބަށް އިޖާބަ ދިނީ ހަމައެކަނި އަހަރެންގެ ރީތި ސިފައަށް ބަލާފައި ނޫން ކަމާއި އޭރުވެސް އޭނާގެ ހިތުގައިވެސް އަހަރެންނަށްޓަކައި ބަޔާން ކުރަން ނޭނގޭ ޖަޒުބާތީ ރާޅު ބާނި ނަގަމުންދިޔަކަމަށް އޭނާ ވަނީ ރައްޓެހިވުމަށް ފަހު އަހަރެންގެ ގާތުގައި ބުނެފައެވެ.

ދުވަސްތައް އެސްފިޔަ ޖަހާލާހައި ހަލުވިކަމާއިއެކު ދަތުރުކުރަމުން ދިޔައީ ހަޔާތުގެ ހުރިހައި ރަހައަކުން އަހަންނަށް ރަހަދައްކަމުންނެވެ. އެކުގައި ވަގުތު ހޭދަކުރުމަކީ ލޯބި ނޫން ކަމާއި ދުރުގައި ވެސް އުޅެން ޖެހޭނެ ކަމާއި އެފަދަ ވަގުތު ތަކުގައިވެސް އަބަދުވެސް ދެމީހުން އެކަކު އަނެއްކަކަށް ދޭން ޖެހޭ ވަގުތާއި ލޯބި ދިމުނުގެ މުހިންމުކަން ވެސް އަހަރެންނަށް ދަސްވަމުން ދިޔައެވެ. އަހަރެން ހިތްހަމަ ނުޖެހޭ ބައެއް ސިފަތައް ހަންމި ކިބައިގައި ހުރިނަމަވެސް، ވީ ވަރަކުން އޭނާ ދިޔައީ އެފަދަ ސިފަތައް މަދުކުރަމުންނެވެ. ހަންމި ހިތްހަމަނުޖެހޭ ފަދަ ކަންކަމާއި ދުރުވެ، ހިތްގައިމު ދިރިއުޅުމެއްގައި އުޅެވޭތޯ އަހަރެންވެސް މަސައްކަތް ކުރަމުން ދިޔައީމެވެ.

ކުރު ގޮތަކަށް ބުނާނަމަ، ހަންމި ދިޔައީ އަހަރެން އޭނާ ދެކެ އިތުރަށް ލޯބި ޖެއްސުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނެވެ. އެވީ ހަތަރު އަހަރާއި ތިން މަސް ތެރޭގައި މައްސަލަ ފަށެއްވެސް ވާނީ ޖެހިފައެވެ. ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން ނަމަ ވަރި ފަށަށް އަރާ ވަރަށް އަހަރެމެން ކޯޅެމެވެ. އެހެންނަމަވެސް އެހެން ލޯބިވެރިން ފަދައިން އަހަރެމެން އެކަކު އަނެއްކަކާ ވަތްކެއް ނުވަމެވެ. ކޮންމެ ފަދަ ހާލަތެއް ދިމާވި ނަމަވެސް ދެމީހުން އެކުގައި އުޅެވޭތޯ މަސައްކަތް ކުރީމެވެ. އެ ގުޅުމަށް އަލްވަދާޢުކިޔާކަށް އަހަރެމެން ދެމީހުންކުރެ އެކަކުވެސް ބޭނުމެއް ނުވެއެވެ.

ދެ ފަރާތު އާއިލާއަށްވެސް އެނގިގެން އުޅެމުން ދިޔަ ނަމަވެސް، ދެމީހަކު ހަމަޖެހޭ އުޅެމެއްގައި އުޅެންޏާ ހަސަދަވެރިވާ މީހުން އުޅޭ ނޫން ހެއްޔެވެ؟ އެފަދައިން ތަފާތު އަޑުތައް އަރުވައިގެން އަހަރެމެން ދެމީހުންވެސް ދުރު ކުރުވޭތޯ ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރިކަން އަހަންނަށް އެނގެއެވެ. އޭގެ ތެރޭގައި މާ ގާތްވެގެން އުޅުނު ރައްޓެހިންވެސް ހިމެނުނުކަމީ ފަހުން އެ ހަޤީޤަތާއި އަހަންނަށް ކުރިމަތިލާން ޖެހުނު ކަމެއްވެސް މެއެވެ. އެންމެ ފަހުން އަހަރެމެންގެ ގުޅުމަށް ރައްޓެހިންގެ ވިހަ ވެސް ފޯރީތީއެވެ.

އެފަދަ ހާލެއްގައި އުޅެމުންވެސް އަހަރެން ދިޔައީ ހަންމި އާއި ވަކިނުވެ، އަހަރެންގެ ހިތުގެ މަލިކާއާއިއެކު ހަޔާތުގެ ކުރިއަށް އޮތް ދުވަސްތައްވެސް ހޭދަކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދެން އެކަމަށް ހުރަސް އެޅީ ތަގުދީރެވެ. ހަންމި ކެންސަރުގެ ޝިކާރައަކަށްވެ، އޭނާގެ އަމިއްލަ ނަފުސް މަތިން ފޫހިވެ ހިތްވަރު އެލިގެން "މޮޔަ" ގޮވަން ފެށި ހިސާބަކީ އަހަރެން އެންމެ ނާއުންމީދުވި ހިސާބެވެ. އޭނާއަށް ކެންސަރު ޖެހިފައިވާކަން އެނގުނު ދުވަހަކީ އަހަރެން އެންމެ ދެރަވި ދުވަހެވެ. ފުރާނަ ފަދައިން ލޯބިވާ މީހަކު އެފަދަ ވޭނެއްގައި އުޅޭތަން ދުށުމަކީ ފިރިހެނެއް ކަމުގައިވިޔަސް ހިއްވަރުކޮށްފައި ބަލަން ހުންނަން ފަސޭހަ މަންޒަރެއް ނޫނެވެ.

ހަންމި ހީކުރީ އޭނާ އަކީ ބަލި މީހެކޭ ބުނެ، އަހަރެން އޭނާ ދޫކޮށް އަހަރެން ގޮސްފާނެ ކަމަށެވެ. ނަމަވެސް އަހަރެން މިއީ އެފަދަ އުޅުމަސް ލޯބިކުރާ މީހެއް ނޫންކަން އަހަންނަށް އެނގެއެވެ. އޭގެ ބަދަލުގައި އަހަރެންގެ ހުރިހާ ވަގުތުތަކެއް ހަންމި އަށް ހުސްކޮށް، އޭނާއަށް ހިތްވަރު ދެމުންދިޔައީމެވެ. ހިތްވަރު ކުރުމަށާއި އަބަދުވެސް އަހަރެން އޭނާއާއިއެކު ވާނޭކަން ހަނދާންކުރުމަށް ތަކުރާރުކޮށް ބުނީމެވެ. އޭނާގެ ލޮލުން ފައިބާ ކޮންމެ ކަރުނަ ތިއްކެއް ލޯޔްބާއިއެކު ފުހެލަ ދިނީމެވެ. ރޭގަނޑުގެ ނިދި ގުރުބާންކޮށް އޭނާގެ ޚިދުމަތުގައި ހޮސްޕިޓަލްގައިވެސް ކިތަންމެ ދުވަހެއް ހޭދަކުރީމެވެ. އަހަރެންގެ ހިތުގައި ހަންމިއަށްޓަކައި ދެވިފައިވާ މަތިވެރި ލޯތްބެއްގެ ސަބަބުންނެވެ.

ހަންމިގެ ފަރުވާއަށް ފުދޭ ވަރަކަށް ފައިސާ ބޭނުންވާތީ، ރައްޓެހިންގެ އެހީތެރިކަމާއިއެކު އޭނާގެ ބޭސް ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރީ، އެއީ އަހަރެންގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. ބައެއް ނޫސްތަކަށް އިންޓަވިއު ދީގެންނާއި މަގުތައްތައް މައްޗަށް ނިކުމެ ފަންޑް ރައިސިންގެ ބައެއް ހަރަކާތްތަށްވެސް އަހަރެން އިސްނަގައިގެން ކުރިއަށް ގެންދިޔައީމެވެ. ހިތްވަރު އެލުވާ ނުލައި ހަންމިގެ ހައްގުގައި މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ލޯބީގައި ދީވާނާ ވެފައިވާ އަޅެއް ފަދައިންނެވެ.

ﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު ދީލަތި ފަރާތްތަކުގެ ހެޔޮ އެދުންތަކުގެ ސަބަބުން، ފަންޑް ރައިޒިން އިވެންޓަށް 86 ހާހެއްހައި ދިވެހި ރުފިޔާ ލިބުނު އިރު، އެކައުންޓް މެދުވެރިކޮށްވެސް ގާތްގަނޑަކަށް ލައްކައެއްހައި ރުފިޔާގެ އެހީ ލިބިފައި ހުއްޓެވެ. އެއާއެކު ދާދިއަވަހަށް ހަންމި މުޅިން ރަނގަޅުވެ އިހު އުޅުނު އުފާވެރި ދިރިއުޅުމަށް ރުޖޫއަ ވާނެ ކަމުގެ އުންމީދު އަހަރެންނަށް ކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ.

ބޮޑު އިމްތިހާނެއް ނިމި، އަނެއްކާވެސް ހަޔާތަށް ބޮޑު ލުޔެއް ލިބި އުފާވެރި ދުވަސްތަކެއް ހަންމިއާއެކު ހޭދަކުރެވޭނެ ކަމުގެ ފޮނި އުންމީދުގައި ހުރި އަހަރެންނަށް، ސިހުމެއް ލިބުނީ އޭނާގެ ބަލި ފަސޭހަ ވުމަށްފަހު މާ ގިނަ ދުވަހެއް ނުވެ އޭނާ އަހަރެން "ބޮލޮކް" ކޮށްލީމައެވެ. ކުރިން އެހާގިނައިން ކޫސަނި މައްސަލަ ޖެހޭއިރުވެސް ހައްލު ކުރުމަށް ހަންމި މަސައްކަތް ކުރާނެއެވެ. އެހެންވެ އެ ފަހަރުވެސް އެހެންވާނެ ކަމުގެ އުންމީދުގައި ހުއްޓާ، ދެން ފެނުނީ އޭނާ އަހަރެންނަށް ދުރުވާން ފެށި މަންޒަރެވެ. އޮންލައިންގައި އިންނައިރުވެސް ޚަބަރުވުން މުޅިން ހުއްޓުމަކަށް އައެވެ. އެއް ދުވަސް ފާއިތުވެ ދާއިރު، އަހަރެން ކުރާ މެސެޖްތަކަށް ހަންމި ރިޕްލައިއެއް ނުކުރެއެވެ. ގުޅާ ގުޅާ ހާންތި ވާއިރުވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. ކަންބޮޑުވެފައިވާ ހާލުގައި އަހަރެން އޭނާގެ އާއިލީ ފަރާތްތަކަށްވެސް ގުޅައިގެން އޭނާގެ ހާލު ބަލަމުންދިޔައީމެވެ. ހަންމި ކޮބައިތޯ އެހުމުން ސީރީޒް ބެލުންފަދަ ކޮންމެވެސް ކަމެއްގައި އުޅޭވާހަކަ ބުނާނެއެވެ. އޭނާގެ ފޯނުވެސް ކައިރީގައި އޮންނަކަން އަހަރެންނަށް އެނގުނީވެސް އެފަދައިން އޭނާގެ މަންމައަށް ގުޅުނު ދުވަހެއްގައި ދެކެވުނު ވާހަކަތަކެއްގެ ތެރެއިންނެވެ.

ހަންމި އިންޑިއާގައި ފަރުވާ ހޯދަމަށް ގޮސް ހުރިއިރު، ދެ ފަހަރެއްގައި އަހަރެން އޭނާގެ ކައިރިއަށް އިންޑިއާއަށްވެސް ދިޔައީމެވެ. އެއިން ދަތުރެއްގައިވެސް ފޯނު ބަލާލުމަށް ދިނުމަށް އެދުމުންވެސް އޭނާ އެކަމަށް ކުރީ އިންކާރެވެ. އިތުބާރު ނުކުރަނީހޭ ބުނެ ހިތް ރޮއްވާލިއެވެ. ނަމަވެސް ހަންމިގެ ބައްޔަށް ވިސްނާފައި އޭނާއަށް އިތުރު "ޕްރެޝަރެއްް" ދޭން ބޭނުން ނުވުމުން އިތުރަށް އެކަންތައް ބޮޑު ނުކޮށް ހުރީވެސް ހިތުގައި އޭނާއަށްޓަކައި ދެވިފައިވީ ދަރަޖައެއްގެ ސަބަބުންނެވެ.

އެކުގައި އުޅެން ބޭނުން ނޫންކަމަށް ބުނެ ހަންމި އަހަރެން ދޫކޮށް ދިޔައީ އަހަރެންގެ ބަލިކަށި ހިތް ކުދިކުދި ކޮށްލާފައެވެ. އޭނާގެ އެންމެ ފަހު މެސްޖްގައި ވަނީ "އައި ވޯންޓް ޓު ބީ ހެޕީ އެންޑް އައި ވޯންޓް ޔޫ ޓު ބީ ހެޕީ" މިހެންނެވެ. އެއާއެކު ހަންމިގެ ހުރިހާ ހަނދާންތަކެއް މާޒީގެ ހިތި ސަފުހާތަކުގެ ތެރޭގައި ފޮރުވާ ކަފުން ކުރަން އަހަންނަށް މަޖުބޫރުވީއެވެ. ހިތާއި ދެކޮޅަށް އެ ހަޤީޤަތް ޤަބޫލުކުރަން މަޖުބޫރުވީއެވެ.

އަހަރެމެން ދެމީހުންގެ ގުޅުން ނިމުމަކަށް އައިތާ ހަފްތާއެއް ތެރޭގައި ހަންމި އެހެން މީހަކާއިއެކު ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށި ޚަބަރުވެސް އެހީމެވެ. ލޯތްބަކީ ކެހިވެރި އެއްޗެއްކަން އަހަންނަށް ވިސްނުނު ދުވަހަކީ އެއީއެވެ. ހަތަރުމަހާއި ތިން މަސް އެކުގައި އުޅުމަށްފަހު ކެހިދީފައި އެދިޔައީ ހާދަހާ ހިއްވަރު ހުރުމުންނެވެ. އަހަރެންނަށް ހަންމި ބުނެގެން ނުކުރެވި އޮތީ ކޮންކަމެއް ކަމާމެދުވެސް ވިސްނުވަރެއް ނޭނގެއެވެ. އޭގެބަދަލުގައި އަހަންނަށް ލިބޭ ހަދިޔާއަކީ މިއީ ހެއްޔެވެ.

މިއަދު ހަންމި އުޅެމުންދަނީ އުފަލުގައިކަން އަހަރެންގެ ހިތް ބުނަމުންދެއެވެ. އެކަމަކު އޭނާގެ ހައްގުގައި ރެޔާ ދުވާލު ގުރުބާންވި މި ނިކަމެތި އަހަރެން މިއުޅެނީ ކިހާ ވޭނެއްގައިކަމެއް އޭނާއަށް އެނގޭނެބާއެވެ. މިއަދު މީހުންނަށް އިތުބާރު ކުރުމަކީ އަހަރެންނަށް ދަތިކަމެކެވެ. މީހުންނާއި ވާހަކަ ދެއްކުން މަދުވެ، ބަސްމަދު "ގަބު" މީހަކަށް އަހަރެންވީ އެ ދުވަހަށްފަހުއެވެ. މަލާމާތްކުރުމުގެ ކުރިން، އަދި އެއްފަހަރު ވިސްނާލައްޗެެވެ. ފަހަރުގައި ތިބާއަށް ލިބިފައިވާހައި އުފާވެރިކަމަކާއި ނަސީބެއް އެހެން އެންމެނަށް ލިބިފައި ނުވެދާނެކަމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަންހެންކުއްޖާ

    ވަރަށް ދެރަވެއްޖެ.... އެފިރިހެންކުއްޖާއަށް އުފާވެރި ބާއްޖަވެރި މުސްތަޤުބަލަކަށް އެދެން....

  2. މަ

    އިންޝާﷲ އަދި ރަނގަޅުވާނެ އެކަމް ހަރާމް ގުޅުމެއްގަ އުޅެން އުންމީދު ނުކުރާތި.. ހެޔޮހާކަމަކަށް މާތްﷲ ހަޒުރަތުން އުންމީދު ކަޑައިނުލާނީ މުއުމިނުން

  3. އެއްމެން

    މީހަކަށް ކިތަންމެ ބޮޑުއެހީއެއް ވެދީފާވެސް ފަހަތުން ޝަކުވާ ނުކުރަމާ ބަހީއެވެ. އަންލިމިޓެޑް ލޯބީގެ ހައްގުވެރިޔަކީ ތިބާ އުފައްދަވާ ބޮޑުކޮށް ގެންގުޅުވާ އިލާހެވެ. މާތްﷲ އެވެ. ދެން އެއިލާހު މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވި ރަސޫލާ އެވެ. އަންލިމިޓެޑެޓް ލޯބީގެ ބަދަލު ހޭންޑްލް ކުރުމުގެ ގާބިލުކަން އިންސާނަކަށް ލިބިގެން ނުވެއެވެ. ވީމާ ތިޔަލޯބި މާތް ﷲ އަށް ޑައިވާޓު ކުރާށެވެ. އެއީ ދެއްވުމުގައި ޙައްދެއް ނުވާ އިލާހެވެ. ކޮންމެ ޝަކުވާއެއް އަޑުއެއްސެވުމާއި އެޝަކުވާ އަކަށް އެއްމެ އެކަޝީގެންވާ ޙައްލު ހޯއްދަވާދެއްވުމުގެ ކުޅަދާނަކަން އެއިލާހަށް ލިބި ވޮޑިގެންވެއެވެ. އަންލިމިޓެޑް ލޯބި ﷲ އަށް. ހައްމިއަކަށް ނޫން.

    • ކިޔާ

      ސުޕަރ ކޮމެންޓެއް.އަހަރެންގެ ފުރިހަމަ ތާއީދު ތިކޮމެންޓަށް އަދި ތިކޮމެންޓުކުރި ފަރާތަށް.

      • މީ

        ޔާ

  4. ލޫލު

    މައި ލައިފް އިޒް އަ މެސް.. ޔޫ އަރ ނޮޓް ދި އޮންލީ ޕާރސަން. މިއުޅެނީ މިދުނިއިން އެންމެ ލޯބިވި މީހާއާ އެކުގައި އެކަމް މެރީކުރީއްސުރެ މިއަދާ ހަމައަށް މިއުޅެނީ.. އެއްވެސް އުފަލެއްނުލިބޭ! ހެއްދެވި ފަރާތަށް ދުއާކޮށްލަ ކޮށްލަ މިހުންނަނީ މިއައްވުރެ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއްް ދެއްވުން އެދި.. އަދިވެސް އުއްމީދު ކަޑައެއްނުލަން.. މިގޮތުގައި އެކަމަކު މުޅި އުމުރު ހޭދަކުރާނީވެސް ކިހިނެއް؟ ދިރިއުޅުން ވަރަށް އުފާވެރިކޮށްވެސް ގެންދެވިދާނެ ދެމީހުންވެސް އެކަމަށް މަސައްކަތްކުރާނަމަ..