ޕީޕީއެމުން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންނަށް އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓު ދޭން ވައުދުވި ގޮތުގައި ދެމި ހުންނަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު ( ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ 12 މެމްބަރުންނަކީ ކުރީ ސަރުކާރުގެ އަނިޔާވެރިކަން ނިންމުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި މެމްބަރުން ކަމަށާއި، އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލާ މަޖިލިސް ޓިކެޓް ދޭން ނިންމި ނިންމުން ދަމަހައްޓާނެ ކަމަށެވެ.

ސަރުކާރުގެ ކޯލިޝަނުން ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ގޮނޑިތައް ބެހުމަށް މަޝްވާރަތައް ކުރި ނަމަވެސް، އަދިވެސް ވަނީ ވަކި ގޮތެއް ނުނިމިއެވެ. އެމްޑީޕީން ހުރިހާ ގޮނޑިއަކަށް ވާދަކުރާނެކަން އިއުލާން ކޮށްފައިވާ އިރު، ޖޭޕީންވެސް ވަނީ ހިޔާލު ތަފާތުވެ، ހުރިހާ ގޮނޑިއަކަށް ނުކުންނާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

މަޝްވަރާތަކަށް ހައްލެއް ނުލިބެނީސް، މިވަގުތު މައުމޫން ހުންނެވީ ރާއްޖެއިން ބޭރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖާންޓޭ

    މުސްކުޅިވެ ގާބާރު ދެރަވެ ހިރެވެސްނުލެވޭ ހާލު މީހާ ތިއުޅެނީ ގޮނޑި ބަހާ ގޮނޑި އެތުރުމުގެ މަސަކަތުގަ.ދެންޖެހޭނީ ގޮނޑީގަ އޮންނަން.

  2. ނަޖީ

    މަޣުމޫނު ކަލެޔާ ނަށްރީނާޔާ 2 މީހުންނަޣް ގޮޑިދެވޭތަ ޣަހަރުމެން މިފަހަރު ކަލޭބުނިމީހަކަޣް ވޯޓެނުދޭނަން