ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނައަށް ބޮޑުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަމުން ނުދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީއެވެ.

ހުސެއިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނުއަށް ބޮޑުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރައްވާނެކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނުކޮށް އޮނިގަނޑުތައް ބެހިގެންވާގޮތް ހާމަކޮށްފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.

ނަމަވެސް ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާ ނިންމުން މިވަގުތަށް ތަންފީޒުކުރެވެން ނެތްކަމަށް އަދި އެކަން ފަސްކޮށްފައިވާކަމަށް އަންގާފައިވާ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ. އަދި މާލީ ހާލަތު ރަނގަޅުވެއްޖެނަމަ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން މާޗު މަހުން ފެށިގެން ތަންފީޒުކުރާނެކަމަށްވެސް ހާމަކޮށްފައިވާ ބުނެފައިވެއެވެ.

މުސާރަ ބޮޑު ނުވެ ލަސްވާ މައްސަލައިގައި ފުލުހުންނާއި ސިފައިން ކަންބޮޑުވާ ކަމަށް ވެސް ހުސެއިންގެ މައްސަލައިގައި ބުނެފައިވެއެވެ. އެހެންވެ، ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑު ކުރުމުގެ ވައުދު ފުއްދުމަށް ވެސް އޭގައިވެއެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުވާނެ ކަން ސަރުކާރުން އޮތީ ހާމަކޮށްފައެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އިންތިހާބު ތެރޭގައި ވައުދުވެވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެ ގުނައަށް ބޮޑު ކުރާނީ ފަސް އަހަރުގެ ދައުރަށް ބަހާލައިގެން ކަމަށެވެ.

ރައީސް މުއިއްޒު އެއިރު ވިދާޅުވީ ދެގުނަ މުސާރަ ބޮޑުކުރާނީ ފުރަތަމަ ރާއްޖޭގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމަށްފަހުގައި ކަމަށެވެ. އެހެންކަމުން 5 އަހަރު ދުވަހުގެ ދައުރުތެރޭ އެކަން ކުރާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން 2024 ގައި 35 އިންސައްތަ މުސާރަ ބޮޑުކުރާއިރު 2026 ގައި 35 އިންސައްތަ ބޮޑުކުރެވޭނެއެވެ. އަދި 2028 ގައި ބާކީ 30 އިންސައްތަ މުސާރަ ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ދެގުނައަކީ މިހާރު އޮންނަ ވަރު ޑަބަލް ވުން. ދެން އެކަން ކުރަން އަޅުގަނޑު ހުށަހަޅާ ގޮތަކީ އަޅުގަނޑުމެންނަށް އެގޭ ރާއްޖޭގެ އިޤްތިސާދު އޮތް ހާލަތު. އެ އިޤްތިސާދު ނަގާ ކޮޅަށް ޖަހަން އެބަޖެހޭ. އެ އިޤްތިސާދު ނަގާ ކޮޅަށްޖަހާއިރު އެކަން ކުރެވޭ ގޮތަށް ކުރާނީ." ސެޕްޓެމްބަރުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމެއްގައި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު 100 އިންސައްތަ މުސާރަ ޑަބަލްވެގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުވަދު

    ހަމަ ވާހަކައެއް އަޑު އިވޭއިރަށް މައްސަލަ ބަލަން ބކރ ކޮށްޓަށް

  2. އެމްޑީޕީ އައުޓް

    އެމްޑީޕީ ސަރުކާރުގަ ރީކޯއަށް 40 މިލިއަންގެ ރިސޯޓުކުލި މާފުކޮށް، ގާސިމު އަދި ނޫމަޑި ކުނފުންޏަށް އެތައް ސަތޭކަ މިލިއަން ދިން. އެކަމަކު ރައްޔިތުންނަށް ކަމެއް ކޮއްދޭންވީމަ، "އަންނަނީ އަންނަނީ".
    ބައިތުލްމާލު ހުސްކޮށްފަ، މިހާރު ދެން ވައުދުތަށް ނުފުއްދިގެން އުޅޭނެކަމެއް ނެތް

  3. ސޯލޭ

    ލޮލް ފުލުހުންނާ ސިފައިން ތިބީ ނުކާ އަހަރެމެން މިތިބީ ކައިގެން ޕަކާސް އެމްޑީޕީ މަރުމޯލުތައް

  4. ސައްލޫ

    ފުލުހުންގެ މުސާރަ ބޮޑުނުކުރާތާ 16 އަހަރު. ސަރުކާރުގެ އެހެނިހެން ވުޒާރާ ތަކުގައި މުސާރަނުކުރާތެއް މިހާރު ނުވެސް ނެތް.

  5. ޙިސާންމިހާރު

    ކީއްކުރާ ބައެއްތަ ތި ފުލުހުންނާ ސިފައިންނާ ، ހަމަ ތިބެނީ ނުވަދިހަ ޕަސެންޓު މީހުން އެމީހުން ލައްވާ މަސައްކަތް ކުރުވަން އުޅުނީ ރައީސް ނަޝީދު. އެހެންވެ ބަޣާވާތް ހިންގާފަ ވެރިކަމުން .ފުރުކުރީ. ވިސްނާލަބަލަ މުސާރަ ދެގުނަކުރަން ކީއްތޯ އިތުރަށް އެމީހުން ކުރަން ފެށީ.

  6. ނަންކުރާދޯނި

    ބާރެއް ނެތި ދިޔާމނަ އުސަރާއިން ތެޅޭތެޅުން އެބަ ފެނޭނުން