ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެ ވަޑައިގަތުމަށް ފަހު އެމަނިކުފާނު ފުވައްމުލަކު ސިޓިއަށް ވަޑައިގަންނަވާނެ ކަން ހާމަ ހާމަކުރައްވައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް މިރޭ ހައިކޯޓުން ބާތިލު ކުރުމާއި އެކީ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އިންތިހާބާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކެނޑިޑޭޓުން ކުރަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ކެނޑިޑޭޓުން ބޭނުންވާ ކަންކަން ޕާޓީގެ ފަރާތުން ކޮށްދޭތާ ވެސް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެމަނިކުފާނަށް ވެސް ކުރެވޭނީ ވަކި ވަރަކަށް މަސައްކަތް ކަމަށާއި މާދަމާ ހަވީރު އިރުއޮއްސޭކަންހާއިރު ރާއްޖޭގެ އާބާދީ ބޮޑު އަތޮޅަކަށް ދަތުރު ކުރުމަށް ނިންމާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"48 ގަޑިއިރުގެ ތެރެއިން މާދަމާ އަކީ ހުކުރު ދުވަސް ކަމަށްވާތީ، ގާތްގަނޑަކަށް 4 ޖަހަންދެން ކުރެވޭނެ މަސައްކަތެއް ނޯންނާނެ. ދެން އަޅުގަނޑު އެބަ ވިސްނަން ހަމަ މާދަމާ ހަވީރު އިރުއޮއްސެންވާއިރަށް ރާއްޖޭގެ ބޮޑު އާދާބީ ބޮޑު އަތޮޅަކަށް ދަތުރު ކުރަން ކެމްޕޭނަށް. މިއޮތް ވަގުތުގައި ކުރެވެން އޮތް މަސައްކަތް ކުރާނަން" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެމަނިކުފާނު ވަޑައިގަންނަވާ އަތޮޅެއް އަދި ނުދަންނަވާނެ ކަމަށާއި އެއީ "ސަޕްރައިޒެއް" ކަމަށެވެ.

އެމަނިކުފާނު ދަތުރު ކުރައްވާނެ ރަށެއް ހާމަކޮށްފައި ނުވާއިރު، ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޕީއެންއެފްގައި އިސްކޮށް މަސައްކަތް ކުރައްވާ މުހައްމަދު މަލީހް ޖަމާލް ވަނީ އެމަނިކުފާނު ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ މިރޭ ޕީއެންއެފް ޓީމް ފުވައްމުލަކަށް ދަތުރުކުރާނެ ކަމަށެވެ. އެ ޓީމަށް ފުވައްމުލަކަށް ދެވޭނީ މިރޭ މެންދަމު ކަމަށާއި އަދި މާދަމާ ޔާމީން ފުވައްމުލަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޕާޓީއިން އާބޭފުޅަކު ދެން އަންނަ ދައުރަކަށް ވެރިކަމަށް އިންތިހާބުކުރަން ތައްޔާރުކުރައްވަންވީ. ޔާމީން އިތުރަށް ވެރިކަމާހެދިނޫޅެ ރިޓަޔާވާންވީ މެންޓަލީ އަދި ފިޒިކަލީ އިޓް ވިލް ބީ ގުޑް ފޯ ޔޫ

    17
    1
    • ހަމްދު

      ޔާމީނު އެމްޑީޕީއާ ޑީލް ހެދި ފަހުން ވަރައް ފޫހި ވެއްޖެ

    • މަލީހާ

      ޖަމީލު އާއި މަލީހު އައުޓް ކޮށްލީމާ ރަގަޅު ވާނެ. ބާޒު ތަކުގެ ވަކިން ސަލާމަތްވެ ހަގީގީ އެކުވެރިން ފަހަތަށް އަރުއްވާ.