އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަރުޖަމާނަކަށް އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ ހަމަޖައްސައިފިއެވެ.

އީސީގެ ތަރުޖަމާނަކަށް ހަސަން ޒަކަރިއްޔާ ހަމަޖެއްސީ ކުރިން އެ މަގާމު ފުރުއްވި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މެމްބަރު ކަމުގެ ދެ ދައުރު ފުރިހަމަކުރައްވައި ރިޓަޔާ ކުރެއްވުމުންނެވެ. ހަސަން ޒަކަރިއްޔާ އެ މަގާމަށް ހަމަޖެއްސި އިރު، އޭނާ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފައެވެ،

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އާންމު ޖަލްސާއެއް ބާއްވައި ނައިބު ރައީސަކު ކަނޑައަޅައިފަ އެވެ. އެ މަގާމަށް އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތެވެ. އަލީ ނަޝާތު މިހާރު ފުރުއްވަމުން ގެންދަވަނީ އީސީގެ މެމްބަރުކަމުގެ ދެވަނަ ދައުރެވެ.

ހަބީބު މިއަދު ވިދާޅުވީ އާންމު އިންތިހާބުތައް ރާވައި ހިންގުމުގައި، އިންތިހާބުތަކާ ބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެމްބަރެއްގެ ގޮތުން ރައްޔިތުންނަށް ހިދުމަތް ކުރަން ލިބުނު 21 އަހަރަކީ ނެތިގެންދާނޭ ތަޖުރިބާއެއް ނޫން ކަމަށެވެ.

އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހަބީބު އެ ކޮމިޝަނަށް ފުރަތަމަ އައްޔަންކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 13 މާޗު 2014 ގައެވެ. ދެވަނަ ދައުރަކަށް މެމްބަރެއްގެ ގޮތުގައި ހަބީބް ކޮމިޝަނަށް އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި 13 މާރިޗު 2019 ގައެވެ. ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ހަބީބު އައްޔަންކޮށްފައި ވަނީ 25 ޖެނުއަރީ 2021 ގައެވެ.

ހަބީބް ވަނީ އޭނާއަށް ރައްޔިތުންނާއި ކޮމިޝަންގެ މުވައްޒަފުންނާއި ސިޔާސީ ޕާޓީތަކާއި އަދި މުއައްސަސާތަކުގެ އިތުރުން ނޫސްވެރިން ކުރި އިތުބާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު