ކޮރޯނާ ވައިރަސްއާއި ގުޅިގެން އިންޑިޔާގެ ސިނަމާތައް ބަންދުކޮށްފައި އޮތުމަށްފަހު އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ތިއޭޓަރުތައް ހުޅުވުމަށް ވަނީ ނިންމާފައެވެ. ތިއޭޓަރުތައް ހުޅުވުމަށްފަހު، އެންމެ ފުރަތަމަ އަޅުވަން ނިންމާފައިވަނީ އިޝާން ޚައްތަރުއާއި އަނަނިޔާ ޕާންޑޭ ކުޅެފައިވާ މަގުބޫލް ޚާންގެ ފިލުމު ''ކާލީ ޕީލީ''އެވެ.

ތިއޭޓަރުތައް ހުޅުވުނު ނަމަވެސް އަމަލު ކުރެވެމުންދާނީ އައު އާއްމު ހާލަތާއި އެއްގޮތަށެވެ. ތިއޭޓަރުއަށް ވަދެވޭނީ ތިއޭޓަރު ކެޕާސިޓީގެ 50 އިން ސައްތަ މީހުންނަށެވެ. އަދި ތިއޭޓަރުގައި އިޖުތިމާއި ދުރުކަން ބެހެއްޓުމާއި ސެނިޓައިޒަރ ބޭނުން ކުރެވޭނެއެވެ.

މީގެ ހަފްތާއެއް ކުރިން އޯޓީޓީ ޕްލެޓް ފޯމުގައި ''ކާލީ ޕީލީ'' ވަނީ ދައްކަން ފަށައިފައެވެ. ބެލުންތެރިންގެ ފަރާތުން މި ފިލުމަށް ދަނީ އެދެވޭ ތަރުހީބެއް ލިބެމުންނެވެ. ތިއޭޓަރުތަކުގައި ވެސް މި ފިލުމު އެޅުވުމަށް ނިންމުމުން ބެލުންތެރިން ތިބީ އެކަމާ ވަރަށް ހިތްހަމަ ޖެހި، އުފާވެފައެވެ. ތިއޭޓަރުތަކުގައި ފިލުމު އެޅުވުމުން ފިލުމަށް މިހާރު އޮތްވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބޭނެކަމަށް ފިލުމުގެ ޑައިރެކްޓަރ ގަބޫލު ކުރެއެވެ.

އިންޑިޔާގެ ނޫހެއްކަމަށްވާ އީ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ފިލުމުގެ ޑައިރެކްޓަރ މަގުބޫލު ޚާން ބުނެފައިވަނީ ފިލުމު ކާމިޔާބުވުމުގެ ހުރިހާ ތައުރީފެއް ހައްގުވަނީ އިޝާންއާއި އަނަނިޔާއަށް ކަމަށެވެ. އެ ދެ ފަންނާނުންނަކީ ޒުވާން، ޖޯޝުހުރި ހުނަރުވެރި ފަންނާނުން ކަމަށެވެ.

މި ފިލުމުގައި އިޝާންއާއި އަނަނިޔާގެ ހުރިހާ ސްޓަންޓެއް ވެސް ހަދާފައިވަނީ އެ ދެ މީހުން އަމިއްލައަށް ކަމަށް ވެސް މަގުބޫލު ޚާން ބުނެފައިވެއެވެ.

ތިއޭޓަރތައް އަލުން ހުޅުވޭތީ ހުރިހާ ފަންނާނުން ވެސް ތިބީ ވަރަށް އުފާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު