ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ދަޢުރުގައިވެސް، ޚިދުމަތް ކުރަން ބޭނުންވަނީ ހަނިމާދޫ ދާއިރާއަށް ކަމަށް، ހަމިނާދޫ ދާއިރާގެ މިހާރުގެ މެމްބަރ، ޙުސައިން ޝަހުދީ ވިދާޅުވެއްޖެއެވެ.

ޝަހުދީ މިހެން ވިދާޅުވީ، ޕީ.އެސް.އެމް އިން މިއަދު ގެނެސްދިން، "ރައްޔިތުންގެ މަޖިލިސް ބަހުސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޝަހުދީ ވިދާޅުވީ، ހަނިމާދޫ ދާއިރާގައި ހިމެނޭ ހަތަރު ރަށަށް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޚިދުމަތްތަކެއް ކޮށްދެވިފައިވާނެ ކަމަށާއި، އަދިވެސް އަންނަންޖެހޭ ގިނަ ކުރިއެރުން ތަކެއް އެބަ ހުރި ކަމަށެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އިތުރަށް މުރާޖާކޮށް، ކުންފުނިތަކާއި، ސިވިސްސާރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރައަށް ރަނގަޅު، ހެޔޮ ބަދަލެއް އަންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ޝަހުދީ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަޙުދީ ވިދާޅުވީ، ދާއިރާ އަށް ޚިދުމަތް ކުރުމުގައި ވަކި ސިޔާސީ ޕާޓީ އަކަށް ނުވަތަ ވަކި ކުލައަކަށް ނުބައްލަވާނެ ކަމަށާއި، ލިބިފައިވާ ތަޖުރިބާގެ ޢަލީގައި، ސިޔާސީ ނުފޫޒުން އެއްކިބާވެހުރެ، ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާނެ ކަމަށެވެ.

"މި ވޭތުވެދިޔަ ފަސް އަހަރު ތެރޭގަ އަޅުގަނޑަށް ކުއްލި މުއްސަނދި ކަމެއް ލިބިފައެއް ނޯންނާނެ. އަޅުގަނޑު ކުރި ކޮންމެ ކަމެއް ކޮށްފައި އޮންނާނީ އުޞޫލާއި ޤާނޫނީ ހަމައިގެ ތެރެއިން. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ، އަޅުގަނޑާއި ވާދަކުރައްވާ، އަޅުގަނޑުގެ އަޚް، ޢަބްދުލްޣަފޫރު މޫސާ އަށް. އަަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެންގެ މި ޤައުމުގަ ޕާޓީގެ ފިކުރާއި، އަދި ވަކި ގޮތަކަށް ވޯޓުލާން ޕާޓީތަކުން މަޖުބޫރު ކުރާ ފިކުރު، ދޫކޮށްގެން މެނުވީ، ރައްޔިތުންގެ ހައްޤުގައި، މެމްބަރުންނަށް މިނިވަންކަމާއި އެކު މަސައްކަތެއް ނުކުރެވޭނޭ. އެއްގޮތަކަށްވެސް މި ދަންނަވަނީ މި ސަރުކާރުގެ ވާހަކައެއް ނޫން." ޝަހުދީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޝަހުދީ ވާދަކުރައްވަނީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.