ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ބައެއް މީޑިޔާތަކުން ކުރި ރިޕޯޓް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފިއެވެ.

"ރަސްމާލެ" ނަމުގައި ތަރައްޤީކުރާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށް މީޑިޔާއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެ ސަރަހައްދުގައި ޑްރެޖަރެއް ވެސް މިހާރަކު ނެތް ކަމަށާއި އެ ސަރަހައްދުން އަދި ހިއްކާފައިވަނީ ކުޑަ ތަންކޮޅެއް ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާއި ގުޅިގެން "ވަގުތު"އިން ސުވާލުކުރުމުން އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ސިރާޖު މިއަދު ވިދާޅުވީ އެއީ ތެދު ހަބަރެއް ނޫން ކަމަށާއި އެ މަސައްކަަތް ކުރިއަށް ދާ ކަމަށެވެ. އަދި މިވަގުތު ކުރިއަށް ދަނީ އެ ސަރަހައްދުގައި ބައުންޑްވޯލް ޖެހުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

"ޑްރެޖާ ނެތިދާނެ، އެއީ އަދި މަސައްކަތް ކުރިޔަށް ނުދަނީނޫންތާ. ޑްރެޖާ އޮންނާކަށް ނުޖެހޭތާ އަބަދަކު. މަސައްކަތް މިދަނީ ކުރިޔަށް، ވަރަށް ބޮޑު ސަރަހައްދެއް ހިއްކަން ފަށައިގެން އެ އުޅެނީ. މީގެ ކުރިން އަޅުގަނޑަކަށް ހިއެއް ނުވޭ މިހާ ބޮޑު ސަރަހައްދެއް އެއްފަހަރާ ހިއްކުމުގެ އެއްކޮށް ފެށިގެން ނުޖެއްސޭ. އެހެންވީމާ އެވަރުގެ ބޮޑު ޕްރޮޖެކްޓެއް ދާއިރު އެ ހިއްކުމުގެ މަސައްކަތް، ވެލިއެޅުމުގެ މަސައްކަތް މިފަށަނީ އަދި އިތުރު މަސައްކަތްކޮށްފަ. އެހެންވީމާ އެ ތައްޔާރީވުމުގެ ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ވެލިއެޅުމުގެ ކުރިން. މަސައްކަތް ނުއެއް ހުއްޓޭ ހަމަގައިމުވެސް، ޕްރޮގްރެސްގައި އިނީ." ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ އެ ސަރަހައްދުގައި ޑްރެޖާ ނެތުމަކީ އަދި މަސައްކަތް ހުއްޓުމެއް ނޫން ކަމަށާއި އެ ސަރަހައްދަށް ވެލި އެޅުމުގެ ކުރިން ކުރަންޖެހޭ އިތުރު މަސައްކަތްތައްވެސް ހުންނާނެ ކަމަށެވެ.

ފުށިދިއްގަރު ފަޅުހިއްކަން ފަށާފައިވަނީ މިދިޔަ ޑިސެމްބަރ 18 ވަނަ ދުވަހުގައެވެ. މި މަސައްކަތް ހަވާލުކުރެވުނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާއެވެ.

މާލެ އާ މާދުރު ނޫން ހިސާބެއްގައި އޮންނަ ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މަސައްކަތް ތާވަލާ އެއްގޮތަށް ދާނަމަ 8 މަސް ތެރޭ ބިން ހިއްކާ ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ދުނިޔެއަށް ނަމޫނާ 'މޯލްޑިވްސް އިކޯ ސިޓީ'ގެ ގޮތުގައި ތަރައްގީ ކުރާ ރަސްމާލެ ތަރައްގީކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އަރިމައްޗަށް ދެ މީޓަރު އަދި މެދަށް 3 މީޓަރު އުސްކޮށެވެ.