މިއީ ހެޔޮ މަގުން ކައްސާލި ދިވެހި ޒުވާނެއްގެ ވާހަކައެވެ. ޒުވާން އުމުރުގައި އުޅެވުނު ގޮތުގެ ސަބަބުން ހިތުން ނުފިލާވަރުގެ އިމްތިހާނަކާއި އޭނާއށް ކުރިމަތިވި ގޮތުގެ ވާހަކައެވެ. މި ވާހަކައަކީ އޭނާ ކިޔައިދީފައިވާ ގޮތުގެ މަތީން ލިޔެފައިވާ ވާހަކައެކެވެ. ނަމަވެސް ސަބަބުތަކަށްޓަކައި ބައެއް ބައިތަކަށް ބަދަލުތަކެއް ގެނެވިފައިވާނެއެވެ. އަދި ވާހަކައިގައި، ހާދިސާ ދިމާވި ފަރާތުގެ ނަން ހިމަނާފައެއް ނުވާނެއެވެ.

އެއީ މީގެ އެތައް އަހަރު ތަކެއް ކުރިއެވެ. އަހަރެންގެ މުޅި ހަޔާތް ބިނާވެފައި ވަނީ ދަންވަރު ހޭލާ އުޅުމަށާއި ދަންވަރު ރައްޓެހިންނާއި އެކު ފަޅުގެތަކުގައާއި ވަލުތެރޭގައި މަޖާކުރުމުގެ މައްޗަށެވެ. އަހަރެން ޖެހުނީ ހަމައެކަނި މަސްތުވާތަކެތީގެ ދަލުގައި އެނަކަންޏެއް ނޫނެވެ. ފާހިޝް އަމަލުތައް ކުރުމާއި، ވައްކަން ކުރުމާއި، މިހެންގޮސް ނުބައިވެގެން ވީހާ ކަމެއް އަހަރެއް އޭރު ކުރަމުން ދިޔައީމެވެ. އަހަރެންގެ ހަޔާތުގެ ދުވަސްތައް އޭރު ވޭތުކުރަމުން ދިޔައީ އާއިލާއާއި ވަކިން ދުރުގައެވެ. އާއިލާ އަކީ ބީރައްޓެހި ބައެކެވެ. ނުބައިވީހާ މީހަކީ އަހަރެންގެ ރަހުމަތްތެރިއެކެވެ. ގާތް އައުލާދުންނެވެ.

އަހަރެން މަސްތުވާތަކެތި ބޭނުންކުރަންފެށީ އަހަރެންގެ އުމުރުން އެންމެ 13 އަހަރުގައެވެ. އަހަންނަކީ ކުށްކުރުމަށް ދެވިހިފާފައިވާ ޒުވާނެކެވެ. ވައްކަމާއި، ފޭރުން، މަސްތުވާތަކެތި އަދި މިނޫންވެސް ތަފާތު އެކިއެކި ކުށްކުށުގައި އެތަށް ފަހަރަކު ވަނީ ހައްޔަރުކޮށްފައެވެ.

ދުވަސްތައް މިގޮތުގައި ދަނިކޮށް ކުއްލިއަކަށް އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. މިދިމާވި މުސީބާތަކުން، ދިރިއުޅުމާ ދޭތެރޭ ދެވަނަ ފަހަރަށް ވިސްނަން އަހަރެންނަށް މަޖުބޫރުވިއެވެ. އަހަރެން ސިއްހަތު ދަށަށް ދާންފެށިއެވެ. ބަލިވާން ފެށިއެވެ. ހަށިގަނޑުން ނުފިލާ ވޭނެއް އިހްސާސް ކުރެވެން ފެށިއެވެ. އެންމެ ފަހުން އަހަރެން ހޮސްޕިޓަލްގައި އެޑްމިޓްކުރިއެވެ. ހީކުރިގޮތާ ހިލާފަށް އަހަރެން އެހާ ފަސޭހައިން ހޮސްޕިޓަލުން ދޫކޮށެއް ނުލިއެވެ. ބޭހެއް ދޭންވެސް ގިނައިރުތަކެއް ނެގިއެވެ. އެންމެ ފަހުން ޑޮކްޓަރުދިން ބިރުވެރި ހަބަރަކީ އަހަންނަކީ ކުޑަދުވަސްކޮޅެއްގެ މެހެމާނެއްކަމެވެ. ދިރިހުރުމަށް އޮތީ މަދު ދުވަސްތަކެއް ކަމަށެވެ.

