(ފުވައްމުލައް ސިޓީ) "ފުވައްމުލަކަށް ވަރަށް އަގު ހުރި ދަރިއެއް ގެއްލިގެން އެ ދިޔައީ، އެ މިސާލު ދައްކައި ދީފައި އެ ދިޔައީ،"
ޏ. ފުވައްމުލައް ސިޓީގެ "މާނޭރާ" ސަރަހައްދުން ގެނބުނު އެކުވެރިންގެ ފުރާނަ ސަލާމަތް ކުރުމަށް ދިޔަ އެ ރަށު ޔޫރޯގެ އަހުމަދު ފައިޒާން ނިޔާވި ހާދިސާއާ އެކު ފުވައްމުލަކު ސްކޫލްގެ އިސްވެރިންގެ ދުލުން އައީ މި ބަސްތަކެވެ. ފައުޒާނަކީ އެންމެންގެ މިތުރެވެ. މުދައްރިސުންގެ ލޯބި ލިބިފައިވާ ދަރިވަރެކެވެ. ގައުމަށާއި ރަށަށް ބޭނުންތެރި އަދި ހިލްމީ ދަރިއެކެވެ. ސްކޫލަށް ރީތި ނަން ހޯދުމުގެ ނިޔަތުގައި ނުކުތް ކުއްޖެކެވެ. ފުވައްމުލަކަށް އުފަން، އެ ރަށާއި ގައުމަށް ހިދުމަތްކޮށް ދިނުމުގެ ވިސްނުމުގައި ހުރި ދަރިއެކެވެ. ދުނިޔެ ދޫކޮށް ދިޔައީ އެ ޔަގީންކަން އެންމެންނަށް ވެސް ދީފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ހަވީރު ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް، ފައުޒާން ނިޔާވި ހަބަރާ އެކު، ދިވެހިންނަށް ލިބުނީ ހިތްދަތިކަމެކެވެ. ހާއްސަކޮށް، ފައުޒާން ކުރި ހިތްވަރަށް މިއަދު ދިވެހިން ކުރަނީ ތައުރީފެވެ. ފައުޒާންގެ ދެ ރަހްމަތްތެރިން ގަދަ އޮއިވަރެއްގައި ޖެހި ގެނބިގެން ދަނިކޮށް، ދެ ކުދިންގެ ފުރާނަ ސަލާމަތްކޮށް ދިނީ ހިތްވަރު ގަދަ ފައުޒާނެވެ. އެކަމަކު، ދެ ކުދިންގެ ފުރާނަ ސަލާމަތްކޮށް ދިނުމަށް ފަހު، ފައުޒާން ވަކިވެ ދިޔައީއެވެ.
ފުވައްމުލަކު ސްކޫލްގެ ޕްރިންސިޕަލް ހަސަން ޒަރީރު ވިދާޅުވި ގޮތުގައި ފައުޒާނަކީ އެންމެންނާ ގުޅިގެން އެކުވެރިކަމުގެ ރޫހާ އެކުގައި މަސައްކަތް ކުރާ ހިތްވާ ކުއްޖެކެވެ. ކޮންމެ ހިޔާލަކަށް ފައުޒާން އިހްތިރާމް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައުޒާންގެ އަމިއްލަ ނަފްސު ކުރިއެރުމަށް މަސައްކަތް ކުރާ ފަދައިން އޭނާ ތަމްސީލް ކުރާ ސްކޫލްގެ އެންމެން ވެސް ކުރިއަރުވަން މަސައްކަތްކުރާ ކަމަށް ހަސަން ވިދާޅުވިއެވެ. ޕްރިންސިޕަލް ސިފަ ކުރެއްވި ގޮތުގައި އެއީ "ޓީމް ވޯކް ލީޑަރ" އެކެވެ.
"ކުދިންނާ ގުޅިގެން އުޅުމަކީ ފައުޒާންގެ އެންމެ ޚާއްސަ ސިފަ، ކްލާސް ރޫމްގައި ވެސް، އަދި ސްކޫލް ތެރޭގައި ވެސް، ވަރަށް ގިނަ ގްރޭޑްތަކުގެ ދަރިވަރުން ވެސް ދަންނާނެ، އެ އެންމެންނާ ވެސް ވަރަށް ގުޅިގެން މަސައްކަތް ކުރާ ދަރިވަރެއް އެއީ. ގުޅުން ބާއްވާކަން، ގުޅިގެން ވަރަށް މަސައްކަތް ކުރާކަން ވަރަށް ބޮޑަށް ފާހަގަވޭ، ލީޑާޝިޕް ސްކިލް ވަރަށް ރަނގަޅު، އެހެންވެ އެހެން ގުޅިގެން މަސައްކަތް ކުރަން އެނގެނީ،" ޕްރިންސިޕަލް ވިދާޅުވިއެވެ.
ފައުޒާނަކީ އެ ސްކޫލަށް ގިނަ ވަނަތަކެއް ހޯދައި ދީފައިވާ ދަރިވަރެކެވެ. އެތްލެޓިކްސް ފަދަ އިތުރު ހަރަކާތްތަކުގައި ރަނގަޅު ވަނަތަކެއް ހޯދައި ކާމިޔާބީތަކެއް ސްކޫލަށް ގެނެސްދީފައިވެއެވެ. އަަބަދުވެސް ހުންނަނީ އޭނާގެ ސްކޫލަށް ފަޚުރުވެރި ނަން ހޯދަން ތައްޔާރަށެވެ. ސްކައުޓް ހަރަކާތުގައި އޭނާއަކީ ޕެޓްރޯލް ލީޑަރެވެ. ސްކޫލްގެ ސްކައުޓް ސްކޮޑްގެ އެންމެ އިސްކޮށް ހުރި އެއް ދަރިވަރެވެ. ކިޔެވުމަށް ވެސް ހިތްވަރު ކުރެއެވެ. އޭނާ ކުރިއަށްދާން އެ ކުރާ މަސައްކަތުގައި އޭނާގެ ބައިވެރިން ދޫކޮށްނުލައެވެ. އެކުވެރިން ކުރިއަރުވަން ބުރަކޮށް އަބަދުވެސް މަސައްކަތް ކުރެއެވެ.
"ފައުޒާން ނެތުމަކީ ސްކޫލް އެތްލެޓިކްސް ޓީމަށް، އަދި ފުޓްބޯޅަ ޓީމަށް ވެސް ލިބުނު ވަރަށް ބޮޑު ގެއްލުމެއް، ކުޅިވަރު ދާއިރާގަ ވެސް ފާހަގަކޮށްލެވޭ ދަރިވަރެއް، ވަރަށް ހިތްވަރު ކުރާ، ސްކޫލަށް ކާމިޔާބީ ހޯދައިދިނުމަށްޓަކައި ވަރަށް ރަނގަޅު ދަރިވަރެއް، ފައުޒާންގެ މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ، އެތްލެޓިކްސް ރިލޭ ޓީމަށް، އަދި ހަންޑްރޭޑް ޓޫ ހަންޑްރޭޑް މީޓަރ ރިލޭ ރޭސްތަކުގައި އިންޑިވިޖުއަލް ވަނަތައް ވެސް ހޯދާފައިވޭ،" ޕްރިންސިޕަލް ވިދާޅުވިއެވެ.
ފައުޒާންގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަސްލަމް ހުސައިން ވެސް ފައުޒާންގެ މި ޚާއްސަ ސިފަތައް ފާހަގަކުރައްވައެވެ. އޭނާ ވިދާޅުވީ މުދައްރިސަކު ދަރިވަރެއްގެ ފަރާތުން އެންމެ ދެކޭ ހިތްވާ ކޮންމެ ސިފައެއްހެން ފައުޒާންގައި ހުންނަ ކަމަށެވެ. ފައުޒާނަކީ މުދައްރިސުންނާއި ވެރިންނަށް ކިޔަމަންތެރި ދަރިވަރެއް ކަމަށާއި ހެޔޮ ނަސޭހަތް ގަބޫލު ކުރާ ކުއްޖެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. ފައުޒާނަކީ މަޑުމައިތިރި، އެންމެންގެ ވާހަކަ އަޑުއަހަން ދަންނަ ކުއްޖެއް ކަމަށާއި އޭނާއަށް އެނގޭ ގިނަ ކަންކަން އެހެން ކުދިންނަށް ކިޔައިދީގެން އެހެން ކުދިން ވެސް ކުރިއަރުވަން އުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ފައުޒާންގެ އެންމެ ޚާއްސަ އެއް ސިފައަކީ އޭނާއަށް ލިބޭ އިލްމު ހެޔޮ ގޮތުގައި ބޭނުން ކުރުމެވެ. އޭނާގެ ވަކިވުން ވެސް އެކަމާ ގުޅެއެވެ. ދުނިޔެ ދޫކޮށް ދިޔައީ އެ ގޮތުގައެވެ. ސްކައުޓްގައި އަބަދުވެސް ދަސްކޮށްދޭ މޮޓޯއެއް ކަމުގައިވާ "ބީ ޕްރިޕެއާޑް ޓު ސާވް" އަށް ފުރިހަމައަށް ތަބާވިއެވެ. މޫދަށް ކުދިންތަކެއް ގެނބިގެން ދަނިކޮށް އަމިއްލަ ނަފުސަށްވުރެ އެ ކުދިން އިސްކޮށް، ޚިދުމަތް ދިނުމަށް އެ ދަނޑިވަޅާ އެކު ތައްޔާރަށް ހުރީއެވެ. މޮޓޯގައިވާ އިނގިރޭސި ލަފްޒުގެ މާނައަކީ ވެސް އެކީއެވެ. ކޮންމެ ހާލަތެއްގައި ވެސް ޚިދުމަތަށް ތައްޔާރުވެ ހުރުމެވެ. އެ ނަމޫނާ އެހެން ހުރިހާ ދަރިވަރުންނަށް ދައްކުވައިދީފައެވެ.
"ފައުޒާނަކީ ވަރަށް މަޑުމައިތިރި، ކިޔަމަންތެރި، ޑިސިޕްލިން ދަރިވަރެއް، ސްކޫލްގެ މުދައްރިސުން ވަރަށް ލޯބިވާ ސިފަތަކެއް ހުރި، މުދައްރިސުން ދެއްވާ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ދަރިވަރެއް، ދުނިޔެ ދޫކޮށް އެ ދިޔައީ ވެސް އެ ކަން ކަށަވަރު ކޮށްދީފައި، ސްކައުޓް ހަަރަކާތްތަކުގައި ވެސް މި ދަސްކޮށްދޭ ކަމަކަށް އޮންނަނީ އަމިއްލަ ނަފުސަށް ވުރެ އެހެން މީހުންގެ ފުރާނަ މުހިއްމުވާ ކަން، އަބަދުވެސް ޚިދުމަތަށް ތައްޔާރަށް ހުންނަން ޖެހޭ ކަން،" އަސްލަމް ވިދާޅުވިއެވެ.
ސްކޫލާއި ކްލާސް އެންމެންގެ "މިތުރު" ވަކިވުން އެއީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ފައުޒާން ވަކިވެ ދިއުމަށް ފަހު ސްކޫލްގައި އަލުން ކިޔަވައިދޭން ފެށުމުން އެކަން ހިނގީ ވެސް އެހެނެވެ. ސްކޫލްގެ ކޮންމެ މުދަރިއްސެއްގެ ލޮލުން ކަރުނަތައް ނުހިފެހެއްޓި ދިޔައިރު ދަރިވަރުން ވެސް ތިބީ ރޮވިފައެވެ. ބައެއް ކުދިންނަށް ވަރަށް އަސަރުކޮށްފައިވާ ކަން އެނގުނެވެ. ފައުޒާންގެ އެންމެ ގާތް އެކުވެރިޔާ ވެސް ކްލާހުގައި އިންނައިރު، އޭނާއަށް ވެސް ވަރަށް އަސަރުކުރި ކަން އެނގުނެވެ. ސްކޫލް ހުޅުވުނު ދުވަހު ގްރޭޑް 10 ގެ ދަރިވަރުން ނުދެއެވެ. ދެވަނަ ދުވަހު ސްކޫލަށް އައެވެ. އެ ދުވަހު އެސެމްބްލީ ވެސް ކުރިއަށް ގެންދަން އުނދަގޫވިއެވެ. ގުރްއާން ކިޔަވަން އެރި ދަރިވަރު ވެސް ކިޔަވަން ފަށަން އުނދަގޫވި ކަމަށްވެއެވެ.
ސްކޫލް ދައުރުގައި އެންމެ ގާތް އެކުވެރިން ތިބޭނީ ކްލާހުގައި ކަން ގައިމެވެ. ކްލާސް ކުދިންނަށް މި ކަން ފަސޭހައަކަށް ނުވެއެވެ. އެންމެންގެ މިތުރު ފައުޒާންއާއެކު ކިޔަވަމުން އައި ކްލާސް ފެނި ވެސް ހަނދާނަށް އައިސް އެންމެން ވެސް ހިތާމަ ކުރެއެވެ. ޕްރިންސިޕަލް ހަސަން ޒަރީރާއި، ލީޑިން ޓީޗަރު އަސްލަމް މުހައްމަދާއި، ކައުންސެލިން ޑިޕާޓްމަންޓް އިން އެ ދަރިވަރުންނާ ވާހަކަ ދައްކައިގެން އެ ވަގުތަށް ކްލާސް ރޫމް ވެސް ބައްދަލުކުރިއެވެ. ބައެއް ކުދިންނަށް އިތުރަށް ކައުންސެލިން ވެސް ހަމަޖެއްސިއެވެ. އެއިން ބައެއް ކުދިންނަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށްވެއެވެ.
ސްކޫލްގެ ޕްރިންސިޕަލް ހަސަން ޒަރީރާއި ލީޑިން ޓީޗަރު އަސްލަމް މުހައްމަދު އަދި ސްކޫލްގެ އެހެން ބައެއް ޓީޗަރުން ވެސް ފައުޒާންގެ ހަޔާތުން އެހެން ދަރިވަރުންނަށް ދޭން ބޭނުންވާ މެސެޖަކީ ފައުޒާން ނަމޫނާއަކަށް ނެގުމަށެވެ. އޭނާ ވަކިވެ ދިއުމުގެ ހިތާމަ އޮތް ނަމަވެސް އޭނާ ދުނިޔެ ދޫކޮށް ދިޔައީ ގައުމީ ޚިދުމަތެއްގައި ހުއްޓައި ކަމުގައި ދެކުމަށެވެ. ފައުޒާންގެ އެ މަސައްކަތަށް ފަޚުރުވެރިވުމަށެވެ. މިއީ ސްކޫލްގެ އިސް ޓީޗަރުން މިއަދު ފައުޒާންގެ އާއިލާއަށް ވެސް ދޭން ބޭނުންވާ މެސެޖެވެ. ފައުޒާން ވަކިވެގެން ދިޔައީ "ގައުމީ ބަތަލެއް" ގެ ގޮތުގައި ކަން ދެކުމަށެވެ. އޭނާގެ މަސައްކަތަށް މުޅި ރަށް ފަޚުވެރިވުމަށެވެ.
"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.
ޤައުމު ބޭނުންވަނީ ފައުޒާން ފަދަ ދަރިންނަށް. މާތް ﷲ ފައުޒާންގެ ފާފަ ފުއްސަވައި ކައްވަޅު އަމާން ކުރައްވައި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވާށި.އާއިލާއައް ކެތްތެެރިކަން ދެއްވާށި.އާމީން.
ޝުކުރިއްޔާ ވަގުތު ނޫސް. ފައުޒާން ނިޔާވި ޙާދިޘާ އެންމެ ރަނގަޅަށް ތަފްޞީލުކޮށް ގެނެސް ދެއްވި ނޫހަކީ "ވަގުތު"ކަން ފަޚްރުވެރި ކަމާއި އެކު ފާހަގަކޮށްލަން. އަދި ގެނބުނު ދެކުދިންގެ ޙާލަތު ހަމައަކަށް އެޅުމުން އެކުދިންގެ ވާހަކަތައް ހިމަނާލުމުން އިތުރަށް ފުރިހަމަވާނީެ ކަމުގައި ދަންނަވަން.
ފައުޒާންގެ ވަކިވުން މީހާދަ ގިނަ ބަޔަކަށް އަސަރު ކޮށްލި ޙާދިޘާއެކެވެ. މައިންބަފައިންގެ ޙާލަކީ ކޮބައިބާވައޭ ހިތަށްއަރައެވެ. ޒުވާން އުމުރު ގައި މިކަހަލަ ހެޔޮލަފާ ދަރިފުޅަކު މިހާ ކުއްލި
ގޮތަކަށް ވަކިވުމަކީ މައިންބަފައިންނާއި ޢާއިލާއަށް ފުންއަސަރު ތަކެއް ކުރުވާނެކަމެކެވެ. ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން. ދުނިޔެއިން
ވަކިވިޔަސް މައިންބަފައިން ފަޚްރުވެރި ވާފަދަ ރީތިނަމެއް ހޯދައިދީފައި ވަގުތު ޖެހުމުން އެދިޔައީ. ކިހާ ރަނގަޅު ދަރިފުޅެއް. މާޝާﷲ. އެދަރިފުޅަށް ދާއިމީ ސުވަރުގެ މިންވަރު ކުރައްވާށި އާމީން. އެއީ ތަޤްދީރުގެ ނިޔާފުޅު. އެކަކަށް ވެސް ތަޤްދީރާއި ދެކޮޅެއް ނުހެދޭނެ.
އެހެން މައިންބަފައިން ވެސް ދަރިންނަށް ފައުޒާންގެ ހިސްޓްރީ ކިޔައިދޭން އެބަޖެހޭ. މިކަހަލަ ނަމޫނާތައް އަހަރެމެންގެ ދަރިންނަށް ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިދަސްކޮށްދޭން އެބަޖެހޭ. ސިޔާސީ ފިތުނަ ތައް އެއްފަރާތްކޮށް އަނެކާއަށް އެހީބޭނުންވާ ވަގުތު އެހީތެރިވެދޭނެ ހެޔޮލަފާ ޖީލެއް ބިނާކުރަން އެބަޖެހޭ.
ދެން ތިވާގަކަ ނުންމާތި.
މައްޔިތާއަށް ހެޔޮދުޢާ ކުރުން ދެން އޮތީ. މިދުވަސްކޮޅު އަބަދު އަބަދު މިވާހަކަތައް ގެނސްދެންޏާ އާއިލާ އަދި ދަންނަމީހުންނަށް ކުރާ އަސަރު ވަރަށް ބޮޑުވާނެނޫންތޯ. ވަގުތު ޓީމް ފުވަމުލަކަށް ދެވުނު ވަގުތާ ދިމާވިޔަސް ފައުޒާން އާގުޅުންހުރި ފަރާތްތަކާ ސުވާލުކޮށް ހަދަން އެންމެ ރަނގަޅު ދަނޑިވަޅެއް ނޫންކަންނޭނގެމީ. ޢަދި ހަފްތާއެއް ނުވޭ ނިޔާވިތާ. ގިނަ ގިނައިން ދުޢާކޮށް ހަދައިގެން ދެން އަހަރެމެންނަށް ކަމެއްކޮށްދެވޭނީ. މާތް ﷲ ފައުޒާންއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާ ކައްވަޅުގައި ސާބިތުކަން ދެއްވާށި. އާމީން
ދެން ތިވާހަކަތަށް ހުއްޓާކަށް ނުވޭތަ ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް. ތިވާހަކަތަށް ނޫހުގަ ކޮއްމެ ދުވަހަކު ކޮއްމެ ދުވަހަކު ޖަހާ ވަރަކަށް ފައުޒާންގެ އެކުވެރިން ނާއި އާއިލާ އަށް މި ލިބުނު ހިތާމައިން އަރައިގަނެވޭނެތޯ. އެމީހުންނަށް ހިންހަމަ ޖެހުމެއް ލިބޭނެތޯ. މިކަހަލަ ވަގުތުގަ އެއްމެންނަކީ އެހާ ހިއްވަރު ގަދަ ބައެއްނޫން. އެމީހުންނަށްވެސް އިހުތިރާމް ކުރަން ޖެހޭ. މާތްﷲ ފައުޒާނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ އާއިލާ އާއި ރައްޓެހިންނަށް ކެތްތެރިކަން ދެވާށި! އާމީން.
ޤައުމީ، ޤައުމީ، ޤައުމީ! ކޮން ޤައުމެކޭތަ އަބަދު މި ކިޔަނީ؟! ޤައުމަށް ވުރެ އިސްވާނީ އަބަދުވެސް ދީން. ދީނީ ނަޒަރަކުން ބުނާ ނަމަ ފައުޒާނަކީ ޝަހީދެއް އިން ޝާ ﷲ. މިހެން ކިޔާބަލަ ފުރަތަމަ. ދެން އަންނާނީ ޤައުމު. ވަރުގަދަ ކަމެކޭ މީ. ދުނިޔެއަށް ގޮސް ހުސްވެފަ.