ހަޑި ހުތުރު އެސްއެމްއެސް ތަކެއް ބަޔަކު އޭނާގެ ނަމުގައި ފަތުރަމުންދާކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ގެމަނަފުށީ ދާއިރާއަށް ވާދަކުރައްވާ، އެ ދާއިރާގެ މިހާރުގެވެސް މެންބަރު ޖަމީލް އުސްމާން ވިދާޅުވެެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖަމީލް އުސްމާނު ވިދާޅުވީ ބަޔަކު އޭނާގެ ނަން ކިލަބު ކޮށްލުމަށް ހަޑި ހުތުރު އެސްއެމްއެސް ތަކެއް އޭނާގެ ނަމުގައި ފަތުރަމުންދާކަމަށާއި އަދި ދާއިރާގެ ގޭގެއަށް ޒިޔާރަތް ކޮށް ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ފަތުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑު ނިސްބަތްވާ ދާއިރާގެ ގޭގެއަށް ވެސް ޒިޔާރަތް ކޮށް ބަޔަކު ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ދަނީ ފަތުރަމުން, ﷲ ގެ އިރާދަފުޅުން މިފަދަ މުޑުދާރު އަމަލެއް ހިންގާ ބައެއްގެ މަސައްކަތް ނާކާމިޔާބު ކުރައްވާށި" ޖަމީލް އުސްމާނު ވިދާޅުވިއެވެ.

ގެމަނަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ޖަމީލް އުސްމާނަކީ ގެމަނަފުށީ ދާއިރާގައި ހިމެނޭ ހުރިހާ ރަށަކަށްވެސް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވައި، ތަރައްޤީގެ އެތަކެއް މަޝްރޫޢުތަކެއް އެދާއިރާއަށް ގެނެސްދެއްވާފައިވާ ބޭފުޅެކެވެ.

އޭނާ ދާއިރާގެ ރައްޔިތުންގެ ޙާލު ވަރަށް ގާތުން ބައްލަވައި، ދާއިރާގެ ހައްޤުގައި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތު ކުރެއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ.

އެގޮތުން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހާޟިރީ އެންމެ ރަނގަޅު މެމްބަރުންގެ ތެރޭގައި ޖަމީލް ހިމެނިވަޑައިގަންނަވައެވެ. ފަސް އަހަރު ތެރޭގައި މަޖިލީހަށް، ޖަމީލް ހާޟިރުވެވަޑައިނުގަންނަވަނީ ތިން ދުވަހުއެވެ. އެ ތިން ދުވަހުވެސް ހުންނެވީ، ގެމަނަފުށީގައި ފާހަގަކުރި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ވަޑައިގެން ގެމަނަފުށީގައެވެ. އަދި މަޖިލީހުގައި ހިމެނޭ އެތަށް ކޮމެޓީއެއްގައި ވެސް ޖަމީލް އަކީ ފާހަގަކޮށްލެވޭ ހީވާގި މެމްބަރެކެވެ. މާލިއްޔަތު ކޮމެޓީ އާއި ބަޖެޓު ކޮމެޓީގައިވެސް އެތަށް ފަހަރެއްގެ މަތިން ޖަމީލް ވަނީ މަސައްކަތް ކުރައްވާފައެވެ.

ހަމައެހެންމެ، ޕާޓީ ބަދަލުކުރުމާއި، ރިޝްވަތުގެ އެކި އެކި ތުޙުމަތުތައް އެކި މެމްބަރުންނަށް ކުރެވެމުންދާއިރިވެސް، ޖަމީލް އަކީ އެއިން އެއްވެސް ކަހަލަ ތުޙުމަތުތަކެއް ކުރެވުނު މެމްބަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމް ޑީޕީ

    ޔާމީން އެވަނީ މިހާރު ޖަމީލު މަގުމަތިކޮށް ބިކަކޮށްފައި. އަޅުގަނޑުގެ ތާއީދު އަބަދުވެސް އޮންނާނީ ޖަމީލުއަށް! ޖަމީލުގެ އެއްވެސް ކުށެއްނެތި ޔާމީނު ޖަމީލު ބާކީކުރިކުރުމަކީ ބަލައިގަނެވޭނެކަމެއްނޫން! އަޅުގަނޑު އާދިލުއަކަށް ވޯޓެއް ނާޅާނަން.

    1
    1
  2. މަހޭޝް

    ބަލަ ޖަމީލޫ ދާއިރާގެ ޕީ. ޕީ. މީހުން އޮޅުވާލައިގެން ތިމަންނައަކީ ޕީ. ޕީ ކެންޑިޑޭޓޭ ކިޔައިގެން އޮޅުވާލީ ނޫންތޭ
    ބަލަ އަހަރަމެން ތާއީދު ކުރަނީ ޖަމީލަކަށް ނޫނޭ ސޮރާ އަހަރަމެން ތާއީދު ކުރަނީ ޔާމީނަށޭ
    މޮޔަ ނުވެބަލަ