ދިއްދޫ ދާއިރާގެ އެމްޑީޕީ އޮފީސް ހއ.ދިއްދޫގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ދިއްދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދާއިރާގެ އޮފީސް ހުޅުވައިދެއްވީ މިއަދު ހެނދުނެވެ.
ނަޝީދު ދިއްދުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދޫގައި އެމްޑީޕީ އޮފީހެއް ހުޅުއްވައި ދެއްވުމަށް ފަހު ދިއްދޫ ދާއިރާގެ އެމްޑީޕީ އިސް ބޭފުޅުންނާއި ބައްދަލު ކުރެއްވެވިއެވެ.
Raees @MohamedNasheed Dhidhdhoo Dhaairaa MDP office hulhuvvai dhevvaifi pic.twitter.com/qynhLAxMDR
— MDP Secretariat (@MDPSecretariat) November 10, 2018
ނަޝީދު އިއްޔެ ދިއްދުއަށް ފެއްޓެވި ދަތުރުފުޅުގައި ދިއްދޫގެ ރައްޔިތުންނާއި އެރަށު ކައުންސިލާއި ރައީސް ނަޝީދު ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ދިއްދޫގައި އެމަނިކުފާނު ވަނީ ކެލާ ކައުންސިލްގެ މެންބަރުންނާއި ވެސް ބައްދަލު ކުރައްވާފައެވެ.
މިއަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ގެންދަވަނީ ދިއްދޫގައި ވަކިވަކިން ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައްޔިތުންގެ ހާލު އޮޅުން ފިލުއްވަމުންނެވެ.
ނަޝީދު ދިއްދުއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގަންނަވާނެއެވެ.
ނަޝީދު އިއްޔެ ދިއްދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ "ރިޝްވަތު ދޭ މަހުޖަނު" ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރިޝްވަތު ދޭ މީހުން އެކަން ކުރަމުން ގެންދަނީ އިތުރު ފައިސާ ހޯދަން ކަމަށާއި އެހެންކަމުން ކަންކަން އިސްލާހު ކުރުމަށްޓަކައި މިއަދު އެންމެ މުހިންމު ކަމަކީ ފައިސާ ދެމުންދާ މަހުޖަނު އިސްލާހު ކުރުން ކަމަށެވެ.
"އޭނާ ދޭ ފައިސާއިން އަޅުގަނޑުމެންގެ ރާއްޖެ ހަލާކުވަނީ. އޭނާގެ މަގުސަދަކަށް ވަނީ އޭނާގެ ބޭނުމަކަށް ވަނީ އިތުރު ފައިސާ ހޯދުން. އެ ހޯދުމަށްޓަކައި ނާޖާއިޒު ގޮތުގައި ކަންކަން ހިންގުމަށް ފައިސާ ބޭނުން ކުރަނީ،" ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ކުށްވެރިންނަކީ ފަނޑިޔާރުން ނޫން ކަމަށާއި ކުށްވެރިއަކީ ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ބަހަމުން ހިނގާ މަޖުހަނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ތީ ހަމަ އިބޫވެސް ގޮސް ހުޅުވިތަނެއްނު. ސާބަހޭ