ބޮލީވުޑް ފިލްމު "ޕަލްޓަން" އަށް އެކްޓަރް އަބީޝެކް ބައްޗަން އެއްބަސްވިތާ މާ ގިނަ ދުވަހެއް ނުވެ އޭނާ ވަނީ އެ ފިލްމު ދޫކޮށްލާފައެވެ. 2006 ވަނަ އަހަރަށްފަހު ބޮލީވުޑުން ފެނިފައި ނުވާ، އެކްޝަން ފިލްމުތައް ޑައިރެކްޓް ކުރުމަށް މަޝްހޫރް ފިލްމް ޕްރޮޑިއުސަރު ޖޭޕީ ދައްޓާ، މިހާ ގިނަ ދުވަސް ފަހުން އުފައްދާ ފިލްމުގައި ބައިވެރިނުވެވުމުން، އަބީޝެކް ވަނީ އެކަމާ ދެރަވި ކަމަށް ދާދިފަހުން ބުނެފައެވެ.

2000 ވަނަ އަހަރު ބޮލީވުޑަށް ނިކުތް އަބީޝެކްއަށް މި ދާއިރާއަށް ލޯ ހުޅުވައިދިނީވެސް "ޕަލްޓަން"ގެ ޑައިރެކްޓަރު ޖޭޕީ ކަމަށް އޭނާ ބުނެއެވެ.

"އަހަރެން (ޕަލްޓަން) އަށް އެއްބަސްވީ އެ ފިލްމު ވަރަށް ކުޅޭ ހިތުން. އެކަމަކު ޕާސަނަލް ސަބަބަކާ ހުރެ އެ ފިލްމު ދޫކޮށްލަން ޖެހުނީ. އަހަރެން އެކަމާ ވަރަށް ދެރަވޭ. ޖޭޕީ އަކީ ހަމައެކަނި އަހަރެން މި ދާއިރާއަށް ނެރެދިން ފަރާތެއް ނޫން. އަހަރެންގެ އާއިލާ މެންބަރެއް ފަދަ މީހެއް އެއީ. އެހެންވެ، އެހާ ގިނަ ދުވަހަށްފަހު ޖޭޕީ ފިލްމެއް އުފައްދާތީ އަހަރެންވެސް އެ ފިލްމު ކުޅެން ބޭނުންވީ. އެކަމަކު ފަހުން ފިލްމުގައި ބައިވެރިނުވެވުނު ނަމަވެސް، އެންމެ ކުރިން އެ ފިލްމު ބަލަން ވަންނާނެ އެކަކަށް އަހަރެން ވާނަން" އަބީޝެކް ބުނެފައިވެއެވެ.

އަބީޝެކް ފިލްމު ދޫކޮށްލުމުން ދެން އެ ފިލްމުން ފުރުސަތު ދީފައިވަނީ އެކްޓަރު ޙާޝްވަރްދަންއަށެވެ.

އަރުޖުން ރަންޕާލް، ސިދަންތަ ކަޕޫރު، ލަވް ސިންހާ، ގުރުމީތް ޗައުދުރީ އަދި ހާސްވަރުދަން ރޭން އާއިއެކު ބޮޑު ކާސްޓެއް އެކުލެވޭ މި ފިލްމް މި ފެށޭ ސެޕްޓެމްބަރު 7 ގައި ރިލީޒް ކުރާނެއެވެ.

މި ފިލްމްގައި ދައްކުވައިދޭނީ 1967 ގައި ސިއްކިމް ބޯޑަރު ކައިރީގައި އިންޑިޔާ ސިފައިންނާއި ޗައިނާ ސިފައިންގެ މެދުގައި ހިގާދިޔަ ހަންގުރާމައެކެވެ.