އެއާ ކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމް މިއަދު އިފްތިތާހްކޮށްފިއެވެ.

ކަސްޓަމްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ނިޒާމު އިފްތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގު ޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ކަސްޓަމްސް އިން ހާސިލްކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ، އަވަސް ހިދުމަތެއް ލިބޭނެ އިންތިޒާމު ކޮންމެ މުއައްސަސާއެއްގައި ވެސް ހަމަޖެއްސުން ކަމަށެވެ.

އެއާ ކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު.. --- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްގެ މިއަދުގެ އެންމެ ބޮޑު ކާމިޔާބީއަކީ، މެނުއަލް ނިޒާމެއްގެ ތެރެއިން، ގިނަ ވަގުތުތަކެއް ޚިދުމަތްހޯދާ ފަރާތްތަކުން ހޭދަކޮށްގެން، ދެ ދުވަހުން ފުރިހަމަކުރެވެމުން އައި ޚިދުމަތެއް، ފުލީ އޮޓޮމޭޓްކުރެވި، ދެ ގަޑިއިރުން ދެވޭނެ ގޮތުގެ އިންތިޒާމް ހަމަޖައްސައި، ޚިދުމަތްހޯދާ ފަރާތްތަކަށް ބޮޑު ލުއި ފަސޭހައެއް ގެނެސް ދެވުން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކޮމިޝަނަރ ޖެނެރަލް ޔޫސުފް މާނިއު މުހައްމަދު އަދި މެނޭޖްމަންޓުން ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރުދެންނެވިއެވެ. މީގެ އިތުރުން، މިފަދަ ކަންކަން ކާމިޔާބުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރާ އޭޖެންސީތަކުގެ މުހިއްމު ދައުރު ފާހަގަކުރައްވައި، މިއަދު އިފްތިތާހްކުރެވުނު ނިޒާމް ގާއިމްކުރުމަށްޓަކައި އެމްއޭސީއެލްގެ މެނޭޖްމެންޓުން ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރުދެންނެވިއެވެ.

އެއާ ކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު.. --- ފޮޓޯ: ކަސްޓަމްސް

މި ހަފްލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް އަބްދުﷲ ވަހީދު ދެއްކެވި ވާހަކައިގައި، 14 ހަފްތާގެ މަގުޗާޓުގައި ކަސްޓަމްސް ކޮންޓްރޯލް އަދި ޓްރޭޑް ފެސިލިޓޭޝަން ދާއިރާއިން ކަސްޓަމްސް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްގީކުރުމަށްޓަކައި އެކުލަވާލެވުނު ޕްރޮޖެކްޓް ތަކުގެ ތެރެއިން މިއަދު މި އިފްތިތާހު ކުރެވުނު އެއާ ކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް މެކޭނިޒަމް ޚިދުމަތް ދޭން ފެށުމަކީ ކަސްޓަމްސަށް ހާސިލްކުރެވުނު މުހިންމު ލަނޑުދަޑިއެއްކަން ފާހަގަކުރެއްވިއެވެ.

މިޕްރޮޖެކްޓް އިތުރުން، މިދިޔަ ޖަނަވަރީމަހުގެ 29 ވަނަ ދުވަހު 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ އޭއީއޯ ޕްރޮގްރާމް އިފްތިތާހްކޮށް، މުދާ ގިންތިކުރުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ނިޒާމް ވަނީ ގާއިމްކުރެވިފައިއެވެ. މި ޕްރޮޖެކްޓް ތަކުގެ އިތުރުންވެސް މުހިންމު ގިނަ ކަންތައްތަކެއް 14 ހަފްތާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކަސްޓަމްސް އޮފިސަރުން އަބަދުވެސް ސާބިތުވެ ތިބޭނީ ސަރުކާރުގެ ޕޮލިސީތަކަށް ފުރިހަމައަށް އެއްބަރުލުން ދޭ އަދި ކަސްޓަމްސްގެ މަސައްކަތް އެއްދަވަހުން އަނެއް ދުވަހަށް ތަރައްގީކޮށް ކުރިއެރުވުމުގެ މަތިވެރި އަޒުމުގައި ކަމަށް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދާ ކްލިއަރކުރުމާ ގުޅޭގޮތުން ކަސްޓަމްސްއިން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ޒަމާންވީ މެނުއަލް ޕްރޮސެސްތަކެއް ބޭނުންކޮށްގެން ފޯރުކޮށްދެމުންދާ ޚިދުމަތްތަކެކެވެ. އެއާކާގޯ އޮޓޯމޭޓަޑް ކަސްޓަމްސް ކްލިއަރެންސް ނިޒާމު ގާއިމު ކުރުމާއެކު، ޚިދުމަތްތައް ވަރަށްބޮޑަށް އަވަސްވެ ގިނަ ގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. ހަމަ މިއާއެކު ޕްރޮސެސްތައް ޓްރާންސްޕޭރަންޓްވެ، ހަމަހަމަގޮތެއްގައި ރެންޑަމްކޮށް އޮފިސަރުންގެ މެދުގައި ޑިކްލަރޭޝަން ފޯމުތައް ކަނޑައެޅި، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއް ހަމައަކުން ޚިދުމަތް ލިބޭކަން ކަށަވަރު ކުރެވިގެންދާނެއެވެ.