ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުންގެ ފަރާތުން ހަރުކުރި ބެނާތަކާއި ޕޯސްޓަރުތައް 10 ދުވަސްތެރޭގައި ނެގުމަށް އަންގާފައިވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "ވަގުތަށް" ވިދާޅުވީ އިންތިހާބުގެ އާންމު އުސޫލު އޮންނަ ގޮތުން އިންތިހާބު ނިމި 10 ދުވަސްތެރޭގައި ކެންޑިޑޭޓުން ކެމްޕޭނަށް ހަރުކުރި ބެނާތަކާއި ޕޯސްޓަރުތަކާއި އަދި އެ ނޫން ވެސް ތަކެތި ނަގަން ޖެހޭނެ ކަމަށެވެ. އެ ތަކެތި ނެގުމަށް ކެންޑިޑޭޓުންނަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑުމެން ކެންޑިޑޭޓުންނަށް އަންގާފައިވާނީ ކެމްޕޭނަށް ބޭނުންކުރި ތަކެތި ނެގުމަށް. ހާއްސަކޮށް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ހުރި ތަކެތު ނެގުމަށް އިސްކަމެއް ދިނުމަށް އެދިފައިވާނެ." ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ ބައެއް ކެންޑިޑޭޓުން އެ ބޭފުޅުންގެ ތަކެތި ނަގަމުންދާ ކަމަށެވެ. އަދި އާންމު ސަރަހައްދުތަކުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ހުރި ބެނާތަކާއި ޕޯސްޓަރުތައް ކެންޑިޑޭޓުން ނުނަގައިފިނަމަ ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެ ތަކެތި ނެގުމުގެ މަސައްކަތް އީސީއިން ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮންމެ އިންތިހާބަކާއި ދިމާކޮށް ވެސް މަގުތަކުގައި އާއި އެކިއެކި ސަރަހައްދުތަކުގައި ޕޯސްޓަރުތަކާއި ބެނާތަކާއި ދިދަފަތިތައް ދަމައެވެ. ނަމަވެސް އެ ތަކެތި އިންތިހާބުނިމި އަހަރު ދެ އަހަރު ވާއިރު ވެސް ނުގަނާ ހުންނަ މަންޒަރު ފެނެއެވެ. މި ކަމުގެ ސަބަބުން އާންމުނަށް އެކަކުގެ އުނދަގޫތަކާ މަދުން ނަމަވެސް ކުރިމަތިލާން ޖެހެއެވެ.