ކުޅިވަރުގެ ދަނޑުތަކުގައި އަޅުގަނޑުމެންނަށް ދަސްވެގެން އަންނަނީ މޮޅުވާން މަސައްކަތްކުރުމާއި، ބަލިވީމަ ބަލި ގަބޫލުކުރުމާއި، ވެއްޓުނީމަ ތެދުވެ ދުއްވައިގަތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދުޅަހެޔޮ ހަށިހެޔޮ އީދު ނިންމުމަށް ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ރޭ ބޭއްވި ހާއްސަ ފުޓްބޯޅަ މެޗުތަކަށްފަހު "ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ގައުމިއްޔަތެއް ބިނާކުރުމުގައާއި ގައުމެއް ތަރައްގީކުރުމުގައި ބޭނުންކުރެވެން އޮންނަ އެންމެ މުހިންމު އެއް ވަސީލަތަކީ ކުޅިވަރު ކަމަށާއި ގައުމެއްގެ ތަރައްގީ ހޯދެނީ ރައްޔިތުން ބާރުވެރިކޮށްގެންނާއި އިތުބާރު ލިބިގެން ކަމަށެވެ.

"އިބޫގެ ސަރުކާރުން ދެކެނީ ގައުމިއްޔަތެއް ބިނާކުރުމުގައާއި ގައުމެއް ތަރައްގީކުރުމުގައި ބޭނުންކުރެވެން އޮންނަ އެންމެ މުހިންމު އެއް ވަސީލަތަކީ ކުޅިވަރު" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި، ކުޅިވަރުގެ ދަނޑުތަކުގައި އަޅުގަނޑުމެންނަށް ދަސްވެގެން އަންނަނީ މޮޅުވާން މަސައްކަތްކުރުމާއި، ބަލިވީމަ ބަލިގަބޫލުކުރުމާއި، ވެއްޓުނީމަ ތެދުވެ ދުއްވައިގަތުމަށާއި، މި އެންމެހާ އާންމު އުސޫލުތަކާއި ހަމަތައް ކަމަށެވެ.

"ރައީސް ސޯލިހުގެ ސަރުކާރުގައި އެންމެ މުހިންމުކަން ދޭ އެއްކަމަކީ ކުޅިވަރު ތަރައްގީކުރުން، ގައުމެއް ތަރައްގީ ވަނީ ރައްޔިތު މީހާއަށް ތިމާއަކީ އެކިއެކި ކަންކަމާ ކުރިމަތިލެވޭނެ ޝަހުސެއްކަން އެމީހަކަށް އެނގިގެން އެމީހާ ބާރުވެރިވީމަ، އެމީހާ ނުކުމެ ކުރާ މަސައްކަތުން" ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ސަރުކާރާ ހަވާލުވެ ވަޑައިގަތުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ބާއްވާ ''ދުޅަހެޔޮ ހަށިހެޔޮ އީދު'' ތެރޭގައި ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ ބައިވެރިވެފައެވެ. އެ ހަރަކާތުގައި ރާއްޖޭގެ އެހާރާއި މިހާރުގެ ކުޅިވަރު ޝަހުސިއްޔަތުތަކެއްވެސް ބައިވެރިވެފައިވާ އިރު، އުމުރުން ދުވަސްވީ މީހުނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުނަށްވެސް ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރެއްވި ކެމްޕޭނުގައި ކުޅިވަރުގެ ތަފާތު ވައުދުތައްވެސް ވަނީ ވެ ވަޑައިގެންފައެވެ. އެގޮތުން ރާއްޖޭގައި ގެއްލިފައި އޮތް ކުޅިވަރު، ހާއްސަކޮށް ފުޓުބޯޅަ ރޫހު އަލުން އިޔާދަކޮށް، ސަޕޯޓަރުން ދަނޑުތައް ފުރާލާނެ ފަދަ ރޫހެއް ގައުމަށް ގެނައުމަށް އެ މަނިކުފާނު ވަނީ ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓްރޫ

    ކުޅިވަރަށްވުރެ ނަމާދުން ތިކަންކާމިޔާބުވަނީ.

  2. މާހިރު

    އަދިވެސްވެއްޓޭނެ

  3. ރައްޔިތުން

    ތެދެއް މާނަ ވަށައިޖެހޭ ވާހަކައެއް ހުރިހާ ދިމާލަކަށް ފަހި ބުނުމެއް. ކުޅިވަރުން ދަސްވަނީ ސީދާ މަގުގައި ކުރިއަރައި ދިއުމުން ދުނިޔެ އާއި އާޚިރަތް ކާމިޔާބު ވާނެކަން.