ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެމްބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އައްޔަނުކޮށްފިއެވެ.

ރައީސް އޮފީހުގައި މިކަމަށްޓާކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ފާރިސް ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވާފައެވެ.

ފާރިސް ޖޭއެސްސީއަށް އައްޔަން ކުރައްވާފައި ވަނީ ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، އެ ކޮމިޝަނުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީއަށް ފާރިސް އައްޔަންކުރަން ފާސްކުރީ 67 މެމްބަރުން ވޯޓާއެކުއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

ޖޭއެސްސީ އަކީ 10 މެމްބަރުން މައްޗަށް އެކުލަވާލެވިފައިވާ ކޮމިޝަނެކެވެ. އޭގެތެރޭގައި ހިމެނެނީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި އާންމުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާ މެމްބަރަކާއި، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޔުބެ

    މަރުޙަބާ

  2. 3ވަނަވިސްނުން

    ﷲ އިރާދަ ފުޅުން އިސްލާހަކީ ފާރިޝް ދަންނަ އެއްޗެއް މަނިކްފާން އިސްލާހީ މަސައްކަތުގައި ފަހަތަށް ފިޔަވަޅެއް ނައަޅުއްވާ!