ތ. ކިނބިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ކިނބިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

މި ރަސްމިއްޔާތުގައި ދި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަލީ ހަބީބާއި ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެމްޓީސީސީގެ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހުމަދު ލަތީފާއި ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން އަދި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި ކިނބިދޫ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫއަށް 148.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 21 ގައެވެ. މި މަސައްކަތް ނިންމަން ޖެހޭނީ 240 ދުވަސް ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަކީ ކިނބިދޫގެ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން އިތުރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު