ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ 5 އަހަރުގެ ޤައުމިއްޔަތު އިޔާދަ ކުރުމުގެ މަޝްރޫޢުގެ ސަބަބުން ދިވެހި ބަހާއި އަދަބިއްޔާތާއި، ދިވެހިވަންތަކަމަށް އިސްކަން ދިނުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިބަސް މި ދައުރުގެ ތެރޭގައި ދެކޭނީ ވަރަށް ނަސީބުވެރި ދުވަސްތަކެއް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން އިންތިޒާމްކޮށްގެން ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަހާ ބެހޭ ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ގެއްލެމުންދާ ޤައުމިއްޔަތު އިޔާދަ ކުރުމަށް ރައީސް ޑރ. މުޢިއްޒު ރާއްވަވައިފައިވާ މަޝްރޫޢު އެކަށައެޅުއްވުމުގެ ތެރެއިން ދިވެހި ބަހާއި ސަގާފަތާއި އާދަ ކާދަތަކަށް ދިރުން އައިސް ދިވެހިވަންތަކަމަށް އަންނަމުންދާ ބީރައްޓެހިކަން ފިލައިގެން ދާނެ ޤައުމިއްޔަތުގެ ނިޒާމެއް އުފެދޭނެ ކަމަށެވެ.

މި ނިޒާމުގެ ތެރެއިން ދިވެހިވަންތަކަމުގެ ދާއިރާތަކަށް ވަކިން ވަކިން ދިރާސާތައް ހެދި ގިނަ މީހުންގެ ހޭލުންތެރިކަމާއި އެކު ބަސް ކުރިއަރުވާނޭ މުޖުތަމައެއް އުފެއްދުމަކީ މި މަސައްކަތުގެ ބައެއް ކަމަށާއި، މިކަމުގެ ސަބަބުން ދިވެހިބަހަށް އާރޯކަން ލިއްބައިދޭނެ ކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި، ދިވެހިބަހުން ވާހަކަދެއްކުމުގައި އަޑު ގެންގުޅެންވީ ގޮތާއި، އަކުރުގެ ތަކުގެ ހަމައާއި ސާފުކަން ހިފަހައްޓައި، ބަލާޣާތްތެރިކޮށް ވާހަކަދެއްކުމަށް އިސްކަން ދެއްވުމަށް އަދުގެ ކިޔަވާ ކުދީންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒިރު އާދަމް ޝަރީފު އުމަރު ވަނީ ބޭރުގެ ނުފޫޒުން ދިވެހި ބަސް ރައްކާތެރިކުރަން ޖެހޭ ކަމުގައި ވިދާޅުވެފައެވެ. އަދި ޤައުމެއް ކުރިއަށް ގެންދިޔުމުގައި ޤައުމުގެ މާދަރީބަހަކީ ވަރަށް މުހިންމު ރޯލެއް އަދާ ކުރާ އެއްޗެއް ކަމަށާއި ދިވެހިބަހަށް ބަލާއިރު، މި ބަހަކީ ދިވެހީންގެ އެއްބައިވަންތަކަމުގެ ގުޅުން ދައްކުވައިދޭ ހަތިޔާރެއް ކަމުގައި ވަނީ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީ ރައީސް ޑރ. އަޝަރަފް ޢަބްދުއްރަޙީމް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެ ވާހަކަފުޅުގައި ދިވެހިބަހުގެ ޤާނޫނަށް އިސްކަން ދިނުމަށް ހުރިހާ އިދާރާތަކަށް ގޮވާލެއްވިއެވެ. އަދި ހަމައެހެންމެ ރާއްޖޭގެ އެތެރޭގެ ލިޔުންތައް ރަސްމީކޮށް ދިވެހިބަހުން ލިޔުމަށް ބާރުއެޅުއްވިއެވެ. މިގޮތުން، އެކެޑަމީއަށް ރާއްޖޭގެ ރަސްމީ އޮފީސްތަކުން ފޮނުއްވާ މެއިލްތަކަށް ޖަވާބު ނުދެއްވާ ކަމަށާއި އަދި މިމެއިލްތައް ދިވެހިބަހުން ފޮނުއްވަން އެފަރާތްތަކަށް އަންގަވާކަމަށް ވިދާޅުވިއެވެ.

ދިވެހި އަދަބީ އުދަރެހުން ވިދާލި އެންމެ އަލިގަދަ ތަރި، އަދި އެންމެ ޚިދުމަތްތެރި އަދީބު، ފަޟީލަތުއްޝައިޚް ޙުސެއިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތް ތާރީޚް، 14 އޭޕްރިލް 1881 ( 15 ޖުމާދަލްޢޫލާ 1298 ) އާ ދިމާކޮށް، ކޮންމެ އަހަރެއްގެ މިދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައެވެ. އެއީ ދިވެހި އަދަބީ ގުލްޝަނަށް ކޮށްދެއްވި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކުގެ ހަނދާން އައު ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބެއްޔާ

    މި މިނިސްޓަރަށް ޑރ. މުޢިއްޒުގެ ސްޕީޑީ ކެބިނެޓް ގައި ހިފެހެއްޓޭނެ ކަމާއިމެދު ސުވާލު އުފެދޭ!

    2
    1
  2. އަމަލު

    އާއްމުކޮށް މޫސުންތަކަން ހުންނަނީ ނަންދެވިފަ.މިސާލަކަށް ހުޅަނގު މޫސުމް(ވިއްސާރަ މޫސުމް) ،ވިންޓާ (ފިނި މޫސުމް) އެހެންކަމުން ތިޔާ މާނަކުރައްވާ ނަސީބުވެރި މޫސުމަށްވެސް ކިޔަންވާ ނަމެއް އޮންނަންވާނެތާ.ދިވެހިބަހާ ބެހޭތަނަށް ދިވެހި ނަމެއް ނުދެވުނީމަ ދެންހެދިގޮތަކީ އެކަޑެމީ ބަލައިގަތީ ދިވެހިބަހެއްގެ ގޮތުގައި.

  3. ނަނަނަ

    މިޒަމާނުގަ ޅެންބަހުރުވައިން ވާހަކަ ނުދައްކާ. ސާފު ސީދާ ދިވެހިބަހުން ވާހަކަދައްކާ އުޅެނީ... މޫސުމާ ބަހާރު އަންނަނީ ޅެން ކިޔަން. އެވެސް ގަނޑުގަ އެކަނި. ވާހަކަދައްކާކަށް ނޫން،

  4. ވިސްނާ

    ހުސްވާހަކަ ދައްކަވަނީ. ކޮންކަމެއްވީ. ވުޒާރާއެއްގެ ނަމެެއް ދިވެހިބަހުން ކީ އަޑެއް ނީވޭ. ސްކޫލުތަކުގައި މުޅިން އިގިރޭސިން ވާހަކަ ދައްކަނީ. އޮފީސްތަކުގަ ހުރިހާ މުޢާމަލާތެއް އިގިރޭސިން. ގައުމީ ޓީވީގަވެސް އިގިރޭސިން މުބާރާތްތައް. ހީކޮށްގެންހުރީ ދަށް ގްރޭޑު ތަކުގައި އިގިރޭސި ފިޔަވައިދެން ހުރި ހުރިހާ މާއްދާތަކެއް ދިވެހިބަހުން ކިޔަވައިދޭން ފަށާނެ ކަމަށް. އެކަމަކު ހަމަ ހުސްވާހަކަ.

  5. އެކަޑަމީ

    ސަރުކާރު ސްކޫލްތަކުގެ ލީޑިން ޓީޗަރުންނަށް، ދިވެހި ޓީޗަރުންނަށް، ޕްރިންސިޕަލުންނަށް ދެބަސް މަސްހުނިނުކޮށް ވާހަކަދައްކަން ނޭނގޭ ޒަމާނެއްގެ ވާހަކަ މިދައްކަނީ.

  6. ކޮއްކޮ

    މިނިސްޓަރ ވިދާޅުވިޔަސް ތިޔަ ކަންތައް އެހާފަސޭހައިން ވާނެހެނެއް ހިޔެއްނުވޭ. ރާއްޖޭގައި ދިވެހިބަހުން ރަނގަޅަށް ލިޔެކިޔަން ދަންނަ މީހުން ވަރަށް ވަރަށް މަދުކަން ރާއްޖޭގައި ޝާއިޢުކުރާ ނޫސްތަކާއި ސޯޝަލް މީޑިއާގައި އެކި މީސްމީހުން ލިޔެފައި ހުންނަ ލިޔުންތަކާއި ދައުލަތުގެ އިދާރާތަކުން ލިޔެފައި ހުންނަ ލިޔުންތަކުން އެނގޭ. އަދި ޚުދު ރައީސްވެސް ވިދާޅުވެފައި އެބަހުރި، ދިވެހިބަހުގެ
    ހަމަތަކާ ޚިލާފު ބައެއް ޢިބާރާތްތައް. މިސާލަކަށް: "އެބޭފުޅުން އަޅުގަނޑަށް ދެންނެވި" މިފަދަ ޢިބާރާތްތައް.

  7. އަލްޖިބްރާ

    ދިވެހި ބަހަށް ، ތިޔަނޫން މޫސުމެއް ފާއިތުވި ދެތިން މޫސުމެއްގަ އައިސްފާ ވާތަނެއް ފެނިފައެއް ނެތް ! ކޮންމެ މީހަކު ވެރިކަމަށް އަރާއިރަށް ވެރިމީހާ ރުއްސަން ތިޔަތަންތަނުގައި ތިބޭ ބަޔަކު ތިބެނީ ފައިކުރި ތަބިކައްޓާ ހަމަޔަށް އޮޅައިގެން !

  8. ޖޮބޭ

    މިޤައުމުގެ ބެންކުތަކުގެ ހުރިހާ ލިއުމެއް އެއްބަސްވުންތަށްވެސް ހިމެނޭގޮތަށް ދިވެހި ބަހަށް ބަދަލުކޮށް ދެއްވާ. އޮފީސްތަކުގެ ހުރިހާލިއުމަކާއި ސިޓީބިިޓީ ހިމެނޭހެން ބަދަލުކޮށްދެއްވާ.
    އަޅުގަނޑުހިތުން އެހެނިހެން ގިނަ ޤައުމުތަކުގައިވެސް މިކަން ތަރުތީބު ވެފައި ވާނީ މިދެންނެވި ތަރުތީބުން.