މި ސަރުކާރުގައި ލ.ގަމާއި ފޮނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ލިބުނު ކާމީޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު ފޮނަދޫގައި ބޭއްވި ސައިކަލް ބުރަށް ފަހު ރައްޔިތުންނާއި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، އޭނާ ދެން އެންމެ ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ބަދަލުވެގެންދާތަން ކަމަށާއި މި ސަރުކާރުގެ 5 އަހަރުގެ ދައުރު ނިމުމުގެ ކުރިން ގަމާއި ފުނަދޫ ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ދެކެން ބޭނުންވަނީ ގަން ފޮނަދޫ ސިޓީއަކަށް ވެގެންދާ ތަން. އިރާދަކުރެއްވިއްޔާ ދެން އަންނަ ލޯކަލް ކައުންސިލް އިންތިޚާބެއްގައި މި ތަނުގައި ބޭއްވޭނީ މޭޔަރުކަމުގެ އިންތިޚާބު. ސިޓީއެއްގެ ދަރަޖައަށް މި ތަން ބަދަލުކުރެވި މި ތަނުގައި އަޅުގަނޑުމެން އިންތިޚާބުކުރާނީ ގަން ފޮނަދޫ ސިޓީގެ މޭޔަރު،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުތައް ފުއްދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި ހޮސްޕިޓަލްތަކާއި، ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޒުވާނުންނަށް ކުޅިވަރު ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް 77 ގޮނޑި މިހާރު ކާމިޔާބުވެފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި މަޖިލީހުގެ އިންތިހާބެއްގައި މިހާ ގިނަ ގޮނޑި ސަރުކާރަށް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

"ރާއްޖޭގައި އެންމެ ފުރިހަމަ އަށް ތަރައްގީވެފައި އޮތް ސިޓީ އަކަށް އިރާދަކުރެވިއްޔާ ގަން، ފޮނަދޫ ސިޓީ ވެގެންދާނީ ރައީސް މުއިއްޒުގެ މި ސަރުކާރުގައި،" ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ބާރުވެރިކަން މިހާރު އޮތީ ލ. އަތޮޅާއި ހިސާބަށް އައިސްފައި ކަމަށާއި އެކަން ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަމައެއާއެކު މި ފަދަ ކާމިޔާބެއް ސަރުކާރަށް ހޯދައިދިނީތީ ޕީއެންސީގެ ނަމުގައި ފައިސަލް ވަނީ ލ އަތޮޅު ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވަގުންގެ ރާއްޖެ

    އެހެން ހިސާބު ތަކުން ވެސް ސަރުކާރަށް ގޮޑިދިން....
    މަގާނުގެ ނުފޫޒު ބޭނުން ކޮއްގެން
    ހަވާ އަރުވާދީ
    ސިޓީ އަކަށް ރައް ބަދަލެއް ނުވޭ

  2. ސައިނީސް

    ހުރިހާ ރަށެއްގެ ފަހަތައް ސިޓީ ކިޔާ އޭރުން ތިނުނީ އެއްނު!

  3. މޯޑް

    ތީ މިހާރު ދެކެންބޭނުންވާ ދުވަސް... ގަން / ފޮނަދޫ ސިޓީ... ކަމޯން މޭން. ޔޫ ކޭން ޑޫ އިޓް.

    1
    3
  4. ހިމް

    ދިވެހިބަހާއި ގައުމިއްޔަތުގެ މިނިސްޓްރީއެއް ހުރެގެން ހިންގޭ ސަރުކާރެއްގައި ބަހުގެ ދަރަޖަ ބޭނުންކުރަންވެސް ނޭނގޭ. އަދި ރަނގަޅުކޮށްލާ

  5. ޢަލީ

    ނަންއެކަނި ނޫން ބަދަލަކުރަންވީ! ނަމުންސިޓީ ވާވަރަށް މިރާއްޖޭގައި އެބަހުރި! ރަށް ދޫކޮށްލާފައި ދާންނުޖެހޭވަރަށް ރަށުގައި ތައުލީމާއި ބޭސްފަރުވާގެ ހިދުމަތްދީ! ނަން ބަދަލުނުކުރިޔަސް އެވަރުން ވާނެ!

  6. ށދދދދދ

    މި ރައީސް މީހާތަ؟؟

  7. ރަންރީނދޫ

    ޓުއަރިޒަމް މިނިސްޓަރު ލޯކަލް ގަވަނެންސް މިނިސްޓްރީއަށް އުނދުނޅި ބޭނުން މިއީ ކިހާ ބޮޑު މައްސަލައެއް. ތައުލީމެއް ތަޖުރިބާއެއް ނެތް ،ހުސް އަނގައެއް،ބަފާގެ ނުފޫޒުގައި މިނިސްޓަރުކަން ކުރަން ހަވާލުވުމުން މިކަހަލަ ހަޑިހޭވުން އެއީ ހަމަ ވާނެވެސްްް ގޮތް.