ފާރިސް މައުމޫން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިންކަމަށް ބުނާ ދައުވާގެ އަޑުއެހުމެއް މިއަދުވެސް ބާއްވަން ކްރިމިނަލް ކޯޓުން ނިންމައި މައްސަލަ ތާވަލުކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރުފަހު 02:30 ގައެވެ.

އިއްޔެގެ ޝަރީއަތުގައި މި މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ދެ ހެއްކެއް ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި އެވެ.

އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުން ބަލައި ނުގަންނަން ނިންމީ ޖުމްހޫރީ ޕާޓީގެ މެންބަރު، ލ. ހިތަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއު ތަހުގީގަށް ދިން ބަޔާނާއި ޝާފިއުގެ އޯޑިޔޯއެއްގެ އެނަލައިޒް ރިޕޯޓެވެ. އެ އޯޑިޔޯ އަކީ ވީޑިޔޯ އަކުން ނަގާފައިވާ އޯޑިޔޯ އެކެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބަޔާން ބަލައި ނުގަންނަން ނިންމީ ކޯޓަށް ޝާފިއު ހާޒިރު ކުރެވެން ނެތުމުން އެ ބަޔާނުގެ ސައްހަކަން ކަށަވަރު ކުރެވެން ނެތުމުން ކަމަށާއި އޯޑިޔޯ އެނަލައިޒް ރިޕޯޓު ބަލައި ނުގަންނަން ނިންމެވީ އެއީ ގާނޫނާއި ހިލާފަށް ހޯދާފައިވާ ހެއްކަކަށް ވާތީ ކަމަށެވެ.

މިއަދުގެ އަޑު އެހުމުގައި އޮންނާނީ ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ކަމަށް އިއްޔެގެ ޝަރީއަތް ނިންމާލަމުން ގާޒީ ހައިލަމް ވަނީ އިއުލާންކުރައްވާފައެވެ.

ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާ ސާބިތުވެ ކުއްވެރިވެއްޖެނަމަ، 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހީމް

    ތީ ހާދަ ބޮޑު ރިސްވަތެކޭ ދޯ ... ތިޔަ ސަރުކާރުން ހުށަހެޅި ހެކި ދިނީ އަދި އެހެކި ކޯތުން ބަލާ ނުގަތް ދޯ... އެ އެހެން މީހަކު އޮޅުވާލިނަމަ ކިހިނެއްބާ ވީ ހީ