ފުވައްމުލައް ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުން ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެއްޔާއި، ހައި ކެނޑޭނީ އަދި އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުން ބޮނތްބާއި، ފަނާއި، ކާށްޓާއި، ދަރު ހޮވޭނީ އެކަމުގެ ހާއްސަ ހުއްދައެއް އޮވެގެން ކަމަށް އެންވާރްމަންޓް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އެންވާރްމަންޓް މިނިސްޓްރީ އިން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވވީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހެދިފައިވާ "ފުވައްމުލައް ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" އާއި "އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" ގެ ދަށުން، 14 އޮކްޓޫބަރު 2018 ގެ ފަހުން، ފުވައްމުލަކުގެ ހިމާޔަތް ކޮށްފައިވާ ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެއްޔާއި، ހައި ކެނޑޭނީ އަދި އައްޑޫގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދުން ބޮނތްބާއި، ފަނާއި، ކާށްޓާއި، ދަރު ހޮވޭނީ އެންވާރްމަންޓް މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.

ވީމާ، މި ސަރަހައްދުގައި މިކަންކަން ކުރުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދި އެކަމަށްޓަކައި ފުވައްމުލައް ނޭޗަރ ޕާކުންނާއި އައްޑޫ ސިޓީ ނޭޗާ ޕާކުން 14 އޮކްޓޫބަރު 2018 އިން ފެށިގެން ދޫކުރާ ފޯމު ފުރިހަމަކުރުމަށްފަހު، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 – 14:00 އާ ދެމެދު ނޭޗަރ ޕާކްގެ ކައުންޓަރަށް ހުށައެޅުއްވުމަށް މިނިސްޓްރީ އިން އެދެއެވެ.

އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާނަމަ [email protected] ނުވަތަ [email protected] އަށް އެޑްރެސްކޮށް ފޮނުއްވުމަށް މިނިސްޓްރީ އިން އެދެއެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ހޮޓްލައިން ނަންބަރު 7590059 ނުވަތަ 7580059 އާ ގުޅުއްވުމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.