ތިން މަސްވަންދެން އަހަރެން މަރާ ހަނގުރާމަކުރަން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. މަރަށް އިންތިޒާރު ކުރީމެވެ. ކޮންމެ ދުވަހަކު އެ ލިބޭ ވޭނަށްވުރެ އެއްފަހަރުން މަރުވާނެ ނަމައޭވެސް ހިތަށްއަރައެވެ. އަސްލު މަރަށް ކުރެވުނު އިންތިޒާރަކީ އެއީއެވެ. އަހަރެންގެ ލޮލުން ކަރުނައެއް ނުހިކެއެވެ. ދިރިހުއްޓާ ކައްވަޅު ފެންނަން ހުންނާނީ ހާދަ ބަދުނަސީބުވެރިއަކަށޭ ބައެއްފަހަރު ހިތަށް އަރައެވެ.

މިހިސާބުން އަހަރެން އަހަރެންނަށް ކުރެވުނު ކުށް ޤަބޫލު ކުރެވެން ފަށައިފިއެވެ. ވަރަށް ގިނަ ފާފަ ކުރެވުނެވެ. އެކަން އަހަރެން ހިތުގެ އަޑިން ގަބޫލުކުރަމެއެވެ. އަހަރެން ހެއްދެވި ފަރާތަށް ކުރަން އޮތީ ކޮން ޝަކުވާއެއް ހެއްޔެވެ؟ މިއީ އަހަރެން އަމިއްލަ އަތުން އަހަރެންގެ ނަފްސަށް ކުރި އަނިޔާ ނޫންހެއްޔެވެ؟ އަހަރެންގެ އާއިލާއަށް އަހަރެން ދިން ހިތްދަތި ކަމުގެ ޖަޒާ ނޫންހެއްޔެވެ؟ އަހަރެން ކުރި ފާފައިގެ ބަދަލުނޫން ހެއްޔެވެ؟ އަހަރެން މާތްﷲ ގެ ހަޟްރަތަށް ތައުބާވީމެވެ. އަދި ދެވަނަ ފުރުސަތަކަށް އެދި ދުޢާ ކުރީމެވެ.

މާތްﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. އަހަރެން ޞިއްޙަތު މަޑުމަޑުން ރަނގަޅުވާން ފެށިއެވެ. މިކަމާ ހުރިހާ ޑޮކްޓަރުންވެސް ތިބީ ހައިރާންވެފައެވެ. އަހަރެންގެ ސިއްހަތު މަޑުމަޑުން ރަނގަޅު ވަމުންގޮސް ގަދަވުމާއެކު ހޮސްޕިޓަލުން ދޫކޮށްލިއެވެ. އަހަރެންނަށް ދެވަނަ ހަޔާތެއް ލިބުނު ކަހަލައެވެ. ކުރިއަށްވުރެ ސިއްހަތު މާރަނގަޅުހެންވެސް ބައެއް ފަހަރު ހީވެއެވެ. ފަރުޟު ފަސް ވަގުތުގައި ނަމާދު ކުރުމުގައި އަހަރެން ދެމިހުރީމެވެ. ތައުބާ ޤަބޫލު ކުރައްވާތޯ ﷲ ގެ ހަޟުރަތުގައި ދުޢާ ދަންނަވާ ހާލުގައެވެ.

އަހަރެންގެ އަމިއްލަ ނަފްސަށް އަހަރެން ހުވައެއް ކުރީމެވެ. އެއީ އެހެން މީހުނަށް އެހީތެރިވުމަށާއި ހާއްސަކޮށް މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި މީހުންނަށް އެހީވުމަށެވެ.

އަހަރެންނަށް އިހުސާސް ކުރެވެނީ މާތްﷲ އަހަރެންނަށް ވަރަށްބޮޑު ރަހުމަތެއް ލެއްވީކަމަށެވެ. އަހަރެންގެ "ކުރު އުމުރު" އިތުރު އަހަރުތަކަކަށް ދިގުކުރެއްވީއެވެ. އެއީ އެހެން މީހުންނަށް އެހީތެރިވުމަށްކަމަށް ހިތުގެ އަޑިން އަހަރެން ގަބޫލުކުރަމެވެ.

އަހަރެން ރަނގަޅުވިކަން އެނގުމުން އާއިލާގެ ބޭބެމެންނާއި އަދި ދައްތަމެން އަހަރެންނަށް ވަރަށް ވަރަށް ހޫނު މަރުހަބާއެއްކިއެވެ. އަހަރެންވެސް މިހުރީ ވަރަށް އުފަލުންނެވެ. މަސްތުވާތަކެއްޗަކީ ހަޤީޤަތުގައި ހަޔާތަށް އުފާ ހޯދައިދޭނެ އެއްޗެއްނޫނެވެ. އެއިން ލިބެނީ ހަމަ އެކަނި ވަރުބަލި ކަމަކާއި އަބާއްޖަވެރި ކަމެވެ.

ކޮންމެ ގޮތަކަށް އަހަރެންނަށް އުޅެވިފައި ހުއްޓަސް އަހަރެންނަކީ ތިޔަ ޒުވާނުން ފަދައިން ތިޔަ ޒުވާން ލޭ އަހަރެންގެ ގައިގާވެސް ހުރި މީހަކީމެވެ. ޒުވާން އުމުރު ބޭކާރު ގޮތުގައި ހޭދަކޮށްނުލާށެވެ. ﷲ ގެ ކޯފާ އައުމުގެ ކުރިން އިސްލާޙްވެ ރަނގަޅު މަގަށް ރުޖޫއަވާށެވެ. ބުރަކަމެއް، ވޭނެއް، ހިތްދަތި ކަމެއް ޖެހުމުން ހަމައެކަނި އަހަރެމެނަށް އެހީތެރިވެދޭނެ ފަރާތަކީ އެފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަަރުން

    ފުރިހަމަ ލިޔުމެއް ...ވަގުތު ހަމަ ސަޅި އެމްޑީޕީ ފުއްލާ ނޫހަށް ވުރެން...ﷲ ގެ ކަލިމަ ފެނޭ ވަގުތުގެ ހަބަރުތަކުން...

    45
    5
  2. ހަސަން ތަކުރު ބިން ތިކި

    ދިވެހި ޒުވާނުން ނަށް ހީވަނީ ގޮޅިޖެހި ގަމީސް ލައިގެން ބޫން ބޫން ކިޔާ ސައިކަލް ދުއްވާ މަގު ހިނގާ މީހުންނަށް އުނދަގޫ ކޮށް ، ތިމާ ބޭނުންވާ އެއްޗެސް ނިކަމެތިން އަތުން ފޭރިގެން ފެންނަހާ އަންހެނަކާ ފޮށެމުން ، ލެއްވިހާ ނުބައި އެއްޗެއް ގޮވަމުން ދުވާއިރު މަ ވަރުގެ މީހެއް ނެތޭ، ވަރަށް ކޫލް އޭ..... ތިމާ މަރުވީމަ އޮންނާނީ ހަމަ ސައިޒް ގައި އެދުވަހުން ރައްޓެހިން ނުތިބޭނެ ޔޯ ބުރޯ މޭން އޭ ކިޔާކަށް،

    82
    1
  3. ސަޓޯ

    ކޮން ކަހަލަ ބައްޔެއްތަވީ. ކޮބާބަލީގެ ނަން

    19
    1