މާލެއާއި ހުޅުމާލޭގައި ޖާގަ ތަނަވަސް އަދި ވަސީލަތުގެ ގޮތުން މުއްސަނދި ސްކޫލުތައް ކުރިއަށް އޮތް އަހަރުތަކުގައި އަޅާނެ ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދޮންބަންޑާރައިންގެ ނަމަށް ނިސްބަތްކޮށް މިއަދު ހުޅުމާލޭގައި ހުޅުވުނު ރާއްޖޭގެ އެންމެ ބޮޑު ސްކޫލު، ހުރަވީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނެވުމަށް އެއްދަންފަޅިއަކަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކިޔެވުން ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"ސަރުކާރުގެ ސިޔާސަތަކީ ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެވުމަށްޓަކައި އެއް ދަންފަޅިއަށް ހުރިހާ ސްކޫލެއް އިންތިޒާމުކުރުން. މިސިޔާސަތު ތަންފީޒު ކުރުމަށް ހުޅުމާލެއާއި މާލޭގެ އާބާދީ ގިނަވަމުންދާ ނިސްބަތުން އިތުރު ސްކޫލުތައް މި ސަހަރައްދުގައި ގާއިމް ކުރެެވެން ޖެހޭނެ. އެހެން ކަމުން ކުރިއަށް އޮތް އަހަރުތަކުގައި މާލެއާއި ހުޅުމާލޭގައި އާ ސްކޫލުތަކެއް އިމާރާތްކުރެވިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ،

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އަލަށް އިމާރަތް ކުރެވޭ ސްކޫލުތަކަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ކުދިންނަށް ފަސޭގައިން ނާސްތާ ދެވޭނެ ފަދަ އިންތިޒާމު ހަމަޖެހިފައިވާ ވަސީލަތް ގިނަ ސްކޫލުތަކަކަށް ވާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ސްކޫލު ހުރަވީ ސްކޫލު މިއަދު ހުޅުވާފައިވާއިރު އެ ސްކޫލަކީ 1400 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އަދި އެ ސްކޫލުގެ އެންމެ ހާއްސަ އެއްކަމަކީ ސްކޫލުގައި ކިޔަވާދޭ ޓީޗަރުންނަކީ 100 އިންސައްތަ ދިވެހިންނަށް ވުމެވެ.