އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ މުހިއްމު މެންބަރަކާ ކައިވެނި ކުރަން އުޅޭކަން، މީޑިޔާއަށް ތިލަވި ހިސާބުން ފެށިގެން، މޭގަން މާކެލް އަކީ މަގުބޫލު ފަރާތަކަށް ވަނީ ވެގެން ގޮސްފައެވެ. ކައިވެނީގެ ފަހުން، މޭގަންގެ އާއިލާގެ މެންބަރުންނާ ގުޅިގެން، ޚަބަރެއް ނާރާ ހަފްތާއެއް މަދެވެ. މިކަމުގެ ސަބަބުން، އަދިވެސް އެންމެ ގިނަ މީހުން، އެމީހަކާ ބެހޭގޮތުން ވާހަކަ ދައްކާ އެކަކަކީ މޭގަން އެވެ.

އެންމެ ފަހުން ބައިނަލްއަޤުވާމީ އަދި އިނގިރޭސިވިލާތުގެ މީޑިޔާތަކުގައި، އެންމެ ގަދައަށް ދެކެވެމުންދާ ވާހަކައަކީ، މޭގަންގެ މަންމަ، ޑޯރިޔާ، އިނގިރޭސިވިލާތަށް ސިއްރު ދަތުރެއް ކުރިކަމުގެ ޚަބަރެވެ. މީޑިޔާތަކުން ބުނެފައިވާ ގޮތުގައި މި ދަތުރަކީ މޭގަން އަށް ހިތްވަރު ދިނުމުގެ ގޮތުން ޑޮރިޔާ ކުރި ދަތުރެކެވެ.

މޭގަން އަށް ހިތްވަރު ދިނުމަށް ޑޯރިޔާ ދަތުރެއްކޮށްފައިވަނީ، މޭގަންގެ ބައްޕައާއި އާއިލާގެ އެހެން ބައެއް މެންބަރުން މީޑިޔާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން، އޭނާއަށް ކޮށްފައިވާ އަސަރު އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

އިނގިރޭސި މީޑިޔާތަކުން އާއްމުކޮށްފައިވާ ގޮތުގައި، ވަރަށް ސިއްރުން ކޮށްފައިވާ މި ދަތުރުގައި ޑޮރިޔާ ދިރިއުޅެފައިވަނީ ހޭރީ އާއި މޭގަން އަށް އޮންނަ އޮކްސްފޯޑްޝަޔާ ގަނޑުވަރުގައެވެ. އަދި، މި ދަތުރުގެ ކަންކަން ހަމަޖައްސާފައިވަނީ ވަރަށް ސިއްރުންކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޑޯރިޔާގެ ސިއްރު ދަތުރެއްކޮށްފައިވާކަމަށް މީޑިޔާތަކުން ބުނެފައިވާއިރު، ދަރިފުޅު ކައިރިއަށް އިނގިރޭސިވިލާތަށް ބަދަލުވުމުގެ މަސައްކަތްވެސް ޑޯރިޔާ ކުރަމުންދާކަމަށް ނޫސްތަކުން ބުނެފައިވެއެވެ. އަދި، އެކަން ކުރުމަށް އޭނާ އަދާކުރަމުންދިޔަ ވަޒީފާއިންވެސް ވަކި ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މޭގަންގެ ބައްޕަ ދައްކަމުންދާ ވާހަކަތަކަށް، އިނގިރޭސި ޝާހީ އާއިލާއިން ރަސްމީ ސިފައެއްގައި ރައްދު ދެމުން ނުދެއެވެ.