ދުނިޔެއާއި އެއްގޮތް ސިފަތަކެއް ލިބިފައިވާ ދުނިޔެ ފަދަ ގުރަހައެއް (ޕްލެނެޓެއް) ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާސިސްޓަމް)ގެ ބޭރުން ހޯދައިފިއެވެ.

ނާސާގެ ސައިންސްވެރިން ހޯދި މި ގުރަހައަށް ދީފައިވާ ނަމަކީ، "ވެސްޕް-39ބީ"އެވެ. ބޮޑުމިން ގާތްގަނޑަކަށް މި ސޫރުދަނިޒާމުގެ ދެވަނައަށް އެންމެ ބިޔަ ގުރަހަ، ޒުރުލު (ސެޓާން) އާއި އެއްވަރު "ވެސްޕް-39ބީ" އަށް ދުނިޔެއަށް ލިބިގެންވާ ބައެއް ސިފަތައް ލިބިފައިވާއިރު، އެހެން ގިނަ ގުރަހަތަކާއި ޚިލާފަށް، "ވެސްޕް-39ބީ"ގައި ގިނަ ޢަދަދަކަށް ފެން ހުރިކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ދުނިޔެއާއި 700 އަލި އަހަރު ދުރުގައިވާ މި ގުރަހައިގައި ޒުހުލު ހިމެނޭފަދަ ހިލައިގެ ރިންގުތަކެއް ނުހިމެނެއެވެ. އަދި ޒުހުކު އާއި ޚިލާފަށް ފެން ހިމެނޭ ވިލާގަނޑުތައް "ވެސްޕް-39ބީ"ގެ ބޭރުގެ ފަށަލަތަކުން ގިނަ ޢަދަދަކަށް ދައުރުވަމުންދިޔަ މަންޒަރު ސައިންސްވެރިން ވަނީ، ދުނިޔޭގެ ބޭރުގައި ނާސާއިން ޤާއިމްކޮށްފައިވާ "ހަބްލް" ޓެލެސްކޯޕް މެދުވެރިކޮށް ބަލާފައެވެ.

އެފަރާތްތަކުން ކުރި ދިރާސާތަކަށްފަހު ބުނެފައިވަނީ، "ވެސްޕް-39ބީ" އުފެދިފައިވަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި، އެގޮތުން އެ ގުރަހަ ހިމެނޭ ސޫރުދަ ނިޒާމުން ގުރަހަ އެތެރެއަށް ޖެހިފައިވާކަމުގެ ހެކިތައް ފެންނާން ހުރިކަމަށެވެ. މިގޮތަށް ގުރަހަ ދަތުރު ކުރުމުގައި އެ ސޫރުދަ ނިޒާމުގެ ތެރޭގައި ހިމެނޭ ބައެއް ތަކެއްޗާއި ފުރުއަރައި ގިނަ ޢަދަދަކަށް ގަނޑުފެން އެ ގުރަހައިގެ ތެރެއަށް ވިރި، އާދަޔާއި ޚިލާފަށް ފެން ގިނަވީކަމަށް އެފަރާތްތަކުން ދެކެއެވެ.

ހޯދުންތަކުން އެނގުނުގޮތުގައި، "ވެސްޕް-39ބީ" އެ ގުރަހަ ހިމެނޭ ސޫރުދަ ނިޒާމުގެ ތަރީގެ ވަޑައިގެން ހަތަރު ދުވަހުގެ ތެރޭގައި އެއް ބުރު ޖަހައެވެ. މި ގުރަހަ ދައުރުވަމުންދަނީ، ދުނިޔެއާއި ދުނިޔޭގެ ސޫރުދަނިޒާމުގެ އިރާއި ހުންނަ ދުރުމިނަށްވުރެ، އެ ސޫރުދަ ނިޒާމުގެ އިރާއި 20 ގުނަ ކައިރިންނެވެ. އަދި ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގެ، އިރާއި އެންމެ ގާތުގައިވާ އަތާރިދު (މާކިއުރީ) އާއި އިރާއި ހުންނަ ދުރުމިނަށްވުރެ އަށް ގުނަ ކައިރިންނެވެ.

"ވެސްޕް-39ބީ"ގެ އިތުރު ގިނަ ދިރާސާތަކެއް ކުރިއަށްގެންދިއުމަށް ނާސާގެ ސައިންސްވެރިން ތައްޔާރުވަމުންދާއިރު، އަންނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރަށް ފޮނުވާލާ ބާރުގަދަ ޓެލެސްކޯޕް، މެދުވެރިކޮށް ކުރިން ހޯދިފައިނުވާ ގިނަ ހޯދުންތައް "ވެސްޕް-39ބީ"އާއި ބެހޭ ގޮތުން ހޯދިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ސައިންސްވެރިން ބުނާގޮތުގައި، "ވެސްޕް-39ބީ"ގެ ދިރާސާތައް ނިމުނުން، ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގެ ތާރީޚާއި ގުޅޭ ގިނަ ކަންކަންވެސް އެނގިގެންދާނެއެވެ. އެހެންކަމުން "ވެސްޕް-39ބީ"ގެ ދިރާސާތައް ކުރިއަށްގެންދިއުމަކީ ގިނަ މައުލޫމާތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    4 ދުވަހުން 1 ބުރު ޖަހަންޏާ ހަތަރު ދުވަހުން ހަތަރު މޫސުމް، ސްޕްރިންގ ސަމަރ އޯޓަމް ވިންޓަރ އަންނާނެދޯ!

  2. މާލެ ފޮނި ބޮކިސް

    ތިޔަ ޕްލެނެޓުން ދޫކުރާ ފްލެޓެއް ވެސް ލިބެނެބާ ދޯ