އައްޑޫ ސިޓީގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނަގަޅު ކުރުމަށް ކަރަންޓު ވިއުގައިގެ މަޝްރޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ ފެނަކަ ކޯޕަރޭޝަނުންނެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރެވިގެންދާނެއެވެ. މި މަޝްރޫއަށް ފައިނޭންސް ކުރާނީ ޑޮންފަންގް އިލެކްޓްރިކްއިންނެވެ.

ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސް ކުރިނަމަވެސް މި ފައިސާ ފެނަކައިން ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރު ދުވަސް ފަހުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫއު ކުރިޔަށް ގެންދާނީ ފޭސްތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސްގައި އިންސްޓޯލް ކުރާނީ 9.8 ގެ ދެ ޖެން ސެޓާއި އަދި 5.8 ގެ ދެ ޖެން ސެޓެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާ އެކީގައި ކަމަށާއި މި މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20 އަދި 25 އަހަރަށް ހައްލުވާނެ ކަމަށެވެ.

"މި ޕްރޮޖެކްޓަކީ 50 މެގަވޮޓްއަށް ކެޕޭސިޓީ އަޕްގްރޭޑް ކުރެވިގެންދާނެ ޕްރޮޖެކްޓެއް. އެގޮތުން ގުޅިފައިވާ ރަށްތަކާއި ހުޅުދޫ މީދޫއާ ބްރިޖަކުން ގުޅާލެވުމުން އެ ދެ ރަށަށް ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ،" މުއާޒް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ވަރަށް ބޮޑެވެ. ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެ ރައްޔިތުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިކަމާއި ގުޅިގެން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މީގެ ކުރިން ވިދާޅުވީ އެ ސިޓީއަށް ދިމާވެފައި އޮތް ކަރަންޓުގެ ހާލަތުން އަރައިގަތުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަން އެބަޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަތަނަބެ

    ކޮބާ ކުޅުދުއްފުށި

  2. ވަގު ފާތުމަ

    މިހާރު ކޮންމެ ކަމެއް ޗައިނާ އަށް ކިހާވަރަކުން ދާނެބާ، ލަންކާއައް ވީ ވަރު ނުވެއްޖެޔާ ރަނގަޅު