ކޮންމެ ކުއްޖަކީ ވެސް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތުވާ ކުއްޖަކަށް ހަދަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ޗައިމްސް ޕްރީ-ސްކޫލުގެ ދަރިވަރުން ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މެޑަމް ސާޖިދާ ވަނީ ދަރިންނަކީ އިސްލާމީ ރިވެތި އުސޫލުތައް އަށަގެންފައިވާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތް ކޮށްދެއްވުމަށް ވެސް ބެލެނިވެރިންނަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިންކަން ފާހަގަކުރައްވައި މުދައްރިސުން ކުރާ ބުރަ މަސައްކަތްތަކަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ. ހަމަ އެއާއެކު ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި އެކަމަނާ ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށް ވެސް ބާރުއަޅުއްވާފައެވެ.

ޗައިމްސް ޕްރީ-ސްކޫލުން ދަސްވެނިވި 23 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވިއެވެ. މި ޖަލްސާގައި ޗައިމްސް ޕްރީސްކޫލްގެ ދަރިވަރުންގެ ފަރާތުން ޚާއްޞަ ކުރެހުމެއް އެކަމަނާއަށް އެރުވިއެވެ.

ޗައިމްސް ޕްރީ ސްކޫލްގައި މިހާރު 117 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދެއެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން

    ބަރާބަރަށް ނަމާދާކޮށް ކޮންމެދުވަހަކު ޤުރްއާންކިޔަވާކުދިންނަށް ހަދާ! އޭރުންދާނީ ރަނގަޅަށް!

  2. ބުއްޅަބޭ

    ތިހެން އަދި ވިދާޅުވިއަކަސް ނުވާނެ ސްކޫލުތަކުގައި މި ތިއްބަވާ ވެރިންނަށް ދީނީގޮތުން ކައުންސިލިން ދޭންޖެހޭ

  3. އަހު

    ޓީޗަރުން ޖެހެނީ ކުދިން ތަރުބިއްޔަތު ކުރަން. ސިޔާސީ މީހުންނަށް އޮތީ އިޖުތިމާއީ ފޭރާން ރޫޅާލުން. މިތިބަ ބުރާންތިންނޭ އިޖުތިމާއީ ފޭރާން އޮތް ގޮތަށް ކުދިން ތަރުބިއްޔަތުވާނީ. ޢެއީ ގުދުރަތީ ގާނޫމު..