އައްޑޫ ސިޓީ ހިތަދޫގައި މިރޭ، ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިރޭ ހިނގި މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ އަންހެނުންނަށާއި ދެ ފިރިހެނުންނަށެވެ. އަދި އެމީހުންނަކީ ސައިކަލު ދުއްވަން ތިބި ދެ މީހުންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. މީގެއިތުރުން، އެމީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިން ފަރުވާ ދެމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އައްޑޫ ސިޓީގައި ނެރެމުން އަންނަ "އައްޑޫ ލައިވް" ނޫހުން ބުނެފައިވާ ގޮތުގައި ހިތަދޫގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެރަށު ތްރީ އެސް ފިހާރަ ކުރިމަތިންނެވެ.

މީގެކުރިންވެސް، އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގަޔާއި އެސިޓީގެ ލިންކް ރޯޑުގައިވެސް ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތަކެއް ހިނގާފައިވެއެވެ. މި އެކްސިޑެންޓުތަކުގައި އެކި ފަރާތްތަކުގެ ފުރާނައަށްވެސް ގެއްލުންވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.