ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަަށާއި ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ގާއިމް ކުރަން ރާވާފައިވާ ގޮތާއި ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު އަންދާޒާތަކާއި ސްޓްރެޓިޖިކް ޕްލޭން ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. މިއީ ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި، އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި، އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަނެ، ދައުލަތުގެ ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ގޮވާލައި ހުށަހަޅާފައިވާ ގަރާރެކެވެ.

ގަރާރު ހުށަހަޅުއްވަމުން އީވާ ވިދާޅުވީ ރާއްޖޭގެ ބޭރުގެ ދަރަނި ރީސްޓަރަކްޗާކުރާނެ ގޮތް ދިރާސާ ކުރަން ހާއްސަ ކޮމިޓީއެއް އެކުލަވާލައި ބޭރުގެ މާހިރުންގެ ލަފާ ހޯދުމަށް މުޅި މަޖިލީހުން ފާސްކޮށް، ކުރީގެ ސަރުކާރަށް ލަފާ ދީފައިވާނެ ކަމަށެވެ.

ގަރާރުގައި ބުނާގޮތުން ދަރަނި މެނޭޖުކުރުމާ ގުޅޭ ގޮތުން 27 އޮކްޓޯބަރ 2020 ވަނަ އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ސަރުކާރަށް ވަނީ ލަފައެއް އަރުވާފައެވެ. އެގޮތުން ދަރަނި ރިސްޓްރަކްޗާކުރާނެ ޚާއްޞަ ކޮމިޓީއެއް އެކުލަވައިލާ ރާއްޖެއާއި ބޭރުގެ ކަމާ ގުޅޭ މާހިރުންގެ ލަފާ ހޯދައި ކޮމިޓީއާ ގުޅޭ މަސައްކަތްތައް 8 މަސްތެރޭގައި މަސައްކަތް ނިންމައި ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހެޅުމަށެވެ. ނަމަވެސް މި ލަފައަށް އޭރުގެ ސަރުކާރުން އަމަލުނުކުރާކަން އީވާ ފާހަގަ ކުރެއްވިއެވެ.

އަދި ހަމައެއާއެކު އަނބުރާ ދައްކަން ޖެހޭ ދަރަނި ރީ-ފައިނޭންސްކޮށް ދަރަނި އަނބުރާ ދައްކާނެ ލުއި ގޮތްތަކެއް ހޯދައި، ސަރުކާރުން މާކެޓުން ފައިނޭންސް ކުރާއިރު މާކެޓާ ރައްޓެހި ގޮތެއް ގެންގުޅެއް ޖެހޭ ކަމަށް ބުނެފައިވެއެވެ. އީވާ ވިދާޅުވީ އަންނަ ކޮންމެ ސަރުކާރަކުން ވެސް ވެރިކަމާ ހަވާލުވުމާ އެކު ދައުލަތް ދަރަނިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި އަދި އެ ދަރަނި އަނބުރާ ދެއްކުމަށް އަމާޒުކުރާ ގޮތުގެ ޕްލޭން އާންމުކުރަން ޖެހޭ ގޮތަށް ގާނޫނުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިއަދު ފުރަތަމަ ކިޔުން އިއްވި ގަރާރުގައި ބުނީ ރާއްޖޭގައި ހިންގާ ޕަބްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކުގައި ގައުމުގެ ތަރައްގީއަށް ވާސިލުވާނެ މައިގަނޑު އަމާޒެއް ފެންނަން ނެތުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރެވި މާލީ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ޕްލޭނެއް އެކުލަވައިލާ އާންމުކުރަންޖެހޭ ކަމަށާއި، މާލީ ދެމެހެއްޓެނެވިކަން ގާއިމުކުރުމަށް ރާވާފައިވާ ގޮތާއި ތަރައްގީގެ މަޝްރޫއުތަކުގެ ހަރަދު އަންދާޒާތައް އަދި ސްޓްރެޓިޖިކް ޕްލޭން އާންމުކޮށް ހާމަކުރުމަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަބްދޫ

    އެމްޑީޕީން ނެގިދަރަނި އެމްޑީޕީން ދައްކަނިކޮށް މިސަރުކާރަށް ވަރަށް ލުއިވާނެ. މިހާރު އޮތް 120 ބިލިއން ގެދަރަނިން 78.5 ބިލިއން ދަރަނި ނަގާފަ ވަނި އެމްޑީޕީން .ދަރަނި ނުނަގާ ރުފިޔާ ޗާޕްނުކޮށް ގައުމު ހިންގާތީ އެކަން ދަސްކުރަން އުޅޭނެ ކަމެއްނެތް މިކަންކުރާގޮތް ނުބަލާ ކިޔަވަން ދާންވީ އޭރުން ހުރިހާކަމެއް އެގިދާނެ. ނޭހިޔަސް ޕްލޭން އެގިދާނެ . ނުކިޔަވާ ބަޔަކަށް ޕްލޭން ކިޔާ ދިނަސް ވިސްނާލަންވެސް ނޭގޭނެ.

    12
  2. ހަމްދު

    ނިމިދިޔަ 5 އަހަރު ވެރިކަމުގަ ހުރިހާ ބާރަކާ އެއްކޮއް ވެރިކަން ކުރިއިރު މައުލޫމާތެއް ހޯދަންދާއިރައް ގައުމީސަލާ މަތައް ހުރި ނުރައްކަލެކޭ ކިޔާފަ އެއްވެސް މައުލޫމާތެއް ނުދިން. މިހާރު ތިއުޅެނީ ކޮންމެ ވެސް އެއްޗެކޭ ކިޔާފަ ސަރުކާރައް އުދަގޫ ކުރަން

    11
  3. މާމީ

    ކަނބުލޯ ކަލޭމެން ފައިސާ ޗާޕުކޮއް ކަލޭމެން ހިތުހުރި ކުޅިއެއް ކުޅުނު އިރު ދިވެހިން ތިބީ މިދުވަސް ހޯދަން ފެންބޮވާފަ އިންގޭ

    13