މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަަށް ފްލެޓް ދިނުމަށް ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެކުލަވާލި ދާއިމީ ލިސްޓުން މިވީހާތަނަކަށް އެއްވެސް ނަމެއް ސަރުކާރުން އުނިކޮށްފައިނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިހެން ބުނެފައިވަނީ ފުލެޓުތަކުގެ ދާއިމީ ލިސްޓާއި ގުޅޭގޮތުން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމައި ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމި މީހުންގެ ލިސްޓު ކަމަށް ބުނާ ލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް، އެ ލިސްޓުގެ ސައްހަކަން އަދި ކަށަވަރެއް ނުވެއެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެއީ މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރާ މެދު ނަފުރަތު އުފައްދަން ފަތުރާ ލިސްޓެއް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

"މިއީ އިންތިހާބާ ދިމާކޮށް ސަރުކާރާމެދު ނަފުރަތު އުފައްދަން ފަތުރަމުންދާ ލިސްޓެއް. މިއީ ހަގީގަތެއް ނޫން." އޭނާ ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ފްލެޓު ލިބޭނެ ކަމަށް ނިންމާފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ އެއްވެސް މީހެއްގެ ނަމެއް މިހާތަނަށް އުނިކޮށްފައި ނުވާނެ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ، ދާއިމީ ލިސްޓުގައި ހިމެނޭ ޝަރުތުހަމަވާ އެންމެނަށް ފުލެޓު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެވައުދު ފުއްދަވާނެ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް، އެއީ އޭސީސީގެ ތަހުގީގަށްފަހު ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ކަނޑައަޅާ ލިސްޓުވެސް މުރާޖައާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ސީދާ ސުވާލު ކުރެވޭ ގޮތަށް އާންމުންނަށް ހުޅުވާފައިވާ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ފްލެޓް މައްސަލައަކީ ވަރަށް ގިނަ މީހުންނާއި ގުޅިފައިވާ އެތަކެއް ބަޔަކަށް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އޭސީސީން ދާދި ފަހުން ނިންމުމެއް ނިންމައި މިނިސްޓްރީއަށް ފޮނުވި ނަމަވެސް، އެ މައުލޫމާތު ހިމެނޭ ޕޯޓަލްގެ އެކްސެސްއެއް މިނިސްޓްރީއަށް ދީފައި ނުވާ ކަމަށެވެ.

އެ އެކްސެސް މިނިސްޓްރީއަށް ދީފައި ނެތުމުން، ފްލެޓަށް ހުށަހެޅި ބޭފުޅުންނާއި ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ބޭފުޅުންގެ މައުލޫމާތުތައް ނުބެލޭ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ބޭނުންވަނީ މައުލޫމާތު ބެލުމަށްފަހު، އާންމު ކުރަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ފްލެޓުތަކާއި ގޯތިތަކުގެ މައްސަލައިގައި ލަފާދޭ ހައުސިން ކޮމިޓީއެއް ސަރުކާރުން ވަނީ މިދިޔަ ފެބްރުއަރީ މަހު އުފައްދަވައިފައެވެ. އެ ކޮމިޓީގެ މެމްބަރުންނަކީ

ކޮމެޓީގެ މެމްބަރުން:

  • އާމިނަތު އީނާސް - ކޮމިޓީގެ ޗެއާ
  • އަބްދުލްއަޒީޒް ޔޫސުފް - ޑެޕިއުޓީ ޗެއާ
  • އަހްމަދު އަލިމަނިކު
  • މަރިޔަމް ފިޒާނާ ރަޝީދު
  • މުހައްމަދު މައުރޫފް ޖަމީލް
  • ފާތިމަތު ސައީދު
  • އާމިނަތު ޝައީރާ

ހައުސިން ކޮމިޓީގެ އާ ޗެއާއަކަށް އެޗްއާރުސީއެމްގެ ކުރީގެ ރައީސް އީނާސް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސައިން803

    މިހާރު އޮތްލިސްޓައް ފުލެޓްހަވާލުކޮށްފިނަމަ ވެގެންދާނީ ދައުލަތުގެ މުދަލެއް ހައްޤުވާ އެތައްބައެއް އުނިކޮށް ހައްޤުނުވާ ވަބަޔަށް ނަހަމަ މަންފާ ހޯދައިދިނުމަށެވެ. އަލުން ދިރާސާކޮށް ލިބެންވާ ހައްޤުފަރާތްތަކާއި ފުލެޓްހަވާލުކުރަންޖެހެއެވެ. އަދީބުވެސް އެމްއެމްޕީއާރުސީންނެގި ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އޭނައާއި ގާތް އެތައްބަޔަކަށް މަންފާވިއެވެ. މިއީ ބޮޑުމައްސަލައަަކަށްވާއިރު ފުލެޓްތައް އެއީ މައްސަލައަކަށް ނުވާންވީ ސަބަބެއްނެތެވެ. މިދެކަމުގައިވެސް ކޮށްފައޮތީ ހަމަ ދައުލަތުން ވައްކަމާއި ނުހައްޤު މަންފާހޯދުމެވެ.

    13
    4
  2. ޢެމް އެސް

    އަޅުގަޑު ހައިރާންވަނީ އަޅުގަޑު ޅައިރުއްސުރެން މާލޭގައި ޢުޅެ މުސްކުޅިވިއިރުވެސް އަޅުގަޑަށް ބޯހިޔާވަހިކަމެއް އެއްވެސް ސަރުކާރަކުން ނުދެއްވާ އިހަކަށް ދުވަހު މާލެ އައިސް އުޅޭމީހުނަށް ފްލެޓްތައް ބަހާތީ! ކޮންމެ ސަރުކާރަކުންވެސް ފުލެޓް ދެނީ ހަމަ އެބަޔަކާއި ގުޅިގެން އުޅޭރައްޓެހީން ނާއި ގާތްތިމާގެ މީހުނަށް ޝަރްތު ހަމަވުމަށް ބަލަނީ ކޯޗެއް ކަމެއްވެސް ނޭގޭ ކުއްޔަށް ތިބޭ ބައެއް ގެ ދިރިއުޅުމުގެ ފެންވަރު ބަލަނީ ކިހިނެއްބާއޭވެސް ހިތަށް އަރާ ކުލިދައްކައިގެން މޮޅުތަނެއްގައި ހުރުމަކީ ޝަރަތު ހަމަނުވާންވީ ސަބަބަކަށް ވެގެނެއް ނުވާނެ އެއީ އެބައެއްގެ އަމިއްލަ ގެދޮރެެއް ނޫން ކުލިދައްކާދައްކާ އުމުރު ހުސްވާއިރުވެސް މީހެއްގެ ގެއެއް އަމިއްލައެއް ނުވާނެ ވީމާ ޝަރްތް ތަކުގައި ބަލަން ޖެހޭނީ ކުއްޔަށް ތިބޭމީހުންގެ އެހެނިހެން ހާލަތްތައް!

    10
    2
  3. ޙެހެހ

    އެއީ ޞައްހައެއް ލިސްޓަކަށްވިޔަސް ސަރުކާރުން މިހާރު އެއްބަހެއްނުވާނެ ، އެކަމަކު އިންތިޚާބު ނިމުމާއި އެކު ކީހާޅެން ފަރިއްސަށްވާނެ %100

    2
    1