އައްޑޫ ސިޓީ ތަރައްގީ ކުރުމާއިއެކު ރައްޔިތުން މަޖިލިސް އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެނޑިޑޭޓް، ނޫސްވެރިޔާ އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަޒާން ވިދާޅުވީ އޭނާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ ރައީސް މުއިއްޒާއި ކެބިނެޓް ވަޒީރުންނާއި ގުޅިގެން އައްޑޫއަށް ގެންނަންޖެހޭ ތަރައްގީ ގެނައުމަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. ސަރުކާރުން އެދޭ ސްޕީޑްގައި ތަރައްގީ ގެނެވޭނީ ސަރުކާރަށް އެއްބާރުލުންދޭ މަޖިލީހެއް އޮވެގެން ކަމަށްވެސް ވިދާޅުވިއެވެ.

 

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން. އައްޑޫގައި މުނިފޫލި ފިލުވާނެ ވަސީލަތްތަކެއް ނެތް. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތެރަޕީ ހޯދާނެ ގޮތްތަކެއް ނުހުރޭ. ހާއްސަކޮށް ހިތަދޫގައި މަސް މާރުކެޓެއް ނެތް. ވަޒީފާގެ ފުރުސަތުތަކެއް ނެތް. އިގްތިސޯދުގެ ފުރުސަތުތަކެއް ނެތް. އައްޑޫ އަކީ ރާއްޖޭގެ އެހެން ރަށްތަކާއި ބަލާއިރު އެންމެ ހާލުގައި އުޅޭ ރައްޔިތުން ދިރިއުޅޭ އެއްތަން." އަޒާން ވިދާޅުވިއެވެ.

އައްޑޫގެ ހާލަތު ބަދަލުކުރެވޭނީ 15 އަހަރު ވަންދެން އެއް ބަޔަކަށް އެއް ކަމެއް ކުރަން ފުރުސަތު ދެމުން ދިޔަ ދިއުން ބަދަލުކޮށްގެން ކަމަށް އަޒާން ވިދާޅުވިއެވެ. އެ ހާލަތު ބަދަލުކުރެވޭނީ ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާ ކެނޑިޑޭޓުންނަށް ފުރުސަތު ދީގެން ކަމަށް ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ މަޖިލީސް އިސްލާހު ކުރުމުގެ މަސައްކަތް ވެސް ކުރުމަށް ވެސް އިސްކަމެއް ދޭނަން. ޒުވާނުން ސިޔާސީ ކަންތައްދެކެ ފޫހިވަނީ މަޖިލީސް ޕާފޯމްކުރާ ގޮތުން. އަންނަން އޮތް ޖީލަށް ޖެހޭ ނަޒާހަތްތެރި މަޖިލީހެއް ފޯރުކޮށްދޭން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ބަޔަކަށް ހަދަން އެބަޖެހޭ. ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ސުލޫކާ އަހުލާގު ހިފަހެއްޓެން ޖެހޭ. ބޭނުންކަމެއް ބޭނުން ގޮތަކަށް ކުރެވެން އޮންނަ ތަނަކަށް ނުވާނެ." އަޒާން ވިދާޅުވިއެވެ.

އެހެންކަމުން އެންމެ މުހިންމު އެއް ކަމަކީ އައްޑޫ ތަރައްގީ ކުރުމާއި މަޖިލިސް އިސްހާލުކުރުން ކަމަށް އަޒާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ޖީލަށް ދައްކަން ބޭނުންވަނީ ނަމޫނާ މަޖިލީހެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެކުވެރިޔާ

    މަޖިލީސް އިސްލާހު ނުކުރެވޭނެ އެކަން ކުރެވޭނީ ސަރުކާރައް މަޖިލީހުގެ މެޖޯރިޓީ ލިބިގެން، ދެވަނަ ކަމަކައް ރައީސު މުއީޒު އެކަން ކުރަން ބޭނުންނަމަ