ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ކާގޯގެ ހިދުމަތް އޮންލައިންކޮށް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކައުންޓަރުތަކުން މިހާރު ދެމުން އަންނަ ކާގޯ ހިދުމަތްތަކާ ގުޅޭ ފައިސާގެ މުއާމަލާތްތައް ކައުންޓަރުން ދިނުން އަންނަ ޖޫންގައި ހުއްޓާލަން ނިންމާފައިވާ ކަމަށާއި ޖޫން މަހު އެކަކުން ފެށިގެން އެ ހިދުމަތް އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ދެމުންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ ކާގޯ ހިދުމަތަށް ހާއްސަ ޕޯޓަލްއެއް، ކާގޯ އޭޖެންޓް ޕޯޓަލްގެ ނަމުގައި ބޭނުން ކުރަން ފަށާނެ ކަމަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮޮށް ފައިސާ ދެއްކުމަށް ޕީޑީ އެކައުންޓްގެ ހިދުމަތަށް އެދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް އޮންނާނެ ކަމަށާއި އެޖެންޓް ޕޯޓަލް މެދުވެރިކޮށް ޕޭމަންޓް ބަލައިގަންނާނީ އެ މުދަލެއްގެ ޑޮކިއުމެންޓޭޝަން ފުރިހަމަކޮށް، ކާގޯ ޓެލީ މަރުހަލާ ނިމުމުން ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އެގޮތުން އެ މަސައްކަތްތައް ފުރިހަމަ ކުރާނެ ވަގުތުތަކަކީ:

  • ޕެރިޝަބަލް ކާގޯ: ފްލައިޓް ޖައްސާ ވަގުތުން ފެށިގެން 3 ގަޑިއިރު
    ޖެނެރަލް ކާގޯ: ފްލައިޓް ޖައްސާ ވަގުތުން ފެށިގެން 6 ގަޑިއިރު

ކާގޯ އޭޖެންޓް ޕޯޓަލްގެ ހިދުމަތް އެމްއޭސީއެލްގެ ކާގޯގެ ކަސްޓަމަ ސާވިސް އޭރިއާގައި ބަހައްޓާފައިވާ ކިއޮސްކު މެދުވެރިކޮށް ވެސް ލިބޭނެ އެވެ. އެ ކުންފުނިން ބުނީ ކަނޑައަޅާފައިވާ ވަގުތުގެ އިތުރަށް އެއްވެސް ލަސްކަމެއް ނުވަތަ މައްސަލައެއް ދިމާވާ ނަމަ ކަސްޓަމަ ސާވިސްގެ ނަމްބަރު 7420225 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެމްއޭސީއެލުން ބުނީ މި ބަދަލާ އެކީ ކާގޯ އޭޖެންޓް ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުރިއަށް ވުރެ އަވަސްކޮށް އަދި ފަސޭހަ ޚިދުމަތެއް ދެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު