ރިޔާސީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ފަށާފައިވާ "ބްލޫ ވޭވް" ހަރަކާތުގެ ތެރޭގައި ހިމެނޭ ވޯޓުލާ ދުވަހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އޮޕަރޭޝަން ފުލުހުން ފަށައިފިއެވެ.

މި އޮޕަރޭޝަން ފައްޓަވައި ދެއްވީ އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒުއެވެ.

މި އޮޕަރޭޭޝަނުގެ ދަށުން ވޯޓުލުން ކުރިއަށްދާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރި ވަމުންދާނެއެވެ.

ވޯޓުލާ ދުވަހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އޮޕަރޭޝަން ފުލުހުން މިއަފު ފެށިއިރު މީގެކުރިން ފުލުހުން ވަނީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ އެކި ރަށްތަކުގައި ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

ސެޕްޓެމްބަރު 5ން 10ށް ކުރިއަށްގެންދިޔަ އެ އެކްސަސައިޒުގައި އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހު ނުވަތަ އޭގެ ކުރިންނާއި އަދި ފަހުންވެސް ހިނގާފާނެފަދަ ޙާދިސާތަކުގެ މައްޗަށް ބަލައި ތަފާތު ސިނާރިއޯތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އަދި މި އެކްސަސައިޒްގައި ވަނީ ފުލުހުން ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމާއި ބްލޫ ވޭވް އޮޕަރޭޝަނުގައި ހަރަކާތްތެރިވާ އެކި ޓީމްތަކާއި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރާ ގޮތްތައް ބަލައި އެސެސް ކޮށްފައެވެ.