ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު މި އަހަރުގެ ތެރޭގައި ނިންމަން އިތުރު ލޭބަރުން މި މަހު ގެންނަން ނިންމާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.

ހަމްދާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޮންޖެހުންތަކުން އަރައިގަނެ، 4،000 ހައުސިން ޔުނިޓު އެއްކޮށް ނިންމައި، މި އަހަރު ނިމުމުގެ ކުރިން ސަރުކާރާ ހަވާލުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޖީއެމްސީ ޕްރޮޖެކްޓްސްއާއެވެ. "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެންބީސީސީއާއެވެ. މިއިން ކޮންމެ ކުންފުންޏަކުން ވެސް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ 2،000 ފްލެޓެވެ.

އެފްޑީސީ ފްލެޓުތައް އެޅުމުގެ ސްޕީޑު މި ސަރުކާރުން ބާރުކޮށްފި

ހަމްދާން ވިދާޅުވީ އެންބީސީސީން މި މަހު އިތުރު 250 ލޭބަރުން ގެންނަން ހަމަޖައްސާފައިވާ ކަމަށެވެ. ފްލެޓުގެ ސްޓްރަކްޗާ ނިމުމުން، ފިނިޝިންގެ ކަންކަމަށް ހުނަރު ނެތް ލޭބަރުންގެ ބަދަލުގައި ހުނަރުވެރި މަސައްކަތްތެރިން ނަގާނެ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން އިއްޔެ ވިދާޅުވީ ކުރީގެ ސަރުކާރުން 4،000 ފްލެޓުގެ މަސައްކަތް ފެށުމަށް ފަހު، 22 މަސް ދުވަހުގެ ތެރޭގައި 216 ސްލެބް ޖަހާފައިވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރަށް މި ވީ ފަސް މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 192 ސްލެބް ޖަހައި، މަސައްކަތްތައް އަވަސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތިން ލޭއައުޓަކަށް ހުންނަ މި އެޕާޓްމަންޓުތަކުގައި ދެ ކޮޓަރި އާއި ދެ ފާހަނާ އާއި ސިޓިން ރޫމާއި ބަދިގޭގެ އިތުރުން ބެލްކަނީއަކީ ޔުޓިލިޓީ (ދޮންނަ މެޝިނު ފަދަ ތަކަތި ބަހައްޓަން ހާއްސަ) ބެލްކަނީއެއް ވެސް ހުރެއެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް ލިބޭ މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

ނަމަވެސް، މި ސަރުކާރުން ވަނީ އެ ލިސްޓު އަލުން ރިވިއުކުރަން ނިންމައިފައެވެ. އެކަމުގައި ލަފާ ދޭނެ ކޮމިޓީއެއް ވެސް ވަނީ މިހާރު ހަދައިފައެވެ. ސަރުކާރުން އެގޮތަށް ނިންމީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލައިގެ ތަހުގީގު ހިންގައި ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަން ހާމަކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރިލްވާން

    އިތުރު މީހުން ގެނައުމުގެ ބަދަލުގައި މިހާރު ގަވައިދާޙިލާފަށް ތިބި މީހުންލައްވާ މަސައްކަތް ކުރުވާފަ ކުރާމަސައްކަތަށް އުޖޫރަދީފަ އެމީހުން ފޮނުވާލުން ކިހިނެއްތޯވާނީ؟؟

    9
    1
  2. އަހިއަ

    ސާބަހޭ! މުޅިގައުމު ބަންގާޅީން ގެނެސް ފުރާލާ. މީ ވާ ސަރުކާރެއް. ރަނގަޅު އެއްކަމެއްވެސް ނުކުރެ. ހަދަނީ ހުސްވެސް ދޮގު.

    5
    5
  3. ގައުމަށް ވިސްނާލަމާ، ދެރަވޭ!

    ކީއަްވާނީ ކޮންޓްރެކްޓް އުސޫލުން ދިވެހިން ވަކިން ނެގުން. ބަންގާޅީން ނުގެންނަ މަތިން ކުޑަ އަގަކަށް ނޫނީ ހިލޜ ސާބަހަށްވެސް ކޮއްތާ ޓްރާންސްޕޯޓް ދެނިކޮށް ހިއްވަރުގަދަ ދިވެހިން ކޮޅެއްވެސް ކޮއްދީފާނެ މާމޮޅަށް މާ އަވަހަށް. 500 ދިވެހިން ނަގައިގެން އަވަސްކޮއްލާ. ޕްލީޒް ރައީސޫ ތިމީހުން ނުގެނެބަލަ. ދިވެހިންގެ ރިސޯސް ކޮޅު ދިވެހިންނަށް ބާއްވަދީބަ.

  4. ޓިޕްއެކްސް

    މަސައްކަތް ނިމުމައްފަހު ދެން ތި 250 މީހުންނައް ކިހިނެއްވާނީ މާލެ ތެރެއައް ދޫކޮއްލާނީތޯ