ވަޒީފާތަކުގައި ބިދޭސީން ގެންގުޅޭ ފަރާތްތަކުން، ވާރކްޕާމިޓް ކާޑު ހައްދާ، މި އަހަރުގެ ނިޔަލަށް ބިދޭސީންނާ ޙަވާލުކުރުމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ހަނދާންކޮށްދީފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ އޮތޯރިޓީން މިހާރުވެސް ބިދޭސީންގެ އަތުގައި ކާޑުތައް ހުރިތޯ ބަލަން އިންސްޕެކްޝްންތައް ކުރަމުން އަންނަ ކަމަށެވެ. އަދި މި އިންސްޕެކްޝަން ތަކުގައި، ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި، މިނޫންވެސް ވަޒީފާގެ މާޙައުލުގައި މީހުން ގެންގުޅޭ ތަންތަން ބަލައި ޗެކު ކުރަމުންދާކަމަށް އެ ބަޔާނުގައި ވެެއެވެ.

މިފަދަ އިންސްޕެކްޝަންތަކުގައި، ބިދޭސީ މުވައްޒަފުންނާ ބައްދަލު ކުރާއިރު އެފަރާތްތަކުގެ އަތުގައި ވާރކްޕާރމިޓް ކާޑު ނޯންނަކަން ފާހަގަ ކުރެވިފައިވާކަމަށާއި، އެ އޮތޯރިޓީން ކުރާ އިންސްޕެކްޝަނެއްގައި ވާރކްޕާމިޓް ކާޑު ނެތް ބިދޭސީއަކު ފެނިއްޖެނަމަ، ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް އެ ބަޔާނުގައި ވެއެވެ.

"ވާރކްޕާރމިޓް ކާޑު ބިދޭސީމީހާގެ އަތުގައި އަބަދުވެސް އޮންނަންވާނެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެ ކާޑު ދައްކަންވާނެއެވެ."ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

ވާރކްޕާރމިޓް ކާޑު ހެއްދުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.