ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ދިމާކޮށް އެމް.ޑީ.ޕީން ނެރެފައިވާ އެޖެންޑާ 19 ގައި ހިމެނޭ ފޮރުވިފައިވާ ކަންކަން ސާފުވާންޖެހޭ ކަމަށް، ޑރ މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޝައިނީ މިހެން ވިދާޅުވީ، ޗެނަލް 13 ން ރޭ ގެނެސްދިން "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިންޑިޔާއިން، އެޖެންޑާ 19 ގޮތަށް، މޯދީގެ ކެމްޕެއިން ލޯންޗް ކުރުމާއި ގުޅިގެން އަޅުގަނޑުމެންނަށްވެސް އަޑުއިވިގެން ދިޔައީ ރައީސް ނަޝީދުވެސް އެޖެންޑާ 19 ގެ ނަމުގެ ކެމްޕެއިނެއް ފެއްޓެވިތަން. އަދި އޭގެ އެންމެ ބޮޑު ބޭނުމަކީ ޤައުމިއްޔަތު ބަދަލުކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވި. އެހެންވީމަ، އަޅުގަނޑުމެން އެބަޖެހޭ މި ކަންކަމުގަ ވަރަށް ބޮޑަށް ވިސްނަން." ޝައިނީ ވިދާޅުވިއެވެ.

އިތުރަށް ޝައިނީ ވިދާޅުވީ، ރާއްޖޭގެ ޤައުމިއްޔަތު ބަދަލުކުރާ ވާހަކަ ދައްކާނަމަ، އެ ދައްކަނީ އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤުލާލާއި ގުޅުންހުރި ވާހަކައެއް ކަމަށާއި، މިކަމާއި މެދު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޤައުމިއްޔަތާއި މެދު ވިސްނައިފިކަމަށްވައްޔާމު އެންމެ ފުރަތަމަވެސް އަޅުގަނޑުގެ ހިތަށް އަންނަނީ އިސްލާމު ދީނުގެ ވާހަކައާއި، އަޅުގަނޑުމެންގެ ބަހާގެ ވާހަކައާއި، އަޅުގަނޑުމެންގެ ދިވެހި ބަހުގެ ވާހަކައާއި އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤުލާލުވެ ވާހަކަ." ޝައިނީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ، ޤާނޫނޫ އަސާސީގެ ޗެޕްޓަރ އެކެއްގެ ނުވަ ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޤައުމިއްޔަތުގެ ވާހަކަ ކަމަށާއި، އެޖެންޑާ 19 ގެ ދަށުން، ބަދަލުކުރަން މި އުޅޭނީ ދިވެހިރާއްޖޭގެ ޤައުމިއްޔަތު ކަމާއި މެދު ސުވާލު އުފެދޭ ކަމަށެވެ.

"ޤާނޫނު އަސާސީގެ ޗެޕްޓަރ 1 ގެ 9 ވަނަ މާއްދާ، މީގަ މި ހިމެނޭ އެކެއް އަދި ނުވައެއް ވީމަ އެބަވޭ ނަވާރަ. އެހެންވީމަ އެއީ އެޖެންޑާ 19 ބާއޭ އަޅުގަނޑު ހިތަށް އަރާ. އެ މާއްދާގައި ބަޔާންކޮށްފައި އޮންނާނީ ޤައުމިއްޔަތުގެ ވާހަކަ. ދިވެހި ޤައުމިއްޔަތު ބަދަލުކުރާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. ޤައުމިއްޔަތު އަޅުގަނޑުމެމްނަށް އިތުރަށް ވަރުގަދަ ކުރެވިދާނެ. ނަމަވެސް ޤައުމިއްޔަތު ބަދަލެއް ނުކުރެވޭނެ." ޝައިނީ ވިދާޅުވިއެވެ.

ޑރ ޝައިނީގެ މި ވާހަކަތަކަށް ބާރުލިބޭ ފަދަ މޭރުމަކުން، މުޖޫ ނަޢީމު ވަނީ މިއަދު ޓްވީޓެއްވެސް ކޮށްފައެވެ. އިސްލާމްދީން ދޫކޮށް މުރުތައްދުވެފައި ހުރި މުޖޫ ނައީމް ކުރި ޓްވީޓެއްގައި ވަނީ ރާއްޖެ ސެކިއުލާ ކުރުމަށް އުއްމީދުކޮށް އެކަމަށް މަސައްކަތް ކުރާ މީހުންނާއި ސެކިއުލާ ވިސްނުމުގެ އެންމެން ގުޅިގެން އެމްޑީޕީގެ މަޖިލިސް 19 އެޖެންޑާ ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޝައިނީ އަކީ، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން، ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ ބޭފުޅެކެވެ. މެދުނުކެނޑި 27 އަހަރު ވަންދެން، އެކި ރޮނގު ރޮނގުން ޤައުމަށް ޚިދުމަތް ކޮށްދެއްވާފައިވާ ޝައިނީ އަކީ ޢިލްމީ، ޤާބިލް ބޭފުޅެކެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    އެކަން ވަރައްސާފު ޤައުމު އަޅުވެތިވުމާ ޤައުމުބޮޑުތަނުން ދަރަނިވުމާ ފައްޅިއެޅުމާ އިސްލާމްދީން މިބިމުން ފޮހެލުމާ ބަދަލުގައި އެމްޑީޕީގެ ބޮޑުން މިލިޔަނަރުންނައްހެދުން މިބުނީ ކުރުކޮއް ފޮނީކޮއް!!!