މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ރޭލު ޓަނަލަކުން ގުޅާލަން މި ސަރުކާރުން ނިންމާފައިވާ ގޮތަށް އެ މަޝްރޫއުގެ ޑިޒައިން މަސައްކަތް ކުރުމަށް އެކަމަށް ގާބިލް ދެތިން ކުންފުންޏެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ރަސްމާލެ އާއި މާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލަން ނިންމެވި ކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ 22 ވަނަ ދުވަހު މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި ތިން ކައުންސިލަރުން ހުވާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ. ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކައި ފަންނީ އިނޮވޭޓިވް މަސައްކަތްތަކެއް ފަށައި ވަރަށް ގާބިލު ކުންފުނިތަކާ އެކުގައި މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެ ޓަނަލްގައި ރޭލެއް ދުއްވުމަށް ހަމަޖެހިފައިވާ އިރު، އެ ތަން ހަދާނީ ރޭލުގައި އިންނަ އިރު ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ރައީސް ޑރ. މުއިއްޒު "ވަގުތަށް" ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ ކަނޑު އަޑީގެ ޓަނަލްގެ ޑިޒައިން މަސައްކަތް ދެ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެއީ އެކަމަށް ގާބިލް ކުންފުނިތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

"އެކަމަށް ގާބިލް ދެތިން ކުންފުންޏެއް އަޅުގަނޑު މި ގެންނަނީ. އެއީ އޭގެ ކޮންސެޕްޓް ޑިޒައިން މަސައްކަތް ކުރަން. ފީސަބިލިޓީއަކާ އެކީގައި ޑިޒައިން ހަދާނީ. އެއަށްފަހު ދެން އޮތް މަރުހަލާ ކުރިއަށް ދާނެ،" ރާއްޖެ ތަރައްގީގެ އާ ހަރުފަތަކަށް އަރައިގެންދާނެ މަޝްރޫއުގެ ފަހުގެ ތަފްސީލް ދެއްވައި ރައީސް ވިދާޅުވިއެވެ.

މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ"ގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ކުރުމަށް އާބަންކޯ އިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

ފުށިދިއްގަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވާ ޖުމްލަ ބިމަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމުން ވާވަރުގެ ތިން ގުނައެވެ. މި ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައި ވަނީ އަށް މަސް ދުވަހުގެ ތެރޭގައެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ މި ބޮޑު މައްސަލަ އަށް ޖުމްލަ ހައްލެއް ގެނެސްދޭނެ މަޝްރޫއެއް ކަމުގައި މި ސަރުކާރުން ގަބޫލު ކުރެއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލެ ކައިރިން ގޯތި ދިނުމަށް ނިންމާފައިވާ ހުުރިހާ ބިންތަކެއް ހިމެނޭ ރަށްތައް ގުޅާލާނީ ބްރިޖަކުން ކަމަށެވެ. މިހާރު ފެށިގެން ކުރިއަށްދާ ތިމަލާޖެ ބްރިޖު އަދި ދަނީ ތިލަފުއްޓާ ހަމައަށް ކަމަށާއި އުތުރުތިލަފަޅާ ހަމައަށް ގުޅާލުމަށް އިތުރު ދެ ބްރިޖު ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ ބްރިޖުތައް ވެސް ނިންމާނީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މާލޭގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮއްޔާ

    މި ގައުމަށް ބޭނުން ވަނީ އަބަދުވެސް ތިކަހަލަ ވެރިން //
    ގައުމާއިގެން ކުރިޔަށް ދެވޭ ' ގެންދެވޭނެ މުރާލި ވެރިން // .......
    ވަރަށް އުންމީދު ///

    44
    9
  2. އމތ

    ފުރަތަމަ ހުޅުމާލެ އާބާދުކޮށް ނިންމަބަލަ. ކޮންމެ ވޯޓަކާ ދިމާކޮށް ކަޑަޖެހުން ހުއްޓަން ވެއްޖެނުން.

  3. ސދސފސަ

    ހަމައެކަނި ސުރުސަތު ފޮނިބާސާތަކަށް، ހޮޅި ބުރިޖެއް ނޭޅޭ. މަޖްލިސް ހިސާރުކުރަން ރާވާ ދޮގުރޭވުން

  4. އަހަންމާކަލޯ

    ކުރެވުނަސް އަދި ނުކުރެވުނަސް ﷲ އިރާދަކުރެއްވީޔާ ކުރެވޭނެވެސްމެއެވެ. އެކަމަކު އަބަދުވެސް ޒަމާނީ ހިޔާލު ހުންނަން ވާނެއެވެ.

    1
    1
  5. ދޮގު

    ދޮގު ފުންޏެއް އޮއްސާލައިފި. ކައްޒާބު!

  6. ކުރުސީއަަށްނުގުޑާ

    ސޯލިހު ބުނީ ވަރަށް ބިރުގަނެޔޯ ބިއްލޫރި ހޮޅިއެެއްތެރެއިން ދަތުރުކުރަން. ސޯލިހު އެއްގޮތަކަށް ވެސް ކުރާހިތްވާ ކަމެއްނޫނޯ އެއީކީ. ސޯލިހުގެ ހުންނަނީ ހޮޅިފޯބިއާ ހެން ހީވަނީ.

  7. އަބްދޫ

    ދޮގެކޭ ބުނެވޭނީ 5 އަހަރު ވީ އިރު އެކަން ނުވީމަ.މިހާރު ކަނޑުން ދީފަހުރިގޯތިވެސް އެބަހިއްކާ 30000 ފްލެޓް ގެ އެއްބަސްވުންވެސް ހަދައިފި.ވީއިރު ދޮގެކޭ ނުބުނެގެންވާކަށް ނެތް.

  8. އަބްދޫ

    ކަނޑުއަޑީގެ ޓަނަލަކީ ދުނިޔޭގަ ފުރަތަމަ ހަދާ ޓަނަލެްއްނޫން، މިހާރުވެސް ކަނޑުއަޑީގެ ޓަނަލް ދުނިޔޭގަ އޮޕަރޭޓް ކުރޭ ވީމާ ނުވާނެއެކޭއަދި ބުނެވެން ނެތް. ރާއްޖޭގެ ކަނޑުއަޑީގަ ރެސްޓޯރަންޓާއި ނިދާކޮޓަރިވެސް އެބަހުރި ވީމާ ނުވާނެއޭ ބުނާނީ ކިހިނެތް.