ސަރުކާރަށް ދުއްޕާންކުރާ ބަޔަކު މަޖިލީހަށް އައިސްގެން ތަރައްގީއެއް ނުކުރެވޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން އައްޑޫ ހުޅުދޫ ދާއިރާއަށް މަޖިލީހަށް ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޝާޑު ވިދާޅުވީ އޭނާ މަޖިލީހަށް ކުރިމަތިލީ ސަރުކާރާއި ގުޅިިގެން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށެވެ. ބޭނުންވާ ކަންތައްތައް ފަސޭހަކޮށްދިނުމަށް އެ މަގު ފަހިކޮށްދިނުމަށެވެ.

"ސަރުކާރާ ނުގުޅި، ސަރުކާރަށް ބޭނުންވާ ކަންތައްތައް ކޮށްނުދޭ، ސަރުކާރާ ގުޅުން ނެތް، ސަރުކާރަށް ދުއްޕާންކުރާ ބަޔަކު މަޖިލީހަށް އައިސްގެން މިކަން ކުރެވޭކަން ނެތް."، ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވީ މި ސަރުކާރުގެ އިހްލާސްތެރިކަން އެބަހުރި ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވަނީ ހަމައެކަނި ވައުދުފުޅުތަކެއް ނޫން ކަމަށާއި އައްޑޫގެ ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށް ޝާޑް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ރާއްޖެ ތަރައްގީ ކުރުން ކަން ފާހަގަކުރައްވަމުން ޝާޑް ވިދާޅުވީ، ރައީސް މުއިއްޒުގެ އަމިއްލަ އެއްވެސް އެދުމެއް ނެތް ކަމަށެވެ. އަދި ރެއާ ދުވާލު ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި އެކަން ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލްކުރާ ކަމަށް ވެެސް ވިދާޅުވިއެވެ.

"ރައީސް އަކީ ރައްޔިތުންގެ އިތުބާރު ހޯއްދަވާފައި ހުރި މިކަން ކުރެވޭނެ ހަމައެކަނު ބޭފުޅާ. ރައީސް އަކީ ހެޔޮލަފާ އަހުލާގު ރަނގަޅު ކެތްތެރި ބޭފުޅެއް. ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ ގާބިލްކަން ރައީސްގެ ގައިގައި އެބަ ހުންނެވި.". ޝާޑު ވިދާޅުވިއެވެ.

ޝާޑު ވިދާޅުވީ ސިޔަސީ މަސައްކަތުގައި ރައީސް އުޅުއްވާއިރު ދިމާވާ ކަންތައްތަކާއި ދޭތެރޭ ކެތްތެރިވެވަޑައިގަންނަވާތަން ފެނި އެކަމަށް ފަހުރުވެރިވެލައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު