ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެއް ބޭފުޅަކީ، ކެނޑިޑޭޓު ނަމްބަރ 8، އިބްރާޙިމް މުއްތަލިބެވެ.
1984 ވަނަ އަހަރު، މާލޭ އިންގްލިޝް ސުކޫލުން، ގުރޭޑް ނުވަ އަކާއި ހަމައަށް ކިޔަވާ ވިދާޅުވުމަށްފަހު، ސެކްރެޓަރީ ކަމުގެ ސަނަދު ޙާޞިލްކުރައްވާ، 1993 ވަނަ އަހަރު އިދާރީ ހިންގުމުގެ ދާއިރާއިން ތަމްރީން ހޯއްދެވިއެވެ. ހަމައެހެންމެ، 2008 ވަނަ އަހަރު، ސީ.އެމް.ޑީ.އޭ އިން ހިންގި، ޑައިރެކްޓާރސް ޓްރެއިނިންގ ޕްރޮގްރާމްވެސް ފުރިހަމަ ކުރެއްވިއެވެ.
މުއްތަލިބަކީ ވަރަށް ގިނަ ތަޖުތިބާ ތަކެއްވެސް ޙާޞިލްކުރައްވައިގެން ހުންނެވި، ހިންގުންތެރި ބޭފުޅެކެވެ. އެގޮތުން، މޯލްޑިވިއަން ޓްރޭޑާރސް އެސޯސިއޭޝަންގެ ދެ މަޤާމަކާއި، ނެޝަނަލް ޗެމްބަރ އޮފް ކޮމާރސް އެންޑް އިންޑަސްޓްރީގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމާއި، ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު ޑައިރެކްޓަރ ގެ މަޤާމުވެސް މުއްތަލިބު ވަނީ ފުރުއްވާފައެވެ.
މީގެ އިތުރުން، 12 އަހަރު ވަންދެން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެގްޒެކެޓިވް ބޯޑު މެމްބަރުކަންވެސް މުއްތަލިބް ވަނީ ކުރައްވާފައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ، މުއްތަލިބަށް ލިބިވަޑައިގަންނަވާފައިވާ އެންމެ ބޮޑު އެއް ތަޖުރިބާ އަކީ، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތެރޭގައި ލިބިވަޑައިގެންނެވި ތަޖުރިބާއެވެ.
މަޖިލީހުގައި ހޭދަކުރެއްވި ފަސް އަހަރު ތެރޭގައި މުއްތަލިބު ވަނީ އަގުހުރި އެތަށް މަސައްކަތްތަކެއް ކުރައްވާފައެވެ. އެތަށް ޤާނޫނަކަށް އިޞްލާޙުތައް ހުށަހަޅާ، ރައްޔިތުންނަށް ފައިދާ ހުރި އެތަށް މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޢާއްމު ކޮމިޓީގެ ނައިބު މުޣައްރިރުކަން ކުރެއްވުމާއި، ފެޓިޝަން ކޮމެޓީގެ މުޣައްރިރުކަން ކުރެއްވުމާއި، ޕްރޮމޯޝަން އެންޑް މެމްބަރޝިޕް ކޮމެޓީގެ ނައިބު މުޣައްރިރުކަން ކުރެއްވުން ހިމެނިގެން ދަނީ، މަޖިލީހުގައި މުއްތަލިބު ކުރައްވާފައިވާ އަގުހުރި މަސައްކަތްތަކުގެ ގޮތުގައެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް މުއްޠަލިބު ކުރިމަތިލައްވާއިރު މަޖިލިސް ތެރެއިން މުއްތަލިބު އެންމެ ކުރައްވަން ބޭނުންފުޅުވެލައްވާ މަސައްކަތަކީ، އިސްމާލް ދީނާއި ޤައުމިއްޔަތު ޙިމާޔަތްކުުރުމުގެ މަސައްކަތެވެ.
"އަޅުގަނޑުގެ އެންމެ އިސްކަމެއް ދޭނެ މަސައްކަތަކަށްވާނީ، އިސްލާމްދީނާއި ޤައުމިއްޔަތު ޚިމާޔަތްކުރުމުގެ މަސައްކަތް ކުރުން. މީގެ ކުރިންވެސް، އިސްލާމްދީނާއި ގުޅޭ އިޞްލާޙުތައް، ވަރަށް ގިނަ ޤާނޫނުތަކަށް އަޅުގަނޑު ހުށަހަޅާފައި ހުންނާނެ. މަޖިލީހުގައި ތިއްބަވާ ބޭފުޅުންނަކީ ތަންފީޒީ މަރުޙަލާގަ ތިބޭ ބައެއް ނޫން. ޤާނޫނުތައް ހެދުމާއި، ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން އެއީ އެބޭފުޅުން ކުރައްވަން ޖެހޭ މަސައްކަތް." "ވަގުތު" އަށް ދެއްވި އިންޓަވިއު އެއްގައި މުއްތަލިބު ވިދާޅުވިއެވެ.
ނަވާރަ ވަނަ މަޖިލީހަށް މުއްތަލިބު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ހަވަނަ ދުވަހުއެވެ.
އިސްލާމްދީން ޙިމާޔަތް ކުރަން އިސްލާމިކް މިނިސްޓްރީ ހުންނާނެ. ޤައުމިއްޔަތު ޙިމާޔަތްކުރަން ސިފައިން ތިބޭނެ. އެހެންވީމާ މުއްޠަލިބަށް ކީއްކުރަންދޭ ވޯޓެއް.
މި ބޭފުޅާގެ ފަހަރި ކޮއްކޮ ދެވެ ވ ވ ވ ލޯބިވޭ