ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަށް ސޮއިކުރައްވައިފިއެވެ.

އެމްއާރްއެމް އުފައްދަން މައުމޫން ނިންމެވީ ޕީޕީއެމް އަނބުރާ ހޯދަން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅު ނާކާމިޔާބު ވުމުންނެވެ. ޕީޕީއެމް އިން އެންމެ ފަހުން ބޭއްވި ކޮންގްރެސް ބަލައިގަނެ އެޕާޓީގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ. އަދި ޕީޕީއެމްގެ ލީޑާޝިޕާއި މެދު އިތުރަށް ސުވާލު ނުއުފެއްދޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.

އެމްއާރްއެމް އުފެއްދެއްވުމަށް އިލެކްޝަންސް އިން ހުއްދަދީފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެ ހުއްދަ ދިނުމާއެކު އެ ޕާޓީއަށް ގިނަ އަދަދެއްގެ ބަޔަކު ސޮއިކުރަމުން އަންނަ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ.

އެމްއާރްއެމް އަކީ މައުމޫން އުފައްދަވާ ތިން ވަނަ ޕާޓީއެވެ. މައުމޫން ވެރިކަމުގައި ހުންނަވައިގެން 2005 ވަނަ އަހަރު ފުރަތަމަ އުފެއްދެވީ ޑީއާރްޕީއެވެ. ނަމަވެސް އެޕާޓީ މައުމޫން ބޭނުންފުޅުވާ ގޮތައް ނުހިންގަވާތީ ޑީއާރްޕީ ދޫކޮށްލައްވާ ޕީޕީއެމް އުފެއްދެވިއެވެ. އަދި އެއަށް ފަހު ޕީޕީއެމް ވެސް މައުމޫން ބޭނުންފުޅުވާ ގޮތައް ނުހިނގާތީ ޕާޓީގެ ލީޑާޝިޕާއި މައްސަލަ ޖެހި އެންމެ ފަހުން އެޕާޓީން މައުމޫން ވަކިކުރީއެވެ.