ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ޔޫސުފް ނައީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ހުރި ގޯސްތައް ފާހަގަކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ވ. އާރަށް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑްއަށް ދޫކުރީ ޔޫސުފް ނައީމް ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތެއް ދީގެން ކަމަށް ދައުލަތުގެ ދައުވާގައިވެއެވެ. އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެ، އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވިއެވެ.

ހައި ކޯޓުން ދެންމެ ނިންމީ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް އަލުން ބަލަން މައްސަލަ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އެގޮތަށް ނިންމީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުން ވަނީ މި މައްސަލައިގައި ނައީމްގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާ ހުރިހާ ނުކުތާތަކަކަށް ތާއީދު ކޮށްފައެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރީ ޔޫސުފް ނައީމްގެ ޝަރީއަތުގައި ދައުލަތުން އޭނާގެ ހެކިތަކަށް ރައްދު ދިނުމުގެ ގޮތުން އިތުރު ހެކިތަކެއް ހުށަހެޅި އިރު، އެ ހެކިތައް ކޯޓުން ބަލައިގަތީ ރަނގަޅަށް ނޫން ކަމަށެވެ. އެ ހެކިތައް ބަލައިގަތީ ރާއްޖޭގެ ގާނޫނުގައި ނެތް އިޖުރާއަތްތަކެއްގެ ތެރެއިން ކަމަށް ހުކުމުގައިވެއެވެ. އަދި އެކަން ނިންމުމުގައި ބޭރުގެ ގާނޫނުތަކަށް ކްރިމިނަލް ކޯޓުން ރިއާއަތްކުރީ ގޯސްކޮށް ކަމަށް ނިންމާފައިވެއެވެ.

އޭގެ އިތުރުން، ޔޫސުފް ނައީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމާފައި ވަނީ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމާ މެދު އޭނާގެ ފަރާތުން އުފެއްދި ސުވާލުތަކަށް ރިއާއަތް ކުރުމެއް ނެތި ކަމަށް ހުކުމުގައިވެއެވެ.

އެގޮތުން، ރަށްތައް ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ހައިސިއްޔަތުން އޮންނަ މަސްއޫލިއްޔަތަކަށް ނުވާއިރު، އޭނާ ޔާމީނަށް ދެއްވި ކަމަށް ބުނާ ފައިސާ އަކީ ހުއްދަ ނޫން ގޮތުގައި ދިން މަންފާއެއްކަން އޭނާއަށް އެނގޭކަން ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެދީފައި ނުވާ ކަމަށްވެއެވެ.

ނައީމްގެ މައްޗަށް ހުކުމްކޮށް އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ހެދި ގޯސްތައް ވެސް ހައި ކޯޓުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އޭނާއަށް އަދަބު ކަނޑައެޅުމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވާ ކަމަށާއި، ޖަލު އަދަބު ނޫން އެހެން އަދަބެއް ކަނޑައަޅަން އެދުމުން ކޯޓުން އެކަން ނުކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމާފައިވެއެވެ.

އެ ސަބަބުތަކާ ހެދި ހައި ކޯޓުން ނިންމީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން "ރޯމަރު" ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އަދި ޝަރީއަތް ކުރުމުގައި ލިބެން ޖެހޭ ހައްގުތައް ޔޫސުފް ނައީމަށް ލިއްބައިދީފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެހެންވެ، ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކަމަށް ކަނޑައަޅައި ނިންމީ މައްސަލަ އަލުން ބަލަން ތަހުވީލު ކުރުމަށެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ހުޒައިފާ މުހައްމަދު، އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ރިޔާސަތު ފަނޑިޔާރު ޝަފީއު އިއްވެވި ރައުޔަށް ތާއީދު ކުރުމާއެކު ފަނޑިޔާރު ސަލީމް ވަނީ އިތުރު ކަންތައްތަކެއް ވެސް ފާހަގަކުރައްވައިފައެވެ.

ދަށު ކޯޓުން ކުރިން ކުރި ހުކުމުގައިވަނީ ޔޫސުފް ނައީމްގެ އެކައުންޓަކުން ދޫކުރި ޗެކެއް ޔާމީންގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވިޔަފާރި ކުރުމާއި އެހެނިހެން މާލީ މަސްލަހަތެއް އެއްވެސް ބާއްވައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައި ވާއިރު، ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކުން އާރަށް ކުއްޔަށް ހިފަން މުއާމަލާތް ހިންގާފައި ވަނިކޮށް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް އެއްމިލިއަން ޑޮލަރު ޖަމާކުރި ކަމަށް ދެބޭފުޅުން ކުރެ އެއްވެސް ބޭފުޅަކު އިންކާރެއް ވެސް ނުކުރައްވައެވެ. ނަމަވެސް ދެބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ޑޮލަރު ގަތުމަށް ޔާމީންގެ ފަރާތުން 15 މިލިއަން ދިވެހި ރުފިޔާ ޔޫސުފް ނައީމާއި ހަވާލު ކުރިކަމަށް ހެކިވެރިން ކޯޓުގައި ހެކިބަސް ވެސް ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޞިނާ

    އުންސުރާ ފަންސުރާ ފަރުގާލާ އެނގޭނީ އެމް
    ޑީ އެން ލާދީނީ ޕީ.ޖީ ސަމީމުއަށާއި ޕޮރޮފެސަރުލް މާލްދީޕް އަދުރޭ އައް ޓިނުގަނޑީއަށް.

    15
    5
  2. ޑަންޑަނާ

    ކޮބާ! ނުބައިކޮށް ހުކުމް ކުރަން ފަނޑިޔާރު ބޮޑު މުށަރަ ދީފަ ބަހައްޓަން ޖެހޭތޯ

    27
  3. ފެހުރިހި

    އެމްއެމްޕީއާރުސީގެ މައްސަލައިގަ އެމްޑީޕީ ސަރުކާރުން އެކިމީހުން ކިރީ އެކި ތިލަފަތުން.
    1. ޔާމީނު 5 އަހަރު ޖަލުގަ ބާއްވާފަ ވޯޓު ނިމޭއިރަށް ގެއައް ބަދަލު ކުރި
    2. ވައްކަން ސާބިތުވެ 25 އަހަރަށް ޖަލައްލި އަދީބު މިނިވަން ކުރި
    3. އިވާގެ ފިރިމީހާ އެ ލާރިކޭމީހުންގެ ލިސްޓުގަ އޮތަސް އެއްވެސް ފިޔަވަޅެއް ނާޅާ، ތަހުގީގުވެސް ނުކުރޭ
    4. އެ ލާރީގަ ޖެހުނު ބައެއް މީހުން ޔޫކޭގަ ރިއަލްއެސްޓޭޓު ވިޔަފާރި އެބަ ހިންގާ.

    މިއީ އެއްކޮޅަށް ބަރުވެފަ އޮތް އެމްޑީޕީގެ ތިލަފަތުގެ ހަގީގަތް

    59
    • ކޮޔާ

      ތިލަފަތް އޮންނަނީ އަބަދުވެސް އެއްކޮޅަށް ބަރުވެފަ ހަމަހަމަ ތިލަފަތެއް މިހާރު އަހަރމެން ބޭނުންވަނީ ހުދު ތިލަފަތެއް އަންޑިމޮކްރެޓިކް ތިލަފަތެއް ބޭނުމެއް ނޫން

      17
  4. ޢިބްރާ

    ޢެމްޑީޕީގެ ޖަސްޓިސްއަކީ ނަތަންޔާހޫގެ ޖަސްޓިސް އެއްކަހަލަ ބައިގަޑެއްމިޙަރު އެބަ އެގެއެއްނު ސަރުކާރުން މީގެ ތެރެއަށް ނުވަންނަކަން ބަލާތި ބޮޑިބަތް މިނިމޭއިރަށް ބުނާނެ މުއިޒްއޭ ފަޅޮލޭ ދެން ޔާމީން ބުނާނެ ވަރެއް ނެތޭ ހެޔޮނުވާނެ ޔާމިން ތިބައިގަޑު ދުރުކުރޭ އަދި ތިމާވެސް މަބޮޑޭނުވެ ތަންކޮޅެއް ހަމަބިމަށް ތިރިވެލީމާ ރަގަޅުވާނެ ބޮޑާކަން ދޫކޮށްލާ ތައުބާވޭ ހަމަ ޔަގީނުން އެގޭ ސަރުކާރުގެ ލާރި ނަހަމަ ގޮތުގައި ބޭނުން ކުރިކަން ކިތަންމެ ހުކުމެއް ކުރިއަސް ވައްކަން ކުރިކަން ނޭގޭ ދިވެއްސެއް ނެތް ޔާމިން ތިބޭފުޅާވެސް ވެއްޖެ ލަދު ގަންނަން

    16
    5
  5. އަބްދޫ

    އަދީބު މެދުވެރިކޮށްގެން ދަވްލަތުގެ ފައިސާއިން އެތައމިލިއނެއް ޔާމީނު އެކައުންޓަށް ޖަމާ ނުވާކަމަކަށް ނުވާނެ. އެފައިސާ ނެގީ މީރާއަށް ޖަމާކުރަންޖެހޭ ފައިސާ މީރާއަށް ވެސް އެމްއެމް ޕީއަާރުސިއަށް ވެސް ޖަމާކުނޮށް ޕްރިވެޓް ކުންފުނިތަކުގެ އެކައުންޓަށްޗެކް ޖަމާކުރަންޔާމީނު ހަމަޖައްސަިގެން މިއީ.ހަގީގަތް ނޫންކަމަކަށް ނުވާނެ،

    8
    2
  6. ޙެހެހ

    ދެން މިކަންވެސް ބެލޭނެ ގޮތެއް އޮންނަންޖެހޭ އެބަ ! ހަމަ ޒާތީވީމަ ރޯމަރު ނުބާކޮށް ހުކުމްކޮށް މީހެއްގެ މިނިވަންކަމަށް އަރާގަތުން ބެލެންޖެހޭ އެބަ ، މީ ދޫކުރެވޭނެ ކަމެއްނޫން ، މީހަކަށް އިންސާފުން ބޭރުން ހުކުމްކުރީމަ ، އެއީ ނުބާކޮށް ކުރި ހުކުމެކޭ ބުނެފަ ނިންމާލަންވީތޯ ، އެކަން ކުރިމީހުންނަށް އަދަބެއްނެތްތޯ ! ޙާދަ ހިތާވެރިކަމެކޭމީ

  7. ނަޝީލް

    ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި މިހާރު މިރާއްޖޭގައި ދަށު ކޯޓުތަކުގެ ޤާޟީންނަށް ތިބެނީ ވެސް ޤާޟީކަން ކުރެވޭ ވަރަށް އެކަމުގެ ޢިލްމާއި ހުނަރު ލިބިފައިވާ މީހުން. އެހެންވީއިރު ދަށު ކޯޓުން ކޮށްފައި ހުންނަ ޙުކުމް ބާޠިލް ކޮށް މަތީ ކޯޓުން ނެރޭ ޙުކުމްގައި ބުނާ ވާހަކަ ނޫހުން ކިޔާލާއިރު ރައްޔިތުމީހާއަށް އިަޙުސާސް ވެގެންދަނީ ދަށުކޯޓް ތަކުން ނިންމާ ޝަރީޢަަތުގެ އިތުބާރު ގެއްލުން. ދަށު ކޯޓްތަކުގެ ޤާޟީންނާއިމެދު ރައްޔިތުން ދެކޭގޮތް ބަދަލުވުން. އެތައް ފައިސާ އަކަށް ބޮޑު ޚިޔާނާތް ވެގެން ދަށު ކޯޓުން ޖަލު ޙުކުމް ކޮށްފައި ހުންނަ މީހާގެ މައްޗަށްވެސް ކުށެއް ނެތްކަމަށް ސާފު ހުދު ފޮތިކޮޅެއް ކަމަށް މަތީ ކޯޓުން ޙުކުމް ކޮށްފާނެ.
    ދެން އެހިސާބުންްްް ދައުލަތުން ޚިޔާނާތުގެ ގޮތުގައި ނެގިހާ ފައިސާ އާއި ތަކެއްޗަކާއެކު އެމީހަކު ސަލާމަތްވެ ނިމުނީ.
    މިގޮތަށް މިކަން ކުރިއަށްދާނަމަ އަންނަ ކޮންމެ ވެރިއަކު ދައުލަތް ލޫޓްވާލާފައި ދިއަޔަސް ވާނެ ކަމެއްނެތްކަން އެބައިމީހުންނަށް ޔަޤީން އެބަކުރެވޭ.

  8. ނާވިޒް

    ކްރިމިނަލް ކޯޓުގައި ތިބީވެސް ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ލިބިފައި ހުރި މަސްއަލަތައް ފުރިހަމައަށް ބަލައި ޢަދުލަށް ވަރަށް ރަނގަޅަށް ޙުކުމް ކުރަން ދަންނަ ކިޔަވައިގެން ތިއްބެވި ޤާޟީން. އެމީހެއްގެ ބައިވެރިވުމެއް ނެތްް ކަމެއްގެ މައްޗަށް މިފަދަ ކޯޓަކުން ކުށް ސާބިތު ވާކަމަށް އެފަދަ މީހެއްގެ މައްޗަށް ޙުކުމް ނުކުރައްވާނެ ކަމީ ޝައްކެތް ނެތި ރައްޔިތުންނަށް އެނގޭ ކަމެއް. އެއީ މިހާރު އިންޞާފަށް ލޯބިކުރާ ރައްޔިތުން ޤަބޫލު ކުރާ ޙަޤީޤަތް ކަމަށްދެކެން.