ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމަށް މަސައްކަތް ކުރެއްވި ކަމަށާއި އެ މަސައްކަތް ހުއްޓުވީ ސީދާ އެމްޑީޕީގެ ލީޑަޝިޕުން ކަމަށް މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު އެގޮތަށް ވިދާޅުވީ ރޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ސޯލިހު ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މަޖިލީހުގެ މެމްބަރުން އިތުރުވާ ގޮތަށް އޮތުމަކީ ދައުލަތަށް އޮތް ބޮޑު ބުރައަކަށް ވާ ތަން ފެންނަމުންދާ ކަމަށެވެ. އެހެން ކަމުން އެ ޕާޓީން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް އޮތް ދައުރުގައި އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުން، ވަކިވަރެއްގައި ހިފެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސޯލިހްގެ މި ވާހަކަފުޅަށް ރައްދު ދެއްވައި ސިރާޖު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުން 19 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީ އަށް ދިނީ އެ ވިދާޅުވާ ބަދަލުތައް ގެނެސް ދިނުމަށް ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް އެދެމުން ގެންދިޔައިން މަޖިލިސް އަދަދު ހިފަހައްޓަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް." ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމުގެ މަސައްކަތް ހުއްޓުވީ ސީދާ އެމްޑީޕީގެ ލީޑަޝިޕުން ކަމަށެވެ. އަދި އެމްޑީޕީގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ސިރާޖު ވިދާޅުވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑި ސިރާޖު ކާމިޔާބު ކުރެއްވީ އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވައިގެންނެވެ. ނަމަވެސް އެމްޑީޕީގެ ފަސް އަހަރު ނިމި ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން ދަނިކޮށް ސިރާޖު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ރިއާޔަތްކޮށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ތަރައްގީއަށް ހުރަސްއަޅާ ބަޔަކު ދެވަނަ ދައުރަކަށް ހޮވުމުގެ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދިވެހިރާއްޖޭގެ ވެރިން ނަކީވެސް ދައުލަތުގެ މާލިއްޔަތު ލޫޓުވައިގެން ޖީބް ބޮޑުކުރަން އުޅުނު ބަޔެއްކަމަށް އެމީހުންގެ ނަފުސުވެސް މަލާމާތް ކުރޭ !