ރާއްޖޭގައި ޗިކަންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށާއި އެގޮތުން މި މަހު އެކަނި މިހާތަނަށް މާލޭ ސަރަހައްދުން 59 ވޭދަނަ ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިއްސާރަ މޫސުން ކުރިއަށް އޮތުމާއެކު، ޚާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ ކަމަށެވެ.

ޗިކަންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން ކަމަށާއި މިކަމަށް ޚާއްޞަ ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން ވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.

ޗިކަންގުންޔާ ފެތުރޭތީ އެ ބަލިން ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ ޑެންގީއާއި، ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ޑެންގީ އާއި ޗިކަންގުންޔާ އިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކާއި ފަރުވާ ވެސް ބުނެދީފައިވެއެވެ.

ޗިކަންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ބައެއް ހުޅުހުޅު ދުޅަވުމުގެ އިތުރުން ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ.

މީގެ އިތުރުން ހުން އަންނަ ނަމަ ޕެރެެސެޓެމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރެއްވުމަށާއި، ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވެ، އިތުރަށް ގޯސްވާނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.

އޭގެ ތެރެއިން ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުމަށް އެޗް.ޕީ.އޭ އިން ވަރަށް ބޮޑަށް އިލްތިމާސްކޮށްފައިވެއެވެ.

ޑެންގީ ހުމުގެ އިތުރުން ޗިކަންގުންޔާ އަކީވެސް ޑެންގީ ހުން ފަތުރާ އީޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު