ސައުދި އަރަބިއްޔާގައި ރަސްކަންކުރައްވާ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމުގައިވާ، އަމީރް ބަދްރު ބިން އަބްދުލް މުހްސިން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އަވަހާރަވުމާއި ގުޅިގެން، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސައުދީގެަ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ އަރިހަށާއި، ސައުދީގެ ވަލީ ޢަހުދު، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ އަރިހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނު އަވަހާރަވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.

ސައުދީގެ ރަސްގެފާނާއި އަދި ވަލީ ޢަހުދަށް، ރައީސް ޑރ. މުޢިއްޒު ވަކިވަކިން ފޮނުއްވި މެސެޖުގައި، އަމީރް ބަދްރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

އަމީރް، ބަދްރަކީ ސައުދީގެ މަޝްހޫރު ޅެންވެރިއެއް އަދި ލިޔުންތެރިއެއްގެ އިތުރުން، ދީލަތިކަމާއި ތޫނުފިލިކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ، ސައުދީގެ ސަގާފަތަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު އަންނާން އޮތް ޖީލުތަކުންވެސް ވަޒަންކުރަމުންދާނޭ ކަމުގައި ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.