ޑިޕްލޮމާއިން ފެށިގެން ޕީ.އެޗް.ޑީ އާއި ހަމައަށް، ރާއްޖޭން ބޭރުން މަތީ ތަޢުލީމު ޙާޞިލްކުރުމަށް ލޯނަށް އެދުމުގެ ފުރުޞަތު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަން އިޢުލާން ކޮށްފައިވަނީ، މިކަމާއި ގުޅޭގޮތުން، މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މީޑީޔާތަކަށް މަޢުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާޙިމް ޙަސަން ވިދާޅުވީ، ރާއްޖޭން ބޭރުގައި މިހާރު ކިޔަވާ ދަރިވަރުންނަށްވެސް އަދި އަލަށް ކިޔަވާ ދަރިވަރުންނަށްވެސް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައި އޮންނާނެ ކަމަށާއި، ނަމަވެސް އަލަށް ކިޔަވާ ދަރިވަރުންނަށް ހުށަހެޅޭނީ ރާއްޖެއިން ކިޔެވެން ނެތް ދާއިރާ ތަކަށް އެކަނި ކަމަށެވެ. އަދި މިހާރު ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިން ލޯނަށް އެދޭއިރު، އެ ކޯހުގެ ފަންސާސް އިންސައްތަ ނިންމާފައި އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫން ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

"މި ލޯނަކީ ރާއްޖޭން ބޭރުން ކިޔަވާ ދަރިވަރުންނަށް ހުށަހެޅޭ ގޮތަށް އަޅުގަނޑުމެން ހަމަަޖަައްސާފައިވާ ލޯނެއް. މިހާރު ކިޔަވަމުން ދާ ދަރިވަރުންނަށްވެސް އެ ފުރުޞަތު އޮންނާނެ. އަދި އެކުދިންގެ ކޯހުގެ ފަންސާސް އިންސައްތަ ނިމިފައިވުންވެސް މިހާރު ލާޒިމެއް ނޫން." ޙަސަން ވިދާޅުވިއެވެ.

މި ފުރުޞަތުގެ ދަށުން ޖުމްލަ 242 ދަރިވަރަކަށް ވަނީ ލޯނު ދޫކުރަން ހަމަޖެހިފައެވެ. އޭގެ ތެރެއިން 158 ފުރުޞަތަކީ އަލަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އޮތް ފުރުޞަތުތަކެވެ. އަދި 84 ފުރުޞަތަކީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުޞަތު ތަކެވެ.

ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އަންނަ އެޕްރީލް މަހުގެ ނިޔަލަށެވެ.