ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދަން ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ލ. ކުނަހަންދޫ، ލިލަކު، ޖަލީލް ޔޫސުފް (42އ) އާއި މ. މަޑުއްވަރި، ހަވީރީނާޒް، މުޙައްމަދު އިޝާމް (38އ) އެވެ.

މިމީހުންގެ ތެރެއިން ޖަލީލް ޔޫސުފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 15 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

މުޙައްމަދު އިޝާމް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޖެނުވަރީ 15 ވަނަ ދުވަހުގެ 11:05 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.