މިމަހު 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ އަތޮޅަށް އަދި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ލ.ފޮނަދޫގައި ސައިކަލް ބުރެއް ބާއްވައިފިއެވެ.

މިކަމާއި ގުޅިގެން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް "ވަގުތު"އަށް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ލ އަތޮޅުން ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ގިނަ ވަޒީރުން ހިމެނޭހެން ސައިކަލް ބުރެއް ފޮނަދޫގައި ބޭއްވުނު ކަމަށެވެ.

"ފޮނަދޫ ދާއިރާގެ މެންބަރު ކަމަށް އަބްދުއްރަހީމް އިންތިހާބު ވުމާއި ގުޅިގެން ބޭއްވުނު ސައިކަލް ބުރެއް އެއީ. ސައިކަލް ބުރު މި ބޭއްވީ ގަން ފޮނަދޫ ގުޅިގެން. މި އިވެންޓުގައި ގާތްގަނޑަކަށް 1،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި." ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި މި ސައިކަލް ބުރުގައި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން ހެލްތު މިނިސްޓަރު، ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން އަބްދުއްރަހީމް އަބްދުﷲ އަދި ގަމު ދާއިރާގެ އިންތިހާބީ މެންބަރު ޔޫސުފް ނަޝީދު އާއި ފެލިދޫ ދާއިރާގެ އިންހާބީ މެންބަރު އާދަމް ޒާހިރުވެސް ވަނީ ބައިވެރިވެފައެވެ. ރައީސް އޮފީހުގެ ފަރާތުން އަލީ އާރިފުވެސް މި ސައިކަލް ބުރުގައި ބައިވެރިވި ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

މި އިވެންޓަކީ ގަން ފޮނަދޫ ގުޅިގެން ބޭއްވުނު އިވެންޓެއް ކަމަށާއި ގިނަ އަދަދެއްގެ ރައްޔިތުން މި އިވެންޓުގައި ބައިވެރިވި ކަމަށް އޭނާ ވަނީ މައުލޫމާތުދެއްވާފައެވެ. އަދި

"4:15 އިން ފެށިގެން ގާތްގަނޑަކަށް 6 ޖަހަންދެން ކުރިޔަށް ގެންދިޔަ އިވެންޓުގައި ފޮނަދޫއިން ފެށިގެން ގަމުގެ ތުނޑިއާ ހަމަޔަށް، ގަމުގެ ތުނޑީ ކޮޅާ ހަމަޔަށް ދިޔަ." ރިޔާޒު ވިދާޅުވިއެވެ.

މި އިވެންޓު ނިންމާލަމުން ޓޫރިޒަމް މިނިސްޓަރ އަދި އަބްދުއްރަހީމްގެ ދަރިފުޅު ރައްޔިތުންނާއި މުހާތަބުކޮށް ރައީސް މުއިއްޒުގެ ސިޔާސަތު ތަންފީޒުކޮށް އެމަނިކުފާނުގެ ވައުދުތައް ރަނުން ރަނަށް ފުއްދައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